ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ އަގުތައް ރިވިއު ކުރުން؛ އަދިވެސް މައްސަލަ ހައްލެއް ނުވޭ

އެއާޕޯޓް ޓެކްސީ ކިޔު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައި މުރާޖައާ ކުރީ، ދަތުރުތައް ލިބުމުގައި އެތައް ގޮންޖެހުމެއް ދިމާވި ޝަކުވާތައް ފެންމަތިވި ވަގުތެއްގަ އެވެ.

ޓެކްސީ ޑްރައިވަރުން ބޭނުން އަގުތަކެއް ނެގުމާއި، އަދި އާންމުން ބޭނުންވާ ތަނަކަށް ދަތުރު ނެގުން ދެކޮޅު ހެދުން ވެސް ވަރަށް އާންމެވެ. މާލޭގެ އެތެރޭގެ ދަތުރުތައް އެއްވެސް ގޮތަކަށް ނުލިބޭއިރު، ގިނަ ޑްރައިވަރުން ދަތުރުތައް ނަގަނީ މާލެއިން، ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށެވެ.

މި ޝަކުވާތައް މިގޮތަށް ފެންމަތިވެ، ދެން އައި ޝަކުވާއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެއަށް އެކަނި ދަތުރުތައް ނެގުމެވެ. އަދި ލަގެޖުގެ އަދަދަށް ބަލައި، ދަތުރުތައް ނަގަން ދެކޮޅު ހެދުމާއި ބޮޑު އަގުގައި ނޫން ގޮތަކަށް ދަތުރު ނުނަގާނެކަމަށް ޑިމާންޑުކޮށްފައި ވެއެވެ.

މީގެއިތުރުން ރަށްތަކުން މާލެއަށް އަންނަ ދަތުރުވެރިންނަށް ބޮޑު އަގުތައް ކިޔާކަމަށް ވެސް ޝަކުވާތައް ފެންމަތިވި އެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، ޓެކްސީ ޑްރައިވަރުންނަށް ދީލައިނުލާނެކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ފިޔަވަޅެއްގެ ގޮތުން ކިއުތައް މެނޭޖު ކުރުމަށް ފުލުހުން ނެރުނެވެ.

މީޑިއާތަކަށް އެކަމާއި ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓަރ އަމީން ވިދާޅުވީ އެއާޕޯޓުގެ ޓެކްސީ ކިއުގެ ތަރުތީބު ވަރަށް ބޮޑަށް ގެއްލި ބައެއް ޑްރައިވަރުން ބޭނުންވާހާ ގޮތަކަށް ފަސިންޖަރުންނާއި މެދު އަމަލު ކުރަމުން އަންނަކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ޓްރާންސްޕޯޓު މިނިސްޓްރީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ފުލުހުން ގުޅިގެން މަސައްކަތް ފެށުމާއި އެކު ޓެކްސީތައް އެއާޕޯޓަށް އައުން ހުއްޓާލި އެވެ.

އެ މައްސަލައިގައި މިނިސްޓަރ ވިދާޅުވީ ސަރުކާރުން ގާނޫނު ތަންފީޒު ކުރާނެކަމަށާއި، ވަކި ބަޔަކު ހިތްހަމަނުޖެހުމުން ދޫ ނުދޭނެ ކަމަށެވެ. އަދި އެންމެނަށް ވެސް އޮންނާނީ ހަމަހަމަ އުސޫލެއްކަމަށް ވިދާޅުވި އެވެ.

ޓެކްސީ ކިއުގައި މަޑު ކުރަން ޖެހޭ ވަގުތައް ގިނަވެ، ގަޑިއިރު ދެ ގަޑިއިރު ވެސް ބައެއް މީހުން ކިއުގައި މި ދެ ދުވަހަކު ތިބެން ޖެހުނެވެ. އަދި ބައެއް މީހުން ވަނީ، އެއާޕޯޓު ފެރީއިން ވެސް މާލެ އައިސްފަ އެވެ.

ސަރުކާރުން ދޫ ނުދޭނެކަމަށް ބުނެފައި ވަނިކޮށް، ރޭ ކުއްލި ގޮތަކަށް ޓްރާންސްޕޯޓު މިނިސްޓްރީން މާލޭގެ ސަރަހައްދުގައި ދަތުރު ކުރެވޭ އަގުތައް އަލުން ކަނޑައެޅި އެވެ. މީގެ ކުރިން ޑިކީއަށް ލަގެޖު ލުމުން އިތުރު ފައިސާ ނެގުން މަނާ ނަމަވެސް އާންމުކޮށް ޑްރައިވަރުން ނަގަމުން އައީ ހުރިހާ ލަގެޖަކަށް ވެސް ފަސް ރުފިޔާ އެވެ. އެކަމަކު މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުން ތިން ލަގެޖަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް ފަސް ރުފިޔާ ނެގޭނެ އެވެ.

އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ކުރެވޭ ދަތުރުތަކުން ކަނޑައަޅާފައިވާ އަގުތަކުގެ، އިތުރަށް ދިހަ ރުފިޔާ ނެގޭ ގޮތަށް ބަދަލު ގެނައިއިރު، ޓެކްސީއަށް އަރުވާ ލަގެޖުގެ ތެރެއިން ތިން ލަގެޖަށް ވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ލަގެޖަކަށް ފަސް ރުފިޔާ ނެގޭ ގޮތަށް މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.

މިނިސްޓްރީން ބުނެފައި ވަނީ 10-7 ސިޓު ދެމެދުގެ އުޅަނދުތަކުގައި އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްއާއި ހަމައަށް ކުރާ ދަތުރުތަކުގެ އަގުގެ އިތުރަށް 15 ރުފިޔާ ޗާޖު ކުރެވޭނެ ކަމަށެވެ.

މިބަދަލު މިގޮތަށް ގެނައި ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މީގެ ކުރިން 7-10 ސީޓުގެ ވެހިކަލަށް އަގުތަކެއް ކަނޑައަޅާފައި ނެތް ކަމަށެވެ. އެހެންކަމުން މިނިސްޓްރީން ކަނޑައެޅީ އެ އަގުތައްކަމަށް ބުންޏެވެ.

ކިއު ތަރުތީބަށް ބަލައި އެއް ފަސިންޖަރު އެކަނި ވޭނަކަށް އަރަން ޖެހޭ ހާލަތްތައް ވެސް ދިމާވާތީ، އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަގުތަކުގެ މައްސަލައިގައި ބައެއް ޓެކްސީ ޑްރައިވަރުން އެކުވެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ، އަހަރުން އަހަރަށް ހުރިހާ ހިދުމަތެއްގެ އަގު އުފުލިފައިވާކަމަށެވެ. އެކަމަކު ޓެކްސީގެ އަގުތައް ހެޔޮ ކުރުމަށް ސަރުކާރުން ޕްރެޝަރު ކުރާކަމަށް ތުހުމަތުކޮށް ޑްރައިވަރުން ބުނެފައި ވަނީ، ދިރިއުޅުމުގެ ހުރިހާކަމެއްގެ އަގަށް ބަދަލު އަންނަމުންދާ މި ޒަމާނުގައި ޓެކްސީގެ އަގުތައް ވައްޓާނުލުމަށް އެދޭކަމަށެވެ.

ޑްރައިވަރުން ވަނީ ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް، ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަންނަން އުޅޭކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

މީގެކުރިން ޑްރައިވަރުން ވަނީ މީޓަރ ޓެކްސީ ތައާރަފު ކުރުމަށް ދެކޮޅު ހަދާފަ އެވެ. އެކަމަކު މިއަދު ވާހަކަ ދެއްކި ބައެއް ޑްރައިވަރުން ބުނެފައި ވަނީ މީޓަރ ޓެކްސީ ތައާރަފު ކުރެވެން ދެން އަގުތައް ދަށް ނުކޮށް ކުރިޔަށްދާން ބޭނުންވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: