މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ހިންގުމަށް ނަގަމުން އަންނަ އިދާރީ ފީ, އަންނަ އަހަރުން ފެށިގެން ކުޑަކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައި ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާނުކޮށްފި އެވެ.
އެމްއާރްޕީއެސް ހިންގުމަށް އިދާރީ ފީ ނަގަނީ ޕެންޝަނާ ބެހޭ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
މިހާތަނަށް ޕްރީ ރިޓަޔަމަންޓް ފަންޑުންނާއި, ޕޯސްޓް ރިޓަޔަމަންޓް ފަންޑުން, އިދާރީ ފީ ގޮތުގައި ނަގަނީ 0.6 އިން ސައްތަ އެވެ. އަލަށް ގެނައި ބަދަލާ އެކު, ދެ ފަންޑުން އިދާރީ ފީ ގެ ގޮތުގައި ނަގާނީ ދެ މިންވަރެކެވެ.
އެގޮތުން ޕްރީ ރިޓަޔަމަންޓް ފަންޑުތަކުން ޖަނަވަރީ 1 އިން ފެށިގެން ނަގާނީ އަހަރަކު 0.5 އިންސައްތަ އެވެ. އަދި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން ޖަނަވަރީ 1 އިން ފެށިގެން އަހަރަކަށް ނަގާނީ 0.3 އިންސައްތަ އެވެ.
ޕްރީ ރިޓަޔަމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަނުވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ އިންވެސްޓްމަންޓްތަކުން ނެރެވޭ ނަފާ އިތުރުކޮށް ފައިސާގެ އަގު ހިފެހެއްޓުމަށެވެ.
ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ ކޮންޒަވެޓިވްކޮށް އިންވެސްޓްކޮށްގެން ފައިސާގެ އަގު ހިފެހެއްޓުމަށެވެ.
އިދާރީ ފީ ނެގުމުގެ މަގުސަދަކީ، އެމްއާރްޕީއެސް ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމެވެ. އެ ހަރަދުތަކުގެ ތެރޭގައި ހިސާބު ބެލެހެއްޓުމުގެ ހަރަދާއި, އިންވެސްޓްކުރުމުގެ ކަންކަމަށްދާ ހަރަދާއި، މާލީ ގޮތުން ކުރެވޭ މުއާމަލާތްތަކާ ގުޅިގެން ހިނގާ ހަރަދާއި، ކަސްޓޯޑިއަންގެ ހަރަދު, އަދި އޯޑިޓްކުރުމަށް ހިނގާ ހަރަދުތައް ހިމެނެ އެވެ.
އިދާރީ ފީ ގެ ގޮތުގައި ނަގާ އަދަދު ވީހާ ވެސް ކުޑަކުރުމަށް ޕެންޝަން އޮފީހުން ބޮޑަށް ސަމާލުކަންދޭކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. އެ އޮފީހުން މީޑިއާތަކަށް ބުނީ މިއީ ޕެންޝަން ގާނޫނު ވުޖޫދުވި ފަހުން މި އަދަދު ކުޑަކުރާ ހަތަރު ވަނަ ފަހަރު ކަމަށެވެ. މީގެ ކުރިން ކުޑަކުރީ 2015، 2017 އަދި 2018 ގަ އެވެ.
އިދާރީ ފީ ގެ ގޮތުގައި ނަގާ އަދަދުގެ ތަފްސީލު މެމްބަރުންގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގެ ސްޓޭޓްމަންޓުން އެނގެން ހުންނާނެ އެވެ. އަދި ސްޓޭޓްމަންޓާއި, އެކައުންޓުގައި ހުރި ފައިސާގެ އެހެން ތަފްސީލުތައް ކޮޝާރު އެޕްލިކޭޝަނުންނާއި, ވެބްސައިޓުން ފެންނާނެ އެވެ.
ރިޓަޔަރ ކުރުމަށް ފަހު އެހެން މީހަކަށް ބަރޯސާނުވެ އަބުރުވެރިކަމާ އެކު އުޅެވޭނެ މަގު ފަހިކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އެމްއާރްޕީއެސްގައި ބައިވެރިވުމަކީ، ރާއްޖޭގައި ވަޒީފާއަދާކުރާ އުމުރުން 16 އަހަރާއި، 65 އަހަރާ ދެމެދުގެ ދިވެހިން ގާނޫނުން މަޖުބޫރުކަމެކެވެ. އަދި އަމިއްލަ މަސައްކަތްކުރާ މީހުންނާއި، މަސްވެރިންނާއި، ދަނޑުވެރިން އަމިއްލަ އިހުތިޔާރުގައި އެމް.އާރް.ޕީ.އެސްގައި ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ.
އެމްއާރްޕީއެސްއަށް ޖަމާވާނީ އެ މުވައްޒަފެއްގެ ޕެންޝަނަށް ބަލާ މުސާރަ ކަމަށްވާ އަސާސީ މުސާރައިގެ 7 އިންސައްތަ އެވެ. އެ އަދަދު ވަޒީފާދޭ ފަރާތުން ވެސް ޖަމާކުރަން ޖެހޭނެ އެވެ. ކޮންމެ މަހަކު ވެސް އެ މުވައްޒަފެއްގެ ނަމުގައި އެމްއާރްޕީއެސްއަށް އަސާސީ މުސާރައިގެ 14 އިންސައްތަ ޖަމާވަމުން ދިއުމެވެ. އަމިއްލަ އިހުތިޔާރުގައި، މިއަށް ވުރެ ބޮޑު އަދަދެއް ޖަމާކުރުމުގެ ފުރުސަތު ވެސް ގާނޫނުން ވަނީ ފަހިކޮށްދީފަ އެވެ.
އެމްއާރްޕީއެސްގައި ހުންނަ ފައިސާ ކޮންމެ މީހަކަށް ވެސް ލިބޭނީ އުމުރުން 65 އަހަރު ފުރި ރިޓަޔަވުމުންނެވެ. ނަމަވެސް ވަކި ޝަރުތުތަކެއް ހަމަވާ ނަމަ 55 އަހަރުގައި އާލީ ރިޓަޔަމަންޓް ނެގިދާނެ އެވެ.
ރިޓަޔަކުރުމުގެ ކުރިން އެ ފައިސާ ބޭނުން ކުރެވޭނެ އޮންނަނީ މިވަގުތު ދެ ހާލަތެކެވެ. އެއީ ހައުސިން ޑައުންޕޭމަންޓް ދެއްކުމަށާއި, ފަރުޟު ހައްޖުއަދާކުރުމަށަށެވެ. ނަމަވެސް އެ ދެ ހާލަތުގައި ވެސް އެ ފައިސާ ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން, ވަކި ޝަރުތުތަކާ އެކު އެވެ.

