ރާއްޖޭގެ މާލީ ނިޒާމާއި އިގްތިސާދަށް ގެއްލުން ދީ، ހަލާކުކޮށްލުމަށް ބަޔަކު މަސައްކަތް ކުރަމުން ދަނީ އެ މީހުން ބޭނުންވި ގޯސް ހާލަތުގެ ތެރެއަށް ރާއްޖެ ވައްޓާނުލެވުމުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްކުރުމަށް ބަޔަކު ސިޔާސީ މަގްސަދުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ސައީދު ތުހުމަތު ކުރެއްވީ ރާއްޖެ ބަނގުރޫޓުވެ އިންޓަނޭޝަނަލް މަނިތަރީ ފަންޑުގެ ޕްރޮގްރާމެއްގައި ބައިވެރިވެފައިވާކަމަށް ވާހަކަ ދެކެވެމުން ދާތީ އެވެ.
މި ރިޕޯޓުތަކަށް ރައްދު ދެއްވައި ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އޮތް ހާލަތު ކުރިޔަށް ވުރެ އެތައް ބޮޑުތަނުން ރަނގަޅުވެ ކުރިއެރުންތައް ހޯދަމުން ދާކަމަށެވެ.
ރާއްޖޭގެމާލީނިޒާމްގެ އިތުބާރުގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތްކުރަނީ އިންތިޒާރުކުރިގޯސްހާލަތަށް ރާއްޖެވައްޓާނުލެވުމުން ސިޔާސީގޮތުން މާޔޫސްވެގެން.
ރާއްޖެވަކިޕްރޮގްރާމެއްގައި ބައިވެރިވާކަށްނުޖެހޭ. އިޤްތިޞާދީޙާލަތު އައްނަނީ ކުރީންލަފާކުރިވަރަށްވުރެންވެސް ބާރަށް ރަނގަޅުވަމުން
— Mohamed Saeed (@em_saeed) February 15, 2024
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން އިންތިހާއަށް އުފުލިގެން ދިޔަ އެވެ. އަދި ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެ، މާލީ އެކި އިދާރާތަކުން އިންޒާރު ދެމުންދިޔައިރު ވެސް ސަރުކާރުން ބުނެފައި ވަނީ އެފަދަ ހާލަތެއް ނެތްކަމަށެވެ.
އައު ސަރުކާރާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، މިދިޔަ ވެރިކަމުގައި މަނިތަރީގެ ގޯސް ޑިސިޕްލިންތަކެއް ގެންގުޅެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އިގްތިސާދަށް އޭގެ އަސަރުކުރިއިރު މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ ހާލަތުން އަރައިގަތުމަށްކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާކަމަށް ސައީދު ވިދާޅުވި ނަމަވެސް، މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ނާޒުކު ގޮތަކަކަށް ކަމަށެވެ. އޭގެ ފަހުން ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް، ކޮންމެ ރަށެއްގައި ވެސް އެމަނިކުފާނު ވަނީ މަޝްރޫއުތައް ތަރުތީބުކޮށް އިގްތިސާދު މިވަގުތު އޮތް ގޮތުގެ މައްޗަށް ވިސްނުން މުހިންމުކަމަށް ވިދާޅުވެފަ އެވެ.

