ތަހުގީގަށް ހައްޔަރުކޮށްފައި ”ވާނުވާ“ ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެކިއެކި ކުށްތަކުގެ ތަހްގީގުގައި، ”ވާނުވާ“ގައި ވަކި މުއްދަތެއްނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުން، އެއީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި އެއްވައުދު ކަމަށެވެ. އަދި ރައްޔިތުންގެ މަޖްލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އެ އިސްލާހު ހުށަހަޅާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އެންމެހައި މަދަނީ ޙައްޤުތައް ލިބިދޭކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. ކަމާގުޅޭ ކަންކަން ވިލަރެސްކުރުމަށްޓަކައި އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ފަދައިން ”އޮފީސް ފޮރ ސިވިލް ރައިޓްސް“ ގެ ނަމުގައި ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ވޭތުވެދިޔަ އަހަރުގެ ނޮވެންބަރު މަހު ގާއިމުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަދަނީ އަދި ސިޔާސީ ހައްގުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި، މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިކުރުމާއި ނުވަތަ ހިފެހެއްޓުމާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ދިނުމުގެ މަސައްކަތް ފައްށަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޤާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުން ކަމަށާއި ކުށްކުރާމީހުންނަށް ރަނގަޅު މަގުދައްކައިދީ އަލުން މުޖްތަމައަށް ގެނެސް އަދި ޖަލަށްލެވޭ، އަދަބުދެވޭ ނިސްބަތް މަދުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް، އެއީ އޯގާވެރިކަމާއެކު އިސްލާހުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުމަކީވެސް ސަރުކާރުގެ އެއް ސިޔާސަތު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

