މަސައްކަތްތެރިންގެ ދުވަހު ހަނދާނަށް ގެންނަން ވީ އިންސާފުވެރި އުޖޫރައާއި މަސައްކަތުގެ މާހައުލުގެ ރަނގަޅު ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމުގެ މުހިންމުކަންކަމަށް ހަޔާރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނުން ކަނޑައަޅާފައި ވަނީ ބަދަލުވަމުން އަންނަ މާހައުލުގައި މަސައްކަތުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރު ކުރުމެވެ. މިއަދު ދުވަސް ރާއްޖޭގައި ފާހަގަ ކުރާތާ 15 އަހަރު ވެގެން ދިޔައިރު މިނިސްޓަރ ވިދާޅުވީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރު ކުރުމުގެ ހައްގު ލިބިފައިވާކަމަށެވެ. އަދި އެ ގާނޫނުން ފޯރުކޮށް ދޭ ރައްކާތެރިކަން މަސައްކަތްތެރިންނަށް ވަރަށް އަވަހަށް ލިބިގެންދާނެކަމުގެ އުންމީދު އެބައޮތްކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އަބުރުވެރި މަސައްކަތެއްގެ ސަބަބުން ތިމާގެ އަމިއްލަ ދިރިއުޅުމާއި، ގައުމުގެ ތަނަވަސްކަމަށް ކުރިއެރުންތައް ލިބިގެން ދާނެކަމަށެވެ.
މަސައްކަތްތެރިންގެ ދުވަހު ހަނދާނަށް ގެންނަން ވީ މިނިސްޓަރ ވިދާޅުވިގޮތުގައި، އިންސާފުވެރި އުޖޫރައާއި މަސައްކަތުގެ މާހައުލާއި މެދު އެވެ. އަދި އަބުރުވެރި ވަޒީފާއެއް ހޯދުމުގެ ފުރުސަތު ހިމެނޭ ގޮތަށް، މަސައްކަތްތެރިންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރަން ޖެހޭކަމަށް ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގައި މަސައްކަތުގެ އިޖްތިމާއީ އަދުލުވެރިކަމާއި އިގްތިސާދީ ކުރިއެރުން އަދި ދެމެހެއްޓެނިވި ތަރައްގީ އާލާކުރުމުގައި އަބުރުވެރި މަސައްކަތްތައް އަދާކުރާ ވަރަށް މުހިންމު ދައުރެއް ވާކަމަށާއި، އެކަން އެންމެން ވެސް ގަބޫލު ކުރަން ޖެހޭކަމަށެވެ.
މަސައްކަތްތެރިންނަށް އެ މީހަކަށް ހައްގުވާ ކަރާމާތާއި، އިހުތިރާމް ލިބުމަކީ މާރިޔާ ވިދާޅުވި ގޮތުގައި ސަރުކާރުކެ އެންމެ ބޮޑު އަމާޒެވެ. އެހެންކަމުން އެކަންކަމަށް އިހުތިރާމް ކުރުމަށް އިލްތިމާސް ކުރައްވައި މިނިސްޓަރ ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް އޭގެ ފުރިހަމަ މާނައިގައި އެ ފަރާތަކަށް ލިބިދެވޭނެ ގޮތަށް ސިޔާސަތުތަކާއި އުސޫލުތައް ބައްޓަން ކުރަން އެދޭ ކަމަށެވެ.
— Min. of Higher Edu, Labour and Skills Development (@MoHEmv) May 1, 2024
މިނިސްޓަރ ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރަނީ، އެ މީހުންނަށް ލިބިގެންވާ ހައްގުތަކަށް ވަކާލާތު ކުރުމާއި އެކު އެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށެވެ. ރާއްޖެ ދެކޭނެ ކޮންމެ ތަރައްގީއަކާއި، ބަދަލެއްގެ ފަހަތުގައި ވަނީ މަސައްކަތްތެރިންގެ ހިއްސާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ހައްގުތައް ލިބިފައިވާކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް، މިއަދު ވެސް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ގަބޫލުކޮށް އެ ވާހަކަ ދައްކަން ޖެހޭކަމަށް މާރިޔާ ވިދާޅުވި އެވެ.
މަސައްކަތުގެ މާހައުލުގައި ގަނާ ކުރުމާއި، ތަފާތުކުރުމާއި ނުތަނަވަސް ކުރުވާ އެތައް ހާދިސާއެއް ހިނގައި މަސައްކަތްތެރިންގެ ހިތްހަމަނުޖެހުންތައް ވެސް އެބަހުރިކަމަށް މާރިޔާ ވިދާޅުވި އެވެ. އެހެންކަމުން މަސައްކަތްތެރިންގެ ހައްގުގައި މިފަދަ ތަފާތު ކުރުންތަކާއި އަނިޔާވެރިކަމާއި ދެކޮޅަށް ކުރިމަތިލައި އެކަންކަން މަސައްކަތުގެ މާހައުލުން ނައްތާލުމަށް މަސައްކަތް ކުރުމަށް މިނިސްޓަރ ގޮވާލެއްވި އެވެ.

