ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީގެ ދަށުގައި އޮތް ސަރަހައްދަކުން ގެންދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ގެންދިޔަކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
އެއާޕޯޓުގެ ސެކިއުރިޓީގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް ނުވަދެވޭ ސަރަހައްދެއްގައި އޮތް ވެހިކަލްއެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވިތާ ގިނަ ދުވަސް ވަނީ ވެއްޖެ އެވެ. އެކަމަކު މިހާތަނަށް އެއްވެސް އިދާރާއަކުން އެކަމުގެ ތަފްސީލެއް ނުދީ ތިއްބެވުމަށް ފަހު މިއަދު ފުލުހުންގެ އޮފިޝަލް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެކަކަށް ވުރެ ގިނަ މީހުން މައްސަލައިގައި ހައްޔަރު ކުރިކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް އެއީ ކިހާ އަދަދެއްކަން ހާމައެއް ނުކުރެ އެވެ. އަދި އެ މީހުން ހައްޔަރު ކުރީ ކޮން ދުވަހަކުކަން ވެސް މީޑިއާތަކަށް ހިއްސާއެއް ނުކުރެ އެވެ.
މައްސަލައިގައި މައުލޫމާތު ލިބޭ ގޮތުން ކާރު އެ ސަރަހައްދުން ގެންގޮސްފައި ވަނީ ނަމްބަރު ޕްލޭޓް ބަދަލު ކުރުމަށް ފަހު އެވެ. މިއީ ވަކި ހުއްދައެއް އޮންނަ ބަޔަކަށް އެކަނި ވަދެވޭ ތަނެއްކަމަށްވުމާއި އެކު، ބައެއް މީހުން އެއާޕޯޓުގެ މުވައްޒަފުންނަށް ވެސް ތުހުމަތު ކުރެ އެވެ.
އެއާޕޯޓުގެ ސެކިއުރިޓީއާއި ގުޅުން ހުރި ބޮޑެތި މައުލޫމާތުތަކެއް ދާދިފަހުން ވެސް އާންމުވިއިރު، އެއާޕޯޓުގައި ބައެއް ބްލައިންޑް ސްޕޮޓުތައް ހުރުމާއި ބައެއް މުހިންމު ސަރަހައްދުތަކުގައި ކެމެރާ ނެތްކަން ވެސް ވަނީ ހާމަވެފަ އެވެ.

