ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެމި ހުންނާނީ ރައްޔިތުންނާއި އެކު، ވައުދުތައް ތަންފީޒު ކުރެވޭނީ ސަރުކާރު ކެންޑިޑޭޓުންނަށް: ޔަޒްމީދު

ޕީއެމް/ޕީއެންސީގެ ޓިކެޓުގައި ގއ. ވިލިނގިލި ދާއިރާއަށް ވާދަކުރައްވާ ޒަޔްމީދު މުހައްމަދު/ ފޮޓޯ: ޔަޒްމީދު ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ގއ. ވިލިނގިލިއަށް ރައްޔިތުން ބޭނުންވި ތަރައްގީއާއި ބަދަލު އައިސްފައި ނުވުމަކީ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ރައްޔިތުން އެދުނު ސަބަބުކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ދާއިރާއަށް ވާދަކުރައްވާ ޒަޔްމީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވިލިނގިލީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޔަޒްމީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، މެނިފެސްޓޯގެ ވައުދުތައް ފުއްދޭނީ ގައުމީ ފިކުރުގެ ކެންޑިޑޭޓުންނަށްކަން ފާހަގަކުރައްވާފަ އެވެ. ދައުލަތުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވި މި ޖަލްސާގައި ޔަޒްމީދު ދިނީ އޭނާ ސަރުކާރާއި އެކު އަބަދުވެސް ދެމި ހުންނާނެކަމުގެ ޔަގީންކަމެވެ.

ޔަޒްމީދު ވިދާޅުވީ، މިދިޔަ ފަސް އަހަރު ދާއިރާގެ ޒުވާނުން ތިބެން ޖެހުނީ ވަރަށް ދަތި ހާލަތުގައި ކަމަށެވެ. އަދި ތަރައްގީގެ ޗާޓުން ރަށް އެއްކޮށް ފޮހެވިފައިވުމަކީ މަޖިލީހަށް ވާދަކުރަން ޖެހުނު ސަބަބުކަން ފާހަގަކުރައްވައި ޔަޒްމީދު ވިދާޅުވީ އޭނާ ބޭނުން ވަނީ މާޔޫސްވެފައި ތިބި ރައްޔިތުންނަށް އައު އުންމީދެއް ގެނެސްދިނުމަށް ކަމަށެވެ.

ރަށަށް އައު ދިރުމެއް ގެނެސްދޭން މަޖިލީހަށް ވާދަކުރުމަށް ދާއިރާގެ އެއްތައް ރައްޔިތުންނެއް އެދިފައިވުމަކީ އެއީ މަޖިލީހަށް ވާދަކުރަން އެދުނު ސަބަބެއްކަމަށް ޔަޒްމީދު ވިދާޅުވި އެވެ. އަދި ޕްރައިމެރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެވުނު ސަބަބަކީ އެ އުންމީދާއި އިތުބާރު ރައްޔިތުންގެ ހިތްތަކުގައި އޮތުމުންކަން ގަބޫލު ކުރާކަމަށް އޭނާ ވިދަޅުވި އެވެ.

ޔަޒްމީދު ވިދާޅުވީ އޭނާއަކީ ވިލިނގިލީގެ ދަރިއެއްކަމަށާއި، އެހެން ކަމުން ހައްލު ކުރަން ޖެހިފައި ވަނީ ކޮންކޮން މައްސަލަތަކެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ސަރުކާރަށް އެއްބާރުލުން ދީ، މެނިފެސްޓޯ ތަންފީޒު ކުރުމުގައި ދެމި ހުންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށް ޔަޒްމީދު ވިދާޅުވި އެވެ.

މިރޭ ޒުވާނުންނަށް ހާއްސަ ކެމްޕެއިން ޖަގަހަ ހުޅުވިއިރު، ބައިވެރިވެވަޑައިގަތީ ޒުވާނުންގެ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) އެވެ. ޔަޒްމީދު ވިދާޅުވީ ޒުވާނުން ބޭނުންވާ ފުރުސަތުތައް ރަށުގައި ނެތްކަމަށާއި ރަނގަޅު ތައުލީމީ ނިޒާމެއް ނެތް އިރު، ކިޔަވައި ނިންމާ ދާއިރާއަށް އައިސް ހިދުމަތް ކުރުމަށް ވަޒީފާއެއް ވެސް ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލިނގިލި ދާއިރާއަށް ވެވަޑައިގެންނެވި ވައުދުތަކަށް އިޝާރާތް ކުރައްވައި ޔަޒްމީދު ވިދާޅުވީ އެމަނިކުފާނު އެ ހުރިހާ ވައުދެއް ފުއްދަވައިދެއްވާނެ ކަމަށެވެ. އަދި މިއީ ރައްޔިތުން ބަލައިގަންނަ ފުރިހަމަ ސަރުކާރެއްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ޔަޒްމީދު ވިދާޅުވީ މި ސަރުކާރަކީ އޭނާ ހިމެނޭހެން ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ގެނައި ސަރުކާރެއްކަމަށެވެ. އެހެންކަމުން ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމަށް އެއްވެސް ޖާގައެއް ދޭން ބޭނުން ނުވާކަމަށާއި ރައްޔިތުންނަށް އޭނާ ދަންނަވަން އޮތް ވާހަކައަކީ ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް ހޮވައިދެއްވުންކަމަށް ޔަޒްމީދު ވިދާޅުވި އެވެ.

ޔަޒްމީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: