ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ތިބީ 76 ސިފައިން ކަމަށާއި އެމީހުން ގާއިމްވެ ތިބީ 3 މަރުކަޒެއްގައި ކަމަށް ޑިފެންސް މިނިސްޓަރ ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ސިފައިން ގާއިމްވެ ތިބި ތިން މަރުކަޒަކީ ހދ. ހަނިމާދޫ، ސ. ގަން އަދި ލ. ކައްދޫ ކަމަށެވެ. ދިވެހި ސަރުކާރުން ކަނޑައެޅި ސުންގަޑި ކަމަށްވާ މޭ 10 ވަނަ ދުވަހުގެ ނިޔަަލަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޮނުވާލެވިފައިވާ ކަމަށް ގައްސާން ވިދާޅުވިއެވެ. އަދި މަޝްވަރާގެ އުސޫލުގެ ދަށުން ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާގެ ހުރިހާ ސިފައިން ޤައުމަށް ފޮނުވާލެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ގައްސާން ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި ރާޑާރު ހިންގުން ހިމެނޭ ކަމަށާއި އަދި އެއިން އެއްވެސް ރާޑަރެއް ހިންގަން ބޭރުގެ ބަޔަކު ނުތިބޭނެ ކަމަށް ގައްސާން ވިދާޅުވިއެވެ. ގައްސާން ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ބަލަހަށްޓަންއެކި ވަސީލަތްތައް ބޭނުންކުރައްވާ ކަމަށާއި އަދި މިސަރަހައްދު ބެލެހެއްޓުމަކީ އެކި ލޭޔާސްއަށް ކުރެވޭ މަސައްކަތެއްކަމަށެވެ. އޭގެތެރޭގައި އެކި ވަށްތަރުގެ ރާޑަރު ހިންގުމާއި، ސެޓަލައިޓް އިމޭޖިން އާއި ޔޫއޭވީސް ބޭނުންކުރައްވާ ކަމަށް ގައްސާން ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއިން ގާއިމްވެގެން ތިބުމަކީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އޮތް ނުރައްކަލެއްކަން ރައްޔިތުން ގަބޫލުކުރާކަން މިދިޔަ އިންތިހާބުތަކުން ވަރަށް ސާފުކޮށް ދޭހަވާ ކަމަށް ވެސް މިއަދު ޣައްސާން ވިދާޅުވިއެވެ.
”މިދިޔަ އިންތިހާބުތަކުގެ ނަތީޖާއިން ވަރަށް ސާފުކޮށް ދޭހަވޭ ރާއްޖޭގެ ރައްޔިތުން ދެކެވަޑައިގަންނަވާ ގޮތް. އިންޑިއާ އަސްކަރިއްޔާ ގާއިމްވެ ރާއްޖޭގައި އޮތުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ އިސްތިގުލާލަށް ހުރި ނުރައްކަލެއްކަން. އެއްވެސް ހާލެއްގައި ގާނޫނީ ގޮތުން ބަޔަކާ ދޭތެރޭގައި ފިޔަވަޅު އަޅަންޖެހޭ ވާހަކައެއް ނޫން ދެންނެވީ. ރައްޔިތުން ބޭނުންވާ ގޮތުގެ ވާހަކަ ދެންނެވީ.“
ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބި ސިފައިން ފޮނުވާލެވުނީ މިދިޔަ ތިން މަހުގެ ތެރޭގައި ހަ ތާރީހެއްގައި ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ގަމުގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓްކުރަން 26 ސިފައިން، ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓް ކުރަން 25 ސިފައިން، އަދި ހދ. ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރަން ތިބި 25 ސިފައިން މިހާރު ފޮނުވާލެވިއްޖެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން އުތުރުތިލަފަޅުގައި ކުރިން ސިފައިން ތިބި ކަމަށާއި އެހެންނަމަވެސް މިހާރު ނެތް ކަމަށް ގައްސާން ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން އުތުރު ތިލަފަޅުގައި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު އަދި އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާގެ ކުންފުންޏަކާއި މިދިޔަ ސަރުކާރުން ހަވާލުކޮށް އެ މަސައްކަތް ވަނީ ފަށައިފައެވެ.
އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން 186 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް ހަވާލު ކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގަމްއާއެވެ. މިކަމުގެ އެއްބަސް ވުމެއްގައި އިންޑިއާ އެކު ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 21 ގައެވެ. އެއިރު އެތަނުގައި އިންޑިއާ ސިފައިންގެ މަރުކަޒެއް އަޅަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވުނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު މޫސާ ޒަމީރް ވިދާޅުވީ އެތަަނަކީ އިންޑިއާ ގްރާންޓް އެއިޑެއްގެ ދަށުން މިހާރުވެސް ހިނގަމުންދާ މަޝްރޫއެއް ކަމަށާއި އެތަނުގައި އަމަލު ކުރަނީ އެ ގްރޭންޓް އެއިޑްގެ މަޝްރޫއާ ގުޅިގެން އަމަލު ކުރަން ޖެހޭ ގޮތަށް ކަމަށެވެ. މި ސަރުކާރުން ނިންމާފައި ވަނީ އުތުރު ތިލަފަޅުގައި ”ފުޑް ސެކިއުރިޓީ“ ޕްރޮޖެކްޓް ހިންގުމަށެވެ.
އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އިގްތިސާދީ ޒޯނެއް ތަރައްގީކުރުމަށް ޗައިނާ ކުންފުންޏަކާއެކު އެއްބަސް ވުމުގައި ސޮއިކުރީ މިދިޔަ މާރިޗް މަސް ތެރޭގައެވެ. އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަންކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ)، އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެމްއޯޔޫއެއްގައި ސޮއި ކުރީ މާރިޗް 28ގައެވެ. މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމްކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

