ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އަމިއްލައަށް ބެލެހެއްޓޭނެކަމަށް ރައީސް ވިދާޅުވުމުން ޒަމީރުގެ ތައުރީފު!

ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާއިރު، އަރިހުގައި ފޮރިން މިނިސްޓަރު ޒަމީރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރައްހަދުން، ދިވެހިން އެކަނި 24 ގަޑިއިރު ބެލެހެއްޓުމަކީ މީގެ ކުރިން އެއްވެސް ވެރިއެއްގެ ހިޔާލަށް އައި ވިސްނުމެއް ނޫންކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިވަންކަމުގެ ވާހަކަތައް އަނެއްކާވެސް ދެކެވެން ފަށާފައި ވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ހަތަރު ދޯންޏަކަށް ހަތިޔާރާއި އެކު އިންޑިއާގެ ސިފައިންގެ ބަޔަކު އެރި މައްސަލައެއް ގޯސްވެފައިވަނިކޮށެވެ. އެ ދޯނިތަކަށް އަރައި ސެޓްލައިޓު ނަމްބަރު ދޭން ޑިމާންޑު ކުރުމާއި، ސުވާލުކޮށް ބިރު ދައްކާފައި ވަތީ، ހާދިސާ ހިނގައިދިޔަ ގޮތް ތަފްސީލުކޮށްދޭން ދިވެހި ސަރުކާރުން އިންޑިއާއަށް ފޮނުވުމުން މާބޮޑު އެއްބާރުލުމެއް ނުލިބެ އެވެ.

މިވަގުތު ރައީސް ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، އެމަނިކުފާނު ވަނީ މަޑިފުށި ޖަލްސާގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ސަރުކާރުން ހުރިހާ މަސައްކަތެއް ކުރާނެކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓާނީ ދިވެހިންކަމަށާއި، އެއީ އެއްވެސް ބަޔަކު ޖޯކެއްގެ ސިފައިގައި ނަގަން ޖެހޭވަރަށް ވުރެ ސީރިއަސް ވާހަކައެއްކަމަށެވެ.

ޖަލްސާގައި ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެ ވަކި ބައެއްގެ މައްޗަށް އަބަދުވެސް ބަރޯސާވެފައި އޮންނަން ޖެހޭ ހާލަތަށް ނިމުމެއް އަންނަން ޖެހޭކަމަށެވެ. އެއީ ދޫކޮށްލަން ޖެހޭ ވިސްނުމެއްކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ އެ މަސައްކަތުގެ ފިޔަވަޅު ރައީސް މުއިއްޒު އަޅުއްވާފައިވާ ކަމަށެވެ. ރައީސް މުއިއްޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި މަސައްކަތް ކުރެއްވިއިރު ވެސް ހީވާގި މަސައްކަތްތެރި ބޭފުޅެއްކަމަށް ޒަމީރު ވިދާޅުވި އެވެ. އަދި މިހާރު ވެރިކަމަށް ވަޑައިގެންނެވި ފަހުން ފެންނަނީ އެއަށް ވުރެ މާ ފުރިހަމަކޮށް މަސައްކަތް ކުރައްވާތަންކަމަށް ޒަމީރު ވިދާޅުވި އެވެ. އެންމެ ފާހަގަކުރެވޭ ސިފައެއްގެ ގޮތުގައި ޒަމީރު ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާ ޑިޕްލޮމެޓިކް އުސޫލެވެ.

އެގޮތުން ހާރިޖީ ގުޅުންތައް ގާއިމު ކުރުމާއި، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުވުމުގައި އެމަނިކުފާނު އަމަލު ކުރައްވަނީ ވަރަށް ޑިޕްލޮމެޓިކްކޮށްކަމަށް ޒަމީރު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 24 ގަޑިއިރު، މުޅި ދުވާލެއްގެ 24 ގަޑިއިރު، ކަނޑުގެ ސަރަހައްދު ބަލަހައްޓަވާނަމޭ… މިއީ ރާއްޖޭގެ ކުރީގެ ވެރިކަން ކުރެއްވި އެއްވެސް ބޭފުޅެއްގެ ވިސްނުމުގައި ވެސް ހުރި ކަމެއް ނޫން

ޒަމީރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށާއި، އެ މިނިވަންކަން ދެމެހެއްޓުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތް މުޅި ދުނިޔެއަށް ވެސް ފެނިގެން ގޮސްފައިވާކަމަށެވެ. އަދި ރައްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓާނީ ދިވެހިންކަމަށް ވިދާޅުވުމަކީ އާދައިގެ ވާހަކައެއް ނޫންކަމަށާއި އެއީ މީގެ ކުރިން އެހެން ބައެއްގެ ހިޔާލަށް އައިސްފައިވާ ވާހަކައެއް ނޫންކަމަށް ޒަމީރު ވިދާޅުވި އެވެ.

ރައްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ކުރާ މަޝްވަރާގެ މާބޮޑު ތަފްސީލެއް ނެތް ނަމަވެސް، ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ މޭއި މަހުގެ 10 ގެ ކުރިން ހުރިހާ ޕްލެޓޫންއަކުން އޮފިސަރުން ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ، އިންޑިއާގެ ސިފައިން ޖެހޭނީ ރާއްޖެ ދޫކޮށް ދާންކަމަށާއި ރިޔާސީ އިންތިހާބުގައި ރައްޔިތުން އިއްވި އަޑަކީ އެއީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: