ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ފުރަތަމަ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުލް ލަތީފް ހަމަޖެއްސުމަށް ނިންމައިފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރުކަމަށް ގާނޫނުގައި ބުނެފައިވާތީ އަބްދުއްރަހީމް މަގާމުން ރިޓަޔަރ ކުރައްވާފައި ވަނީ މިދިޔަ މަހު އެވެ.
އަސްކަރީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ އަބްދުއްރަހީމް އެމްއެންޑީއެފަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އެވެ. ހިދުމަތުގައި 39 އަހަރު ހުންނެވި އަބްދުއްރަހީމް ވަނީ ރާއްޖޭގެ އަސްކަރިއްޔާއާއި ގުޅުން ހުރި މުހިންމު ބޮޑެތި ނިންމުންތަކުގައި ވެސް ބައިވެރިވެ އެކަމުގެ އިސްރޯލެއް އަދާކުރައްވާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިިކަމަށް ވަޑައިގަތުމަށް ފަހު ގުޅުން އެންމެ ގާތް ގައުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ތުރުކީއާއި އެވެ. އެމަނިކުފާނުގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވި ގައުމަކީ ވެސް ތުރުކީއެވެ. އަދި އެ ގައުމުގައި ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އެމްބަސީއެއް ވެސް ގާއިމުކޮށްފަ އެވެ.
ރައީސް މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އަސްކަރިއްޔާގެ ދާއިރާގެ ތެރެއިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރިއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯންތައް ގެނައީ އެ ގައުމުންނެވެ. އަދި އެކަމަށް ބޭނުންވާ ތަމްރީނުތައް ދިވެހި ސިފައިންނަށް ފޯރުކޮށް ދޭނީ އެ ގައުމުގެ އަސްކަރިއްޔާއިންނެވެ.

