އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ރައީސް މުއިއްޒު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ ފޮނުއްވެވީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާގޮތު މަތިންނެވެ. އަދި އެ ބިލަކީ 2024 ވަނަ އަހަރުގެ އެޕްރިލް 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރައްވައި މޭ މަހުގެ 2 ވަނަ ދުވަހު ރައީސް އޮފީހަށް ތަސްދީގުކުރުމަށް ފޮނުވި ބިލެއް ކަންވެސް ހާމަކޮށްފައިވެއެވެ.
ރައީސް މުއިއްޒު އަނބުރާ ފޮނުއްވި އިސްލާހުގެ ދަށުން ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާތާ ހަ މަސް ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދޫކުރަން ޖެހެއެވެ. މި އިސްލާހު މަޖިލީހަށް ހުށައެޅުއްވީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ މަގާމުގައި ހުންނެވި މީކާއިލް ނަސީމްއެވެ.

