ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހުގެ ޑިސްކައުންޓު ބިލުތައް އަލުން ފޮނުވުން؛ ފައިސާ ދެއްކި ކަސްޓަމަރުންނަށް ޑިސްކައުންޓް އަންނަ މަހު!

ފެނަކަ މެނޭޖިން ޑިރެކްޓަރ މުއާޒް ރަޝީދާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓާއި ފެނުގެ ހިދުމަތުގެ ބިލުތަކަށް ފައިސާ ދައްކާފައިވާ ފަރާތްކަށް އަންނަ މަހު ބިލު ލިބޭނީ، ޑިސްކައުންޓުގެ އަދަދު ހިމެނުމަށް ފަހުކަމަށް އެ ކުންފުނިތަކުން ބުނެފި އެވެ.

ރޯދަ މަހު އާންމު ދިރިއުޅުމުގައި ރައްޔިތުން ކުރާ ހަރަދުތައް ބޮޑުވުމުގެ ސަބަބުން، ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓެއް ދިނުމަށް ނިންމައި އެކަން އިއުލާނު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މީގެ ހަފްތާއެއް ކުރިން ބިލުތައް ކަސްޓަމަރުންނަށް ލިބުނު އިރު، އާންމު ރައްޔިތުން އެންމެ ބޮޑަށް ކުރި ޝަކުވާއަކީ އެހެން މަސްތަކާއި އަޅާބަލައި މި މަހު ލިބުނު ކަރަންޓު ބިލު އިންތިހާއަށް ބޮޑުވުމެވެ.

ހޫނު މޫސުމާއި ދިމާކޮށް ކަރަންޓު ބިލަށް އޭގެ އަސަރު ކުރާކަމަށް ސްޓެލްކޯ ބުނެފައިވާއިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ބިލުތައް ދައްކާގޮތުން ގޭބިސީތަކަށް އޭގެ ކުރީމަހާއި އަޅާބަލައި ދެ ގުނަ ބިލު ވަނީ ބޮޑުވެފަ އެވެ. އެކަމުގެ ޝަކުވާ ކުރި މީހުން ބުނެފައި ވަނީ، ޑިސްކައުންޓު ދީފައި ވަނީ ރޯދަ މަހަށް ބޭނުން ކުރި ކަރަންޓަށް ނޫންކަމަށާއި ކުރިޔަށް އޮތް މަހު ލިބޭ ބިލު މިހާރަށް ވުރެ ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އާއި ފެނަކަ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ބައިވެރިވެ މައުލޫމާތުތައް ދިނެވެ. އަދި ދެބޭފުޅުން ވެސް ވިދާޅުވީ ބިލު ބޮޑުވާން މެދުވެރިވީ މިއީ ހޫނު ދުވަސްވަރަކަށްވުމުން ކަމަށެވެ. އެ ކުންފުނިތަކަށް އާންމުން ކަރަންޓު ބޭނުން ކުރާ ނިސްބަތަށް ވުރެ އިތުރަށް ބިލިން ކުރެވޭނެ އެއްވެސް މަގެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.

އެ ދުވަހުގެ ޕްރެސްގައި ފަހުމީ ވެސް ވަނީ ޑިސްކައުންޓު ލިބުނު ބިލުގެ ގިނަ ދުވަސްތައް އެއީ ޝައުބާން މަސްކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް ހިނގި ނަމަވެސް ގިނަ ރައްޔިތުންނަށް ލިބިފައިވާނީ ރޯދަ މަހުގެ ދުވަސްތައް ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ބިލެއް ކަމަށެވެ.

އޭގެ ދެ ދުވަސް ފަހުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް މުއިއްޒުގެ އެންގެވުމާއި އެއްގޮތަށް ރޯދަ މަހަށް ހާއްސަކޮށް ދޭން ނިންމެވި ޑިސްކައުންޓު ތަންފީޒު ކުރެވިފައި ނުވާކަން ފާހަގަކުރެވިފައިވާތީ އެކަން ހައްލު ކުރުމަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ. އަދި އެ ދުވަހު ފެނަކައާއި ސްޓެލްކޯ ވެސް ވަނީ ކުންފުނިން އެ މަސައްކަތް ފެށިކަން ހާމަކޮށްފަ އެވެ.

ރޭ ސްޓެލްކޯއިން ވަނީ ރޯދަ މަހަށް ހާއްސަކޮށް ޑިސްކައުންޓު ދީ، ބިލުތައް ފޮނުވަން ފަށާފަ އެވެ. އަދި މިއަދު އެ މަސައްކަތް ފެނަކައާއި އެމްޑަބްލިއުއެސްސީ ދަނީ ކުރަމުންނެވެ. އެ ކުންފުނިތަކުން ބުނެފައި ވަނީ މިހާތަނަށް ބައެއް ރައްޔިތުން ބިލުތައް ދައްކާފައިވާއިރު އެ ގޭބިސީތަކަށް ޑިސްކައުންޓު އަންނަ މަހުގެ ބިލުން ހަމަޖައްސާނެ ކަމަށެވެ.

މީގެއިތުރުން ބިލުގެ ތަފްސީލުތައް ދީ، މިއަދު އެމްޑަބްލިއުއެސްސީން ބުނެފައި ވަނީ އޭޕްރިލް މަހުގެ ބިލް މާރޗް މަހުގެ ބިލަށްވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރިލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓު ދެވޭނެ ކަމަށާއި މީގެއިތުރުން އަލަށް ފެން އަދި ކަރަންޓު ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ 2024 އޭޕްރިލް މަހުގެ ބިލްކަމަށްވާނަމަ އެފަދަ ފަރާތްތަކަށްވެސް އޭޕްރިލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓު ދޭނެކަމެވެ.

މީގެއިތުރުން އެމްޑަބްލިއުއެސްސީން ބުނެފައިވަނީ އޭޕްރިލް މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އަދި މިހާތަނަށް އެމަހުގެ ބިލް އެ ކުންފުނިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލް އިސްލާހު ކުރުމުން އަދަދުތަކަށް އަންނަ ބަދަލުތަކާއި ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކުރެޑިޓް ކުރެވޭ ހަލަތުގައި މިއަދު (05 މެއި 2024) އިން ފެށިގެން އެސް.އެމް.އެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާ ކުރާނެ ކަމަށެވެ. އަދި ބިލްތަކަށް ދެވުނު ލުޔާއެކު އިތުރަށް ލަސްނުކުރައްވާ ބިލްތައް އަވަހަށް ދެއްކުމަށް އެކުންފުނިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: