ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަނު ކުރި ވަޒީރުންގެ ތެރެއިން ރުހުން ނެތްކަމަށް ފާސްވި ބޭފުޅުން އަލުން މަގާމަށް އައްޔަނުކޮށް ނަންތައް ތަޅުމަށް ނުފޮނުވޭނެކަމަށް ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ގާނޫނީ ލަފާ ދެއްވާފައި ނުވާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ހޯމަ ދުވަހު ވަޒީރުންނާއި މެދު ވޯޓަށް އެހުމުން، އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުން ނިންމި ގޮތަށް ފާސް ވީ ތިން ވަޒީރަކަށް ރުހުން ނެތް ކަމަށެވެ. އެއީ ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރުކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައިދުގެ އިތުރުން ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމަށެވެ. އެމްޑީޕީން ނެރުނު ވިޕާއި ހަތަރު މެމްބަރަކު ހިލާފުވެ، އިކޮނޮމިކް މިނިސްޓަރުކަމަށް މުހައްމަދު ސައީދަށް ވޯޓު ދިނުމުން އޭނާއަށް ރުހުން އޮތްކަމަށް ވަނީ ފާސްވެފަ އެވެ.
ވަޒީރުންނަށް ރުހުން ނުދިނީ، ޒާތީ ގޮތުން ޖައްސާލައި ސަރުކާރުގެ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުންކަމަށް ތުހުމަތުތައް ކުރިނަމަވެސް އެކަން އެމްޑީޕީއާއި ޑިމޮކްރެޓްސް ދޮގުކުރެ އެވެ. އަދި ބުނެފައި ވަނީ ތިން ވަޒީރުންނަށް ވެސް ރުހުން ނުދިނީ ޕާލިމަންޓު ގުރޫޕުގައި ކުރި މަޝްވަރާތަކަށް ފަހު މެމްބަރުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ފަހުކަމަށެވެ. އެބޭފުޅުން ހަމަ އެ ދުވަހު މަގާމަށް އައްޔަނު ކުރުމުން އެއީ ރައީސުލްޖުމްހޫރިއްޔާ ގާނޫނަށް ގޮންޖެއްސެވުންކަމަށް ސިޔާސީ ޕާޓީތަކުން ތުހުމަތު ކުރެއެވެ.
ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަކީ ރުހުން ލިބިފައިވާ ބަޔަކަށް ވާން ޖެހުނު ނަމަވެސް އެ ނޫން ހާލަތެއްގައި ދެން ވާނެ ގޮތެއް ބަޔާންކޮށްފައި ނެތެވެ. އަދި އެބޭފުޅުން އަލުން މަގާމަށް އައްޔަނު ކުރެވިދާނެ ތޯ ނުވަތަ ނޫން ތޯ ވެސް ނެތެވެ.
މި މައްސަލައިގައި އިއްޔެ އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ އެއީ ގާނޫނުއަސާސީއަށް ގޮންޖެހުން ކަމަށާއި، މަޖިލީހުން ނިންމާ ނިންމުމެއްގެ މައްޗަށް ބާރު ނުފޯރުވާނެ ކަމަށެވެ. ބިގޭ ވިދާޅުވީ ރުހުން ނުދޭން ނިންމި ނަންތައް އަލުން މަޖިލީހަށް ނުފޮނުވޭނެކަމަށާއި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފައަކީ ވެސް އެއީކަމަށެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްވުމުން، ސަރުކާރުން މި ނިންމެވީ އެ ވަޒީރުންނަށް އަލުން މަގާމު ދެއްވުމަށް ފޮނުވަންކަމަށް އެނގިފައި އޮތީ… އެކަމަކު ގާނޫނު ހަދާ މަޖިލީހުން، ގާނޫނު ހަދަން ތިބި މީހުންނާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ބައްދަލުވުމެއްގައި އަޅުގަނޑުމެން ވެސް ބައިވެރިވިން، އެ މަޖިލީހުގައި ކައުންސިލް ޖެނެރަލް ވެސް ވަރަށް ސާފުކޮށް ވިދާޅުވި ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަލުން އަނބުރާ ނުފޮނުވޭނެކަމަށް
އެއީ ރަސްމީ ބައްދަލުވުމެއްތޯ ނުވަތަ، ދެކެވުނު ވާހަކައެއްގެ ތެރެއިން ވިދާޅުވި ވާހަކައެއްކަން ބިގޭ ހާމައެއް ނުކުރައްވަ އެވެ. މީޑިއާތަކުން އެ ހަބަރުގެ އިއްޔެ ރިޕޯޓު ކުރީ ނަންތައް އަލުން ނުފޮނުވޭނެކަމަށް ކައުންސެލް ޖެނެރަލް ފިލްޒާ ލަފާ ދެއްވާފައިވާ ކަމަށެވެ. އެއީ ކޮން ބައްދަލުވުމެއްކަމާއި މެދު ސުވާލު އުފެދޭތީ، އެކަން ސާފުކޮށްދޭން އެދުމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ ރަސްމީ ގޮތުން އެކަމުގެ އެއްވެސް ލަފައެއް ފިލްޒާ ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ޕާޓީތަކާއި އެފަދަ ރަސްމީ މަޝްވަރާއެއް ނުކުރެވޭކަމަށް ވިދާޅުވި އެވެ.
ޕާލިމަންޓު ގުރޫޕުތަކާއި އެކު އެއްވެސް ބައްދަލުވުމެއް މަޖިލީހުގައި އިއްޔެ ކުރިޔަށް ދިޔަ ތޯ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖުއާ ސުވާލު ކުރުމުން ވިދާޅުވީ ޕްރެސް ކޮންފަރެންސް އަޑުއިވުނުކަމަށާއި އަދި އެއީ ކޮން ބައްދަލުވުމެއްކަމާއި މެދު އޭނާއަށް ވެސް ސުވާލު އުފެދުނު ކަމަށެވެ. ސިރާޖު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ އެނގިގެން އެފަދަ ބައްދަލުވުމެއް ނެތްކަމަށާއި، ނުވަތަ ހަމައެކަނި އެމްޑީޕީގެ ޕީޖީއާއި ބައްދަލުވުމެއް ބާއްވަން ވީ ސަބަބެއް ނޭނގޭ ކަމަށެވެ.
ވަޒީރުންނަށް ރުހުން ނުދިނުމުގައި އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ހުރީ އެއް ސަބަބުތަކެވެ. އެގޮތުން ހައިދަރުއަށް ރުހުން ނުދިނީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައްސަލައިގައި އަމަލު ކުރައްވާ ގޮތާއި މިނިސްޓަރ ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅަށެވެ. އެއަށް ފަހު ޝަހީމަށް ރުހުން ނުދިނީ އަމިއްލަ މަސްލަހަތު އިސްކުރާކަމުގެ ޝަކުވާތައް ލިބިފައިވާކަމަށް ބުނެ އެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި ޝަހީމްގެ ހިއްސާ އޮތް ކުންފުންޏަކަށް ހިއްސާ ބަދަލުކޮށް ޕްރޮޖެކްޓެއް ހަވާލު ކުރިކަމަށް ތުހުމަތު ކުރުމާއި، ރާއްޖެއަށް ލިބޭ އިތުރު ހައްޖު ކޯޓާތަކުން ރައްޔިތުންނަށް ދަތިވާގޮތަށް އަމަލު ކުރާކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އުޝާމަށް ރުހުން ނުދޭން ނިންމީ، ކަނޑުގެ މައްސަލައާއި އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ބައެއް ކަންކަން ކުރައްވާކަމުގެ ތުހުމަތަށެވެ. އެކަމަކު އެކަމުގެ މާބޮޑު ތަފްސީލެއް ދެ ޕާޓީން ވެސް ނުދެ އެވެ.
ރުހުން ނުދޭން ފާސްކުރި ދުވަހު ޓުވީޓެއް ކުރައްވައި ޝަހީމް ވިދާޅުވީ އޭނާގެ ޒިންމާ އޮތް މިނިސްޓްރީގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ހިދުމަތް ދިނުން ކަމަށެވެ.
Hageegathaa khilaaf vahaka eh. Kankamuge hageegai nubalai aburukathilumaki varah naa thahuzeebu amaleh. Evves kameh ga amilla maslahathu iskoh coruption he amaleh hingaafa eh nuvaane. https://t.co/F8YXILaxC6
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 30, 2024
ސިޔާސީ މަސައްކަތުގައި އުޅޭއިރު ޒާތީ ގޮތުން ދިމާވާ ކަންކަމުގައި އެއްވެސް ހިތްބުރަކަމެއް ނެތްކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ރުހުން ނުދޭން ނިންމުމުން އާންމުންގެ ފަރާތުން ފެނިގެން ދިޔަ ކަންބޮޑުވުންތަކުން މަސައްކަތް ކުރުމުގެ އައު ހިތްވަރެއް ލިބިގެން ދިޔަކަމަށް ޝަހީމް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ޖެއްސުންކޮށް، ޒާތީވާކަމަށް ތުހުމަތުކޮށް އުޝާމް ވެސް ވިދާޅުވީ މަގާމުގެ ގޮތުން މިހާތަނަށް ކުރެއްވި އެއްވެސް މަސައްކަތެއްގައި ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
އަޅުގަނޑު ވަޒީފާގެ ހައިސިއްޔަތުން ޕްރޮފެޝަނަލީ ނިންމާފަ އޮތް އެއްވެސް ނިންމުމަކާ ގުޅިގެން ރުހުން ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. މިއީ ޒާތީ ކަމެއް. ޒާތީގޮތުން ޖައްސާލާ، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށިވެސް ނުކުރެވޭނެ. ރައީސް… https://t.co/2T0ILwwlKn
— Ahmed Usham (@a_usham) January 28, 2024
މިހާތަނަށް އައިއިރު ހައިދަރު، މި މައްސަލައިގައި އެއްވެސް ވާހަކައެއް ނުދައްކަވައެވެ.
އަލުން ވަޒީރުންނަށް މަގާމުގެ ހުވާކުރެވިދާނެ ތޯ، ގާނޫނީ ގިނަ ސުވާލުތަކެއް އުފެދިފައި ވަނިކޮށް ރައީސުލްޖުމްހުރިއްޔާ އަޒުލު ކުރުމުގައި އަމަލު ކުރާނެ ގޮތާއި މެދު ގަވައިދަށް ގެނައި އިސްލާހު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އާދީއްތަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެކަމުގެ މައުލޫމާތު އޭޖީ އޮފީހުން މީޑިއާތަކަށް ދިނީ އޭގެ ތިން ދުވަސް ފަހުންނެވެ.

