ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.
ރާއްޖެ – އިންޑިއާ ދެމެދުގެ ގުޅުން ގޯސްވެފައިވާ ވަގުތެއްގައި ޒަމީރު އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގުގެ 8 އިން 10 އަށެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރާއި ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.
މިއީ ޒަމީރު މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން، އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
Foreign Minister Moosa Zameer to undertake an Official Visit to India
📃 Press Release | https://t.co/OELsgY0r7c pic.twitter.com/T8GLlngEaN
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 7, 2024
ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޒަމީރު އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދުވަހަކީ، ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް އިންޑިއާގެ ސިފައިންގެ އެންމެ ފަހުގެ ބެޗު ފޮނުވާލާ ދުވަހެވެ.
އިންޑިއާގެ ސިފައިންގެ މައްސަލައިގައި ކުރިޔަށް ގެންދިޔަ ކޯ ގުރޫޕުގެ ބައްދަލުވުމެއް މި ހަފްތާގައި ބޭއްވުމަށް ފަހު އާންމު ކުރި ބަޔާނުގައިވާ ގޮތުން ހުކުރު ދުވަހު ފުރުމަށް ހަމަޖެހިފައިވާ ސިފައިންނާއި އެކު ރާއްޖޭގައި ތިބި ހުރިހާ އަސްކަރީ އޮފިސަރުން ފައިބާ ނިމުނީ އެވެ. އަދި ސަރުކާރުން ވަނީ އެކަމުގެ ހުރިހާ ތަފްސީލީ މައުލޫމާތުތަކެއް، ސިފައިން ފޮނުވާލުމަށް ފަހު މީޑިއާތަކަށް ހިއްސާ ކުރާނެ ކަމަށެވެ.
ސިފައިން ފޮނުވާލި ނަމަވެސް ދެ ގައުމުން ވެސް ރަސްމީކޮށް ބުނަމުން ދަނީ ގުޅުމަށް އެކަމުގެ އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. އިގްތިސާދީ ގޮތުންނާއި، އުމްރާނީ ގޮތުން ވެދޭ އެހީތެރިކަން އެއަށް ފަހު ވެސް ދެމި އޮންނާނެކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ.

