ޗައިނާގެ ފަތުރުވެރިންނަށް ވީޗެޓް ޕޭ ތައާރަފު ކުރުމަކީ، ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ގާއިމު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ވެއިޝިންގ ޕޭ، ނުވަތަ ބައިނަލްއަޤްވާމީ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ ބޭންކުގެ ޕޮއިންޓް-އޮފް-ސޭލް (ޕީއޯއެސް) ޓަރމިނަލް ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައި އެކަން އިއުލާނު ކުރީ އިއްޔެ އެވެ.
މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ. މިއާއެކު، ޗައިނާގެ މަގްބޫލު މިއެޕުން ކިއުއާރު ޕޭމަންޓްތައް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެއެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި މަރޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.
މި ހިދުމަތް ތައާރަފު ކުރުމާ ގުޅޭގޮތުން ފައިސަލް ކުރެއްވި ޕޯސްޓެއްގައ ވިދާޅުވީ، ވީޗެޓް ޕޭއާއި އެކު ޗައިނާގެ ފަތުރުވެރިންނަށް ހިދުމަތް ހޯދާ ލިބިގަތުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. އަދި އުނދަގުލަކާއި ނުލައި، ހިދުމަތް ލިބޭނެކަމަށް ވެސް ވިދާޅުވި އެވެ.
Excited that we’re introducing WeChat Pay for Chinese visitors, which is another step in establishing Maldives as their top destination. Now, it's easier than ever for Chinese travelers to enjoy their stay, hassle-free. We look forward to further enhancing their experience. https://t.co/g8fN3gTo2K
— Ibrahim Faisal (@ifaisalofficial) May 13, 2024
ފައިސަލް ވިދާޅުވީ މިއާއި އެކު ޗައިނާގެ ފަތުރުވެރިންނަށް ދެވޭ ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށެވެ.
ކޮވިޑަށް ފަހު އައި ތިން އަހަރުގެ މެދުކެނޑުމަކާއި އެކު ޗައިނާގެ މާކެޓު ވަރަށް ބޮޑު ތަނުން ދަށްވި އެވެ. އެކަމަކު އެ ގައުމުގެ އެއާލައިންތަނުން ރާއްޖެއަށް ކުރަން ފެށި ދަތުރުތަކާއި އެކު މިހާރު ޗައިނާ މާކެޓުވެފައި ވަނީ ރާއްޖެއަށް އަނެއްކާވެސް އެންމެ ގިނަ ފަތުރުވެރިން އަންނަ މަންޒިލަށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ރާއްޖެއަށް އައި ޗައިނާގެ ފަތުރުވެރިންގެ އަދަދު 91،000 އިން މައްޗަށް އަރަ އެވެ.
ހިދުމަތް ތައާރަފު ކުރުމާއި ގުޅޭގޮތުން ބީއެމްއެލް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މި ހިދުމަތް ފަށާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ހިމެނޭ ވިޔަފާރިތަކުން ކަމަށެވެ. އަދި ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީ ޗެޓް ޕޭ ބަލައިގަނެވޭނެ ގޮތަށް ހަމަޖެހިގެން ދިއުމާއި އެކު ވެއިޝިން އަދި ވީޗެޓް ބޭނުން ކުރާ 1 ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށް ވެސް ފައިސާދެއްކޭނެ ގޮތް ފަހިވެގެންދާކަމަށް ވަނީ ބުނެފަ އެވެ.

