މޫސުމީ ބަދަލުތަކާއި މެދު ހޭލުންތެރިވުމަށާއި މޫސުމީ ބަދަލުތަކަށް ޙައްލު ހޯދުމަށް ވަކާލާތުކުރުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ ލީޑަރޝިޕް އެންޑް ރެސިލިއެންސް ޕްރޮޖެކްޓްގެ ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ރާއްޖެ ވަކާލާތުކުރަމުން އަންނަތާ އެތަށް އަހަރެއްވެފައިވާ އިރު، އޭގެން ނަތީޖާ ފެންނަން ފެށީ، 2015 ވަނަ އަހަރު ދުނިޔޭގެ އެތަށް ޤައުމެެއް އެއްބައިވެ، ޕެރިސްގައި އެކުލަވާލެވުނު މުޢާހަދާއަށް ފަހުއެވެ. އަދި، އޭގެ އަށް އަހަރުފަހުން، ނިމިގެންދިޔަ ކޮޕް 28 ސަމިޓްގައި ގްލޯބަލް ސްޓޮކްޓޭކަކަށް ޤައުމުތަކަށް އެއްބަސްވެވި، އެއަށް ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކާއި އަޅާބަލާއިރު، ރާއްޖެއިން ޖައްވަށް ބޭރުކުރާ ނުރައްކާތެރި މާއްދާގެ މިންވަރަކީ 0.0035 އިންސައްތަ ކަމަށެވެ. އެއަދަދަކީ ކުޑަ އަދަދަކަށްވީ ނަމަވެސް، ރާއްޖެއިން މަސައްކަތް ކުރާނީ މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށް އެހެން ޤައުމުތަކަށް ނަމޫނާ ދައްކާ ބަޔަކަށްވުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރ ވަނީ ސަރުކާރުން އިއުލާންކޮށްފައިވާ އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާފައެވެ.
މިފަދަ މުހިއްމު މަސައްކަތްތައް ކުރިއަށްދާއިރު، ޑިޕްލޮމަސީ އާއި ވަކާލާތުކުރުމާއި، ތަރައްޤީވެފައިވާ ޤައުމުތަކުން ރާއްޖެފަދަ ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވެދިނުމުގެ މުހިއްމުކަމަށް މިނިސްޓަރ ޠާރިޤް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކްލައިމެޓް ޗޭންޖް ޑިޕްލޮމަސީ ލީޑަރޝިޕް އެންޑް ރެސިލިއެންސް ޕްރޮޖެކްޓަކީ ޔޫރަޕިއަން ޔޫނިއަން އިން ފަންޑްކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް ހިންގި މަޝްރޫއެކެވެ. ބެލްޖިއަމްގެ ޔުނިވަރސިޓީ އޮފް ލިއެޖް، ސްލޮވާކިޔާގެ ޔުނިވަރސިޓީ އޮފް އިކޮނޮމިކްސް އޮފް ބްރަޓިސްލާވިއާ، ފްރާންސްގެ ޔުނިވަރސިޓީ ޕެރިސް ސީޓޭ އާއި އެމްއެންޔޫ ގުޅިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން، މޫސުމީ ބަދަލުތަކާއި ބެހޭ ޑިގްރީއެއް އެމްއެންޔޫއަށް ތަޢާރަފްވެގެންދިޔައެވެ. އަދި، މަޢުލޫމާތު ބަދަލުކުރުމުގެ އެތަށް ޕްރޮގްރާމްތަކެއްގައި ހަތަރު ޔުނިވަރސިޓީއިން ވަނީ ބައިވެރިވެފައެެވެ.

