ސީދާ ރޯދަ މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓު ނުލިބޭކަމަށް ބުނެ އޮޅުންތަކެއް އެރީ ބިލިން ސައިކަލް ދެ މަހަކަށް ބެހިގެން ދިއުމުންކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ހަރަދުތުތައް ރޯދަ މަހު ބޮޑުވާތީ، ރައީސް އެންމެ ފުރަތަމަ ނިންމެވީ ރޯދަ މަހު ލިބޭ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށެވެ. އެކަމަކު ހޫނު މޫސުމާއި ވެސް ދިމާވެ، މި އަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވުމުގެ ޝަކުވާ އާންމު ރައްޔިތުންގެ ވަނީ އިތުރުވެފަ އެވެ.
ރައީސް މުއިއްޒުގެ އެންގެވުމާއި އެއްގޮތަށް ރޯދަ މަހަށް ހާއްސަކޮށް ދޭން ނިންމެވި ޑިސްކައުންޓު ތަންފީޒު ކުރެވިފައި ނުވާކަން ފާހަގަކުރެވިފައިވާތީ އެކަން ހައްލު ކުރުމަށް އެމަނިކުފާނު އަންގަވާފައިވާތީ އެކަން ރައީސް އޮފީހުން ހާމަކުރީ މިދިޔަ ހަފްތާގަ އެވެ ކަމަށެވެ. އަދި އެ ދުވަހު ފެނަކައާއި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ ވަނީ ކުންފުނިން އެ މަސައްކަތް ފެށިކަން ހާމަކޮށްފަ އެވެ.
އެ ކުންފުނިތަކުން ބުނެފައި ވަނީ މިހާތަނަށް ބައެއް ރައްޔިތުން ބިލުތައް ދައްކާފައިވާއިރު އެ ގޭބިސީތަކަށް ޑިސްކައުންޓު އަންނަ މަހުގެ ބިލުން ހަމަޖައްސާނެ ކަމަށެވެ.
މައްސަލައިގައި ތަފާތު އެކި ބަހުސްތައް ކުރެވޭއިރު ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި މުއާޒް ވިދާޅުވީ، ރައީސްގެ ވައުދުވީ ރޯދަ މަހަކީ އާންމު ދިރިއުޅުމުގައި ހަރަދު ބޮޑު މަހެއްކަމަށްވެފައި ކަރަންޓު ބޭނުން ކުރާ މިންވަރު ވެސް އިތުރުވާތީ އާންމު މަސްތަކާއި އަޅާބަލައި ބިލު ބޮޑު ނުވާނެކަމަށެވެ. އެހެންކަމުން ރައީސްގެ ވައުދުތައް ފުއްދުމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)، އެންވައިރޮމެންޓް މިނިސްޓްރީ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެކު ބައްދަލުވުންތައް ބާއްވައި ބިލިން ސައިކަލްއާއި ގުޅޭގޮތުން ވާހަކަ ދައްކައި މަޝްވަރާ ކުރެވުނުކަމަށް މުއާޒް ވިދާޅުވި އެވެ.
ބިލް ތައްޔާރު ކުރާ ދުވަސްތަކުގެ ގޮތުން، ރޯދަ މަހުގެ ދުވަސްތައް ދެ މަހެއްގެ ބިލުތަކަށް ބެހިގެން ދާކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ ސުވާލު އުފެދުނީ ރައީސް ވައުދުވި މާނައިގައި ޑިސްކައުންޓު ދެވުނުތޯ ކަމަށެވެ. ރޯދަ މަސް ނިމުމުގެ ކުރިޔަށް، ބޭނުން ކުރި ކަރަންޓުގެ މިންވަރަށް ދުވަސްތަކެއް ހިމެނޭހެން ބިލެއް ދިޔައިރު ރޯދަ މަސް ނިމުމަށް ފަހު ދެން އައި ދުވަސްތައް ހިމެނި އިތުރު ބިލެއް ތައްޔާރު ކުރެވުނުކަމަށް މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވި ގޮތުގައި، ސީދާ ރޯދަ މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓު ނުލިބޭކަމަށް ބުނެ އޮޅުންތަކެއް އެރީ އެ ސަބަބާއި ހުރެ ކަމަށެވެ.
އެހެންވީމަ ރޯދަ މަސް ފެށުނުއިރު ފުރަތަމަ ރީޑިން ނަގާފައި މިއޮތީ… އޭރު ރީޑިން ނަގާފައި މިއޮތީ.. ފުރަތަމަ ރީޑިން ނަގާފައި މިއޮތީ… އެހެންވީމަ އެ ރީޑިން ނަގާފައި ދެން މި ނިމެނީ ރަމަޟާން މަސް ނުނިމެނީސް.. ބިލެއް އެބަދޭ.. އެހެންވީމަ މާޗު މަހުގައި އޭރު އެދާ ބިލަށް.. ޔޫއާރުއޭ އަންގާފައި އޮތީ މާޗު މަހުގައި ދާ ބިލަށް ޑިސްކައުންޓު ދިނުން.. މާޗު މަހުގައި ދާ ބިލަކީ، ރޯދަ މަހުގެ ބައެއް ދުވަސްތައް އެބަ ހިމެނޭ.. އެއްބައި ދުވަސްތަކެއް ނުހިމެނޭ.. އެހެންވީމަ އަސްލު ހަގީގަތުގައި އޭގެ ތެރޭގައި… ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި ގޮތަށް.. ވިދާޅުވި މާނައިގައި ޑިސްކައުންޓު ދެވުނުތޯ
މުއާޒް ވިދާޅުވީ އެންމެ ފުރަތަމަ ބިލުން އާންމު މަހެއްގައި ކަރަންޓަށް އަރާ އަދަދު ބޮޑު ނުވާ ގޮތަށް ޑިސްކައުންޓު ދެވުނު ކަމަށެވެ. އަދި އާންމު މަހަކީ ކޮބައިކަން ކަނޑައަޅަނީ ކަރަންޓުގެ ހިދުމަތް ދިން ކުންފުނިން ނޫންކަމަށާއި އެކަމުގައި ގޮތް ނިންމީ ޔޫއާރުއޭކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކުރީ އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، އެންމެ ހޫނު ގަދަ މަސްތަކަމަށް ފާހަގަކުރެވިފައިވާ މަސްތައް އުނިކޮށް އެވްރެޖު ބެލީ ބާކީ ހުރި މަސްތަކަށް ބަލައިގެންކަމަށް މުއާޒް ވިދާޅުވި އެވެ.
ދެން އާންމު މަހެއް މި ޑިފައިން ކުރަނީ ޔޫއާރުއޭއިން.. ޔޫއާރުއޭއިން އާންމު މަހެއް މި ޑިފައިން ކުރާ ގޮތަކީ.. ރަމަޟާން މަސް ވޭތުވެ ދިޔަ އަހަރުގެ ރަމަޟާން މަސް.. ކަނޑާލާށޭ.. އޭގެ އިތުރަށް އޭޕްރިލް، މާޗު.. މޭއި.. މިއީ އެންމެ ހޫނު ގަދަވާ މަސްތައް.. މި މަސްތައް ވެސް ކަނޑާލާފައި ދެން ހުރި މަސްތަކުގެ ތެރެއިން… އެވްރެޖެއް ހަދާށޭ.. އެވްރެޖެއް ހަދާފައި އެ އަންނަ ބިލުތައް ހަދާށޭ..
މުއާޒް ވިދާޅުވީ ރާއްޖޭގެ ހޫނުމިން މިއިން ދުވަހަކު ވެސް ނުދާހާ މައްޗަށް ރެކޯޑު ކުރެވެމުންދާއިރު އެކަމުގެ އަސަރު ކަރަންޓު ބޭނުން ކުރާ މިންވަރަށް ކުރާނެކަމަށާއި ހަގީގަތަކީ އެއީ ކަމަށެވެ. އަދި ހޫނު ގަދަ ދުވަސްތައް ވަރަށް ބޮޑަށް ރޯދަ މަހުގެ ތެރޭގައި ވެސް ހިމެނިގެން ދިއުމުން އެ ތަފާތު ފެނިގެން ދިޔަކަމަށް މުއާޒް ވިދާޅުވި އެވެ.
އާންމުންގެ އައި ކަންބޮޑުވުންތަކާއި ޝަކުވާތަކާއި އެކު އެކަމާ ރައީސް މުއިއްޒު ވެސް ވަރަށް ބޮޑަށް ކަންބޮޑުވެ އެމަނިކުފާނު ދެންނެވި ގޮތަށް ޑިސްކައުންޓު ތަންފީޒު ކުރެވުނުތޯ މަޝްވަރާ ކުރީކަމަށް މުއާޒް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރުމުން، އަލުން މަޝްވަރާކޮށް ޑިސްކައުންޓު ދޭން ނިންމީކަމަށް މުއާޒް ވިދާޅުވި އެވެ.

