މިއަހަރުގެ ތެރޭގައި އައްޑޫ އަދި ކުޅުދުއްފުށީގައި ފުރިހަމަ ހިދުމަތް ދެވޭ ބުލަޑް ބޭންކެއް ގާއިމް ކުރެވިގެންދާނެކަމަށް ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބުލަޑް ބޭންކު ގާއިމް ކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދެއްކަމަށެވެ.
ރާއްޖޭގެ 5 ސަރަހައްދެއްގައި ބުލަޑް ބޭންކުތައް ގާއިމް ކުރެވިފައި ހުރި ނަމަވެސް، ފުރިހަމަ އިންތިޒާމްތައް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ތަންތަން ހުރީ ބްލަޑް ސްޓޯރޭޖްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.
އައްޑޫ ކުޅުދުއްފުށި ފަދަ ފުލް ފްލެޖުޑް ބުލަޑް ބޭންކަން މިއަހަރުގެ ތެރޭގައި ގެނެވޭނެކަމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭ. އިރާދަ ކުރެއްވިއްޔާ އެކަން ކުރެވޭނެ.
މިނިސްޓަރު ވިދާޅުވިއެވެ.
މި ތަންތަނުގައި ބައެއް ހިދުމަތްތައް ގާއިމްކުރުމަށްޓަކައި، ރިވިއު ކުރަމުން އަންނަކަމަށާއި، އެއަށްފަހު މިނިސްޓްރީގެ ފަރާތުން ގޮސް މައްސަލަތައް ހައްލު ކުރާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް ރ އުނގޫފާރުގެ މައުލޫމާތު ވަނީ މިހާރުވެސް ލިބިފައިކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ބޭނުންވާ ސަމާނުތައް ޕްރޮކިއާ ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ އަދި ކުޅުދުފުށީގެ ބުލަޑް ބޭންކުތައް ފުރިހަމައަށް ހިދުމަތް ދެވޭ ތަނަކަށް މިއަހަރުގެ ތެރޭގައި ހެދޭނެކަމުގެ އުއްމީދު އެބައޮތްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

