ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުށިދިއްގަރު ހިއްކަން އެހެން ސަރަހައްދުތަކުން ވެލި ނަގާކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފި

ފުށިދިއްގަރު ފަޅުގެ ބިޔަ މަޝްރޫއު ފެށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ ”ރަސްމާލެ“ ތަރައްގީ ކުރުމަށް ފުށިދިއްގަރުފަޅު ހިއްކަނީ މާލެ ސަރަހައްދުގައި ހިއްކާ އެހެން ބައެއް ސަރަހައްދުތަކުން ވެލި ނަގައިގެންކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި އެވެ.

”ރަސްމާލެ“ ގެ ނަމުން ނަންދީ، ފުށިދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ފެށިއިރު މިއީ މާލޭގެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލުކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު މާލެ ކައިރީގައި އެހެން ފަޅުތަކެއް ހުއްޓައި، ދުރުގައި އޮތް ފުށިދިއްގަރު ފަޅު ހިއްކުމަކީ ގޯހެއްކަމަށް ބުނެ އިދިކޮޅުގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އޭގެ ފަހުން ފެންމަތިވި ތުހުމަތަކީ ގުޅީފަޅު ހިއްކާ ސަރަހައްދުން ވެލި ނަގައި މަޝްރޫއުއަށް ބޭނުން ކުރަމުން ދާކަމަށެވެ.

ތުހުމަތުތައް ދޮގު ކުރައްވައި މިއަދު ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ރަސްމާލެ ހިއްކާތީ ދެން ހުރި ބިންތަކުގެ މަޝްރޫއުއަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. ރަސްމާލެ ޕްރޮޖެކްޓަށް ވެލި ނަގަން އެންވައިރޮމެންޓަލް އިމްޕެކްޓް އެސެސްމންޓް (އީއައިއޭ) ހަދާފައި ވަނީ މިނިސްޓަރ ވިދާޅުވި ގޮތުގައި މާލެ އަތޮޅު ދެކުނެވެ. އަދި ގުޅިފަޅަށް ވެލި ނަގަނީ މާލެ އަތޮޅުގެ އުތުރުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތައް އާބަންކޯގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވެސް ވަނީ ދޮގު ކުރައްވާފަ އެވެ. ފަޒުލް ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ބިޔަ މަޝްރޫއުއަކާއި ގުޅުވައި ހިތުގައި ނުތަނަވަސްކަމާއި ސުވާލުތައް އުފެދޭ ގޮތަށް ވާހަކަތައް ދެއްކުން ކުށްވެރި ކުރާކަމަށެވެ.

މާލެ ސަރަހައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ.

މިކަމުގައި ރައީސް މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ. އެގޮތުން، 1153 ހެކްޓަރުގެ ބިން ނުވަތަ ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް ފުށިދިއްގަރު ފަޅުން ހިއްކާނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއުއެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: