ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންޑިއާ މާކެޓު ވެސް މުހިންމުކަމަށާއި، އެ ގައުމުން އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް ދުބާއީއަށް ވަޑައިގެން ހުންނެވި ފައިސަލް މީޑިއާތަކަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ގުޅިފައި ވަނީ ހަމައެކަނި ދޭ ހިދުމަތަށް އެކަނި ނޫންކަމަށާއި، މި ހިދުމަތުގައި އަމަންކަމާއި ރައްކާތެރިކަން ވަރަށް ބޮޑަށް ގުޅިފައިވާކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތުގެ އެއް މަގްސަދަކީ ރައްކާތެރިކަން ފޯރުކޮށް ދިނުންކަމަށްވުމާއި އެކު ކޮންމެ މާކެޓެއް ވެސް ވަރަށް މުހިންމުކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އައު ސަރުކާރާއި އެކު ރާއްޖޭގެ އަމާޒު އިތުރު މާކެޓުތަކަށް ރާއްޖެ ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި ފަތުރުވެރިކަމުގެ އަދަދުތަކުން އެންމެ ރަނގަޅު މާކެޓުތަކުގައި ވެސް ރާއްޖެ އިތުރަށް އިސްތިހާރު ކުރުމުގެ މަސައްކަތް ކުރާކަމަށެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އޮތް އެންމެ ބޮޑު އެދުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް އިންޑިއާގެ ރައްޔިތުން ވެސް ހޯދުންކަމަށް ފައިސަލް ވިދާޅުވި އެވެ.
ޚާރިޖީ ގޮތުން ވެސް އިންޑިއާ – ރާއްޖެ ދެމެދު އޮތީ ފެށުނީއްސުރެ ގާތް ގުޅުމެއްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ މިހާރުގެ ސަރުކާރުން އިގްތިސާދީ ދާއިރާގެ ތެރެއިން އެކުގައި މަސައްކަތްކޮށް ނަތީޖާ ނެރެން ބޭނުންވާ ކަމަށެވެ. އިންޑިއާއަކީ ދުނިޔޭގެ ބޮޑު އާބާދީއެއް އޮތް ގައުމެއްކަމަށްވުމާއި އެކު، އުންމީދަކީ މިއީ ރާއްޖޭގެ މުހިންމު މާކެޓަކަށް ވެގެން ދިއުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ރާއްޖެއަށް މިދިޔަ ދެ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ އިންޑިއާ ނަމަވެސް އެ މާކެޓު ވަނީ ހަވަނައަށް ވެއްޓިފަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 800،000 އަރާއިރު އޭގެ ތެރޭގައި 44،0000 ފަތުރުވެރިންނާއި އެކު އިންޑިއާ ހިއްސާ ކުރަނީ އެންމެ 5 އިންސައްތަ އެވެ.

