ދިވެހިރާއްޖޭގެ ޖީޑީޕީ ދަށްވަނީ ލަގްޒަރީ ރިސޯޓުތަކުން ގެސްޓްހައުސްތަކަށް ފަތުރުވެރިންގެ މިސްރާބު ބަދަލުވަމުންދާތީ ކަމަށްބުނެ ވޯލްޑް ބޭންކުން ދާދި ފަހުން ނެރުނު ރިޕޯޓު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން އެކަމަށް ދެކޮޅު ހަދައިފި އެވެ.
ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓްގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ކުރިއެރުމުގެ އަންދާސާވަނީ ކުރިން ލަފާކޮށްފައިވާ ހިސާބާއި އަޅާކިޔާއިރު 0.5 އިންސައްތަ ދަށްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ ”އައުޓްޕުޓް ފޯރކާސްޓް“ އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ 4.7 އިންސައްތައިންނެވެ.
މި އެޑްޖަސްޓްމަންޓް މައިގަނޑު ގޮތެއްގައި ގުޅުވާފައިވަނީ ފަތުރުވެރިކަމުގެ ހަރަކާތްތައް މަތީ ފެންވަރުގެ ރިސޯޓްތަކުން އެއަށްވުރެ އަގުހެޔޮ ގެސްޓްހައުސްތަކަށް ބަދަލުވަމުންދާތީކަމަށެވެ. އެހެންނަމަވެސް، ވޯލްޑް ބޭންކުގެ މިއެސެސްމެންޓާއި ޚިލާފަށް މަޓާޓޯއިން ދެކޭގޮތުގައި ޖީޑީޕީގެ ކުރިއެރުން ދަށްވުމަކީ ހަމައެކަނި މި ބަދަލަށް ނިސްބަތްވާ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މި ދަށަށް ދިއުމުން ދޭހަވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ސަޕްލައި އާއި ޑިމާންޑާއި ދެމެދުގައިވާ ބޮޑު ތަފާތެވެ. މީގެ އިތުރުން މުޅި ސިނާއަތުގައި އެވްރެޖް ޑެއިލީ ރޭޓްސް (އޭޑީއާރު) ދަށްވެފައިވާކަމާއި އިތުރުވެފައިވާ ސަޕްލައި އަށް ހައްލެއް ހޯދުމަށް ވިސްނުންތެރި މާކެޓިން މަސައްކަތްތަކެއްނުކުރެވޭކަމަށް މަޓާޓޯއިން ފާހަގަކުރެއެވެ.
ޖީޑީޕީ ދަށަށްދިއުމުގެ މައިގަނޑު ސަބަބަކީ ގެސްޓްހައުސްތަކަށް ޓުއަރިސްޓުންގެ މިސްރާބު ބަދަލުވުންކަމަށް ބުނާ ވިސްނުމާއި ދެކޮޅަށް ޚިޔާލުފާޅުކުރަމުން މަޓާޓޯއިން ބުނެފައިވަނީ 2023 ވަނަ އަހަރު ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓްއަކީ %42.7 ކަމަށާއި މިއީ ރިސޯޓްތަކުގެ 2023 ގެ އޮކިއުޕެންސީ ރޭޓަށްވުރެ މާ ދަށް ރޭޓަކަށްވެފައި ގެސްޓްހައުސްތަކުގެ ރޫމް ރޭޓާއި އޮކިއުޕެންސީ ރޭޓަކީ ރިސޯޓްތަކާއި އަޅާބަލާއިރު ޖީޑީޕީއަށް އެފަދަ އަސަރެއްކުރާނެވަރަށް ވުރެ ކުޑަ ޢަދަދެއްކަމަށެވެ.
މިކަމުން ދޭހަވަނީ އިޤްތިޞާދީ ދަށަށް ދިއުމަކީ މި ބަދަލުގެ ނަތީޖާއެއް ނޫން ކަމަށާއި އޭގެ ބަދަލުގައި މާކެޓްގައި މިހާރު އޮތް ޑިމާންޑްތައް ފުއްދުމުގައި މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދައްކުވައިދޭކަމެއްކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މަޓާޓޯ ނިއުސްލެޓަރުގައި 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލާފައިވާނެއެވެ.
ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައި ނަމަވެސް، މުހިއްމު ޕާފޯމަންސް އިންޑިކޭޓަރުތަކަށާއި އާމްދަނީއަށް އަސަރުކުރާ ބޮޑެތި ހުރަސްތަކާއި މުޅި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިމަތިލާން ޖެހުނު ކަމަށް މުޅި އަހަރު އެއްކޮށް ފާހަގަކުރެވިފައިވެއެވެ.

