2024 ވަނަ އަހަރު ފެށިގެން އައިރު، އުއްމީދަކީ މިއަހަރުގެ ތެރޭގައި ފަންނުވެރި ދިވެހި ޒުވާނުންގެ އެހީގައި ގައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ލިބުންކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.
އާ އަހަރުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި އެންމެ ފުރަތަމަ މިނިސްޓަރު ވަނީ ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުންނަށާއި، ދިވެހި ރައްޔިތުންނަށާއި ވަކިން ހާއްސަކޮށް ދިވެހި ޒުވާނުންނަށް ދުވަހުގެ ތަހުނިއްޔާ ފޮނުއްވާފައެވެ.
ކޮންމެ އާ ފެށުމަކީ އާ އުއްމީދުތަކާއި، އާ އަޒުމަކާއި، އާ ލަނޑުދަނޑިތަކެއް ކަނޑައެޅޭ ވަގުތެއްކަން އާ އަހަރަކާއި ބައްދަލުކުރާއިރު ހަދާން ކުރަން ޖެހޭކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ 2024 ވަނަ އަހަރާއި ބައްދަލު ކުރަން ވާނީ، ފާއިތުވެދިޔަ އަހަރުން ދަސްކުރި ފިލާވަޅުތަކާއިއެކުކަމަށެވެ.
ހަޔާތުގެ މައިދާނުގައި ހަމަ ކޮންމެ ދުވަހަކީ، އާ ގޮންޖެހުންތަކާއި އަޅުގަނޑުމެންނާއި ކުރިމަތިވާނެ ދުވަހެއް.
މިނިސްތަރު ވިދާޅުވިއެވެ.
ކޮންމެ ދުވަހަކީވެސް ގޮންޖެހުންތަކާއި ކުރިމަތިވާނެ ދުވަހެއްކަމަށާއި، މިކަމާއި ކުރިމަތިލާއިރު، އެކަމަށް ބޭނުންވާނެ ސައްހަ މައުލޫމާތާއި، ހުނަރާއި ގާބިލިއްޔަތުކަން އިތުރުކުރުމަކީ އެ ގޮންޖެހުންތައް ހުރަސް ކުރުމަށް ފަސޭހަވެގެންދާކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ބަލާއިރު، އަހަރު ދުވަހަކީ ވަރަށް ކުރު މުއްދަތެއް،އަނެއް ގޮތުން ބަލާއިރު، އެއީ ވަރަށް ދިގު މުއްދަތެއްވެސް މެ. މި ދުވަސްތަކަކާއިމެދު އަޅުގަނޑުމެން ގާފިލުވެއްޖެނަމަ އެއީ އަޅުގަނޑުމެންގެ ހަޔާތުން ގެއްލިގެންދިޔަ، މާނައެއް ނެތް ވަގުތުތަކެއް.
މިނިސްތަރު ވިދާޅުވިއެވެ.
އަހަރު ދުވަހަކީ، އެއްގޮތުން ބަލާއިރު ކުރު އަދި އަނެއް ގޮތުން ބަލާއިރު ކުރު މުއްދަތެއްކަމަށާއި، މި ދުވަސްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފިއްޖެނަމަ އެއީ ހަޔާތުން ގެއްލިގެންދާ މާނައެއް ނެތް ވަގުތުތަކެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ދުވަސްތައް ދުރާލާ ރާވާ، އިންތިޒާމްކޮށްގެން ހެޔޮ ގޮތުގައި ބޭނުން ކުރެވިއްޖެނަމަ މިއަހަރު އަލްވަދާއު ކިޔާނީ ކާމިޔާބީގެ ހިނިތުންވުމަކާއިއެކުކަމަށެވެ. މި ފެށުނު އަހަރަކީ ފަންނުވެރި ދިވެހި ޒުވާނުންގެ އެހީގައި ގައުމީ ބޮޑެތި މައްސަލަތައް ހައްލު ކުރެވިގެންދާނެ އަހަރަކަށްވުމަކީ އުއްމީދެއްކަމަށްވެސް ވިދާޅުވިއެވެ. އަދި މިއަހަރަކީ ޒުވާނުން ބާރުވެރިކުރެވި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ފުރުސަތުތައް ފުޅާވެ، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭ އަހަރަކަށްވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

