ދުނިޔޭގެ ކަނޑު މަހުގެ ވިޔަފާރީގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުކޮށްދީ، އެ ސިނާއަތުގައި އެއްބާރުލުންދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ތައިލެންޑްގެ ބެންކޮކްގައި ބޭއްވި މިނިސްޓަރީ އެންޑް އިންޑަސްޓްރީ ހައި ލެވެލް ޑައިލޮގް އޮން ސަސްޓެއިނަބަލް ޓޫނާ ފިޝަރީޒްއާ އެކު ބޭއްވި 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގަ ޝިޔާމް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުން ހާއްސަކޮށް ކުދި މަސްވެރިކަމާއި ކަނޑުމަހުގެ އުފެއްދުންތައް މާކެޓަށް ވަނުމަށް ހުރި ހުރަސްތައް ނައްތާލުން މުހިންމު ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި ތަރައްގީވަމުން އަންނަ އެހެން ސްޓޭޓްތަކަށް ބޮޑެތި ސިނާއީ ފްލީޓްތަކާ ވާދަކުރަން އުނދަގޫވާ ކަމަށާއި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ ކަނޑުމަހުގެ ވިޔަފާރީގެ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ކަށަވަރުކޮށްދީ އެއްވަރެއްގެ މާހައުލެއް އުފެއްދުމަށް ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަމާއި، ރިޕޯޓް ނުކުރުމުގެ ސަބަބުން ކުރާ އަސަރުތަކަށް ވެސް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ. މިފަދަ އަމަލުތަކަކީ ގުނާ ނުލެވޭ މަސްވެރިންނާއި އައްސޭރިފަށުގެ ޖަމާޢަތްތަކުގެ ދިރިއުޅުމަށް ބުރޫއަރާ ކަމެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ޒިންމާދާރު މަސްވެރިންގެ މަސައްކަތަށާއި އަދި ހާއްސަކޮށް މަސްވެރިކަމުގެ ދެމެހެއްޓެނިވި ސަގާފަތް، ޖީލުތަކެއް ވަންދެން ދެމެހެއްޓުމަށް އެތައް ގުރުބާނީތަކެއް ވެފައިވާ ރާއްޖެފަދަ ގައުމަތަކަށްވެސް ބުރޫއަރާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި އައިޔޫޔޫ މަސްވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސަވައިލެންސް ހަރުދަނާކޮށް މަސްވެރިކަމުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މިނިސްޓަރު ވާހަކަފުޅު ދެއްކެވިއެވެ.
މި ކޮންފަރެންސްގައި ކަނޑުމަސް އުފައްދާ އަދި އެކްސްޕޯޓްކުރާ މުހިންމު ގައުމުތަކާއި ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

