ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާގެ ހެކަރުންގެ ނެޓްވޯކަކުން ހެކް ކޮށްފިއެވެ.
އެ ވެބްސައިޓު ހެކް ކުރުމަށްފަހު ހެކް ކުރި ގްރޫޕުން ބުނެފައިވަނީ އެމީހުންނަކީ ”ބާރަތިޔާ ހެކަރުން“ ކަމަށާއި އެ ވެބްސައިޓް ހެކް ކޮށްފައިވަނީ ސަރުކާރުގެ އިސް ބައެއް ބޭފުޅުން އިންޑިއާ އަށް ބަދު ބަސް ބުނެ ފުރައްސާރަކޮށް ދެއްކެވިފައިވާ ވާހަކައިގެ ސަބަބުން ކަމަށެވެ.
އެ ސައިޓުގައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، ހަސަން ޒިހާންގެ ނަން ވެސް ފާހަގަކޮށްފައެވެ. ހެކަރުން ބުނެފައިވަނީ އިންޑިއާގެ ބޮޑުު ވަޒީރަށް މަލާމާތް ކޮށްފައިވާ ކަމަށާއި އެ ވާހަކަތަކަކީ ހަމައެކަނި ލަދުވެތި ވާހަކަތެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ގެއްލުން ހުރި ވާހަކަތަކެއް ކަމަށެވެ.
ޖުވެނައިލް ކޯޓުގެ ވެބްސައިޓުގައި ލިޔެފައިވަނީ އިންޑިއާގެ ސަގާފަތާއި ދެކޮޅަށް އިހާނެތި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި ޝިއުނާ ފަދަ ބޭފުޅުން ތިބުމުން ދައްކުވައިދެނީ ރާއްޖެ އޮތް ނިކަމެތި ހާލު ކަމަށެވެ. އަދި ވެބްސައިޓް ހެކް ކުރުމަކީ އިންޒާރެއް ކަމަށާއި ކުރިއަށް އޮތްތާ އެފަދަ ވާހަކަތައް ދައްކާނަމަ އެކަން ބަލައި ނުގަންނާނެ ކަމަށް ވެބްސައިޓުގައި ވެއެވެ.
މީގެއިތުރުން ރާއްޖޭގެ ސައިބަ ސްޕޭސްއަށް އަސަރު ކުރާނެ ފަދަ ފިޔަވަޅު އެޅުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް ވަނީ ބުނެފައެވެ. އަދި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އެފަދަ ކަންކަމަށް ހިތްވަރު ދިނުން ހުއްޓާލުން ކަމަށް ވެސް ވަނީ ބުނެފައެވެ.

