ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.ޑީ.ޕީ އެނބުރި އައުމަށް ދެން ކުރާނީ ކޮންކަމެއް ؟

އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޙާބުން ލިބުނު ނާކާމިޔާބީއާއެކު އިދިކޮޅު މައި ޕާޓީގެ އަޑު މިވަނީ ވަރަށް ބޮޑަށް ފަނޑުވެފައެެވެ. ދާދި ފަހުން ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައިވެސް އެމްޑީޕީއަށް ލިބުނީ އެ ޕާޓީގެ ތާރީހުގައި ވެސް ނުލިބޭވަރުގެ ބޮޑު ނާކާމިޔާބީއެކެވެ. އިންތިހާބުގައި ލިބުނީ އެންމެ 12 ގަނޑިއެވެ.

ހުއްޓުމެއްނެތި މަޑު އަޑަކުން ނަމަވެސް އަދިވެސް ދައްކާ އަޑު އިވެނީ ސަރުކާރު ޖަވާބުދާރީ ކުރުވާ ވާހަކައަށް ވާއިރު ސުވާލަކީ މިހާ މަދު މެމްބަރުންތަކަކަށް ސަރުކާރުގެ ބިޔަ މެޖޯރިޓީއާއި އިދުކޮޅަށް މަސައްކަތެއް ކުރެވިދާނެތޯއެވެ. މަޖިލިސް އިންތިޙާބުން ބަލިވުމާ ހަމައަށްވެސް ދައްކަމުން ދިޔައީ ރައްޔިތުންގެ ބޮޑު އަޤްލަބިއްޔަތަކުން އިންތިޙާބުވެ ހުންނެވި ރައީސުލްޖުމްހުރިއްޔާ މަގާމުން ދުރުކުރާ ވާހަކައެވެ. މި ވާހަކަތައް ހުއްޓުމަކަށް އައީ ތިމާމެންނަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށް އަމިއްލައަށް ކޮންމެވެސް މިންވަރަކަށް ގަބޫލު ކުރެވުނު ހިސާބުންނެވެ.

ތާރީހުގެ ތެރެއަށް ނަޒަރު ހިންގާލާނަމަ، 2013 ގައި ރައީސް ޔާމީން އިންތިޙާބު ވުމާއިއެކުވެސް އެމް.ޑީ.ޕީގެ އަޑު ކެނޑިގެން ދިޔައެވެ. އެހެން ނަމަވެސް ވެރިކަމުގައި އެއިރު ހުންނެވި ރައީސް ޔާމީން ވެރިކަމަށް ވަޑައިިގަތުމަށް އެކުލަވާލި ކޯލިޝަން ރޫޅާލާ އަމިއްލައަށް ކުރިއަށްދިއުމަށް ފައި ނެންގެވުން ވެގެން ދިޔައީ، އެ މަނިކުފާނަށް ގިނަ ރައްޔިތުންތަކެއް ކުރަމުން އައި ތާއީދު ފަނޑުވެގެން ދިޔަ ކަމަކަށެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫންގެ ފޮޓޯފުޅު ދައްކައިގެންނޭ ކިޔާ އުޅުނެވެ. ވެރިކަމުގެ ވަކި ހިސާބަކުން ރައީސް މައުމޫނު އާއި ބޮޑެތި މައްސަލަތަކެއް ޖެހި، ގިނިކަންޏާ ވެރިކަން ކުރަން ޖެހިގެންދިޔައެވެ. މިކަން ވެގެން ދިޔައީ އެއިރު އޮތް އެމް.ޑީ.ޕީ އެނބުރި އައުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށެވެ.

އެތަކެއް ރައްޔިތުންގެ ތާއީދު ލިބިފައި ތިއްބެވި އިސް ސިޔާސީ ލީޑަރުންތަކެއް އެއްސަފެއްގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް ނިކުމެ، ސަރުކާރުގެ ހަގީގީ ސައިޒު ދައްކާލިއެވެ. އެހިނދުން އެހިނދަށް އެކި މައްސަލަތަކުގެ ދަށުން ސިޔާސީ ބައެއް އިސްވެރިން ޖަލުގައި ބަންދުކޮށް އިދުކޮޅުގެ އަޑު ކަނޑުވާލަން ރައީސް ޔާމީން މަސައްކަތް ފެއްޓެެވި އެވެ. އެކި ދުވަސްމަތިން އެކި ނަންނަމުގައި އެއްވުންތައް ބާއްވައި، ދުވަހަަކަށްފަހު ދުވަހެއް އިދިކޮޅުގެ ބާރު ގަދަވެގެން ދިޔައެވެ.

އެއިރު އެންމެ ގަދަޔަށް ދެކެވުނު އެއްވާހަކައަކީ 2018 ގެ އިންތިޙާބު ރައީސް ނަޝީދުއަށް ހޯދައި ދިނުމުގެ ވާހަކައެވެ. އެހެންނަމަވެސް ހުކުމެއް ތަންފީޒު ކުރަމުން ގެންދެވުމުގެ ސަބަބުން ރައީސް ނަޝީދުއަށް 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ހުރީ ބަންދުވެފައެވެ. ނަމަވެސް ގުޅިފައި އޮތް ކޯލިޝަންގެ ފުރިހަމަ ތާއީދާއިއެކު އިބްރާހިމް މުހަންމަދު ސޯލިހު ރިޔާސީ އިންތިޙާބަށް ނިކުންނެވުމުގެ ތައްުޔާރީތައް ކުރިއަށް ގެންދަން ފެށިއެވެ.

ރާއްޖޭގެ ކަންކޮޅުތަަަކަށް ކެމްޕޭން ދަތުރުތައް ފެށިގެން ދިޔައެވެ. އަދި އުންމީދުވެސް ނުކުރާ މިންވަރަށް ރައްޔިތުންގެ ތާއީދު ލިބެމުން ދިޔައެވެ. 2018 ވަނަ އަހަރުގެ އިންތިޙާބުގައި 51 އަށްވުރެން މަތީ އިންސައްތަ ވޯޓާއި އެކު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުއެވެ. މިއީ އެއިރު ކުޑަކޮން ފެނުނު އެމްޑީޕީ 5 އަހަރަށް ފަހު ރާއްޖޭގެ ވެރިކަން 2 ވަނަ ފަހަރަށް ހޯދި ގޮތުގެ ކުރު ހުލާސާއެކެވެ. ފުޅާ ކޯލިޝަނެއްގެ ތެރެއިން ހޯދި ފުޅާ ވެރިކަމުގެ ވާހަކައެވެ.

އަނެއްކާވެސް ފެނިގެން ދިޔައީ މާޒީ ތަކުރާރުވެގެންދިޔަ މަންޒަރެވެ. ވެރިކަމުގައި ހޭދަ ކުރެއްވި މުއްދަތުގެތެރޭ، އެއިރުގެ އެންމެ މަގްބޫލް ސިޔާސީ ލީޑަރ، އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމް އެމްް.އެމް.ޕީ.އާރްސީ ހިޔާނާތުގެ މައްސަލައިގައި ޖަލައްލާ، މައުސޫމްކަން ސާބިތު ވުމާއި ހަމައަށްވެސް އެމަނިކުފާނު ޖަލުގައި ބެހެއްޓެވިއެވެ. ވެރިކަން ދެމެހެއްޓުމަށް ބޭނުން ކުރީ ރައީސް ޔާމީންއާއި ދާދި އެއްކަހަލަ އުކުޅު ތަކެކެވެ. އެއްމައްސަލައިގެ ހުކުމް ބާތިލު ކުރިފަހުން ދެވަނަ މައްސަލައެއްގައި ރައީސް ޔާމީން ޖަލުގައި ބަންދުކޮށް، 2023 ގައި ވެއިކަމަށް އާދެވެން އޮތް ހުރިހާ މަގެއް ބަންދު ކޮށްލިއެވެ.

އިތުރު ގޮތެއްނެތި، ރިޔާސީ އިންތިޙާބު ބޮއިކޮޓްކުރާ ހިސާބަށް ދިޔުމުން އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަ ކުރުމަށް ނިންމެވިއެވެ. ހަޤީޤަތުގައި އެއިރުވެސް އެމް.ޑީ.ޕީ އަށް ރައްޔިތުން ތާއީދު ކުރާވަރު ދެނެގަތުމުގައި އެމް.ޑީ.ޕީގެ ލީޑާރޝިޕުން ވަނީ ބޮޑުތަނުން ފެއިލް ވެފައެވެ. ޖެހި ހިސާބު ދިމާނުވެ ރައީސް މުއިއްޒު އިންތިޙާބުު ކާމިޔާބު ކުރެއްވިއެވެ. އެމް.ޑީ.ޕީއަށް ތާއީދު ގެއްލުނުއިރު، ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވީ އިތުރު އެއްވެސް ސިޔާސީ ޕާޓީއަކާއި ކޯލިޝަންއެއްގެ ދަށަކުން ނޫނޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ނިމިދިޔަ މަޖިލިސް އިންތިޙާބުގައި ލިބުނު މަދު ގޮނޑިކޮޅު ބޭނުން ކޮށްގެން އަމިއްލަ މަންފާއަށް ފާސްކޮށް އުޅުނު ގަރާރުތައް ފާސް ކުރެވޭނެ މަގެއްވެސް ނެތެވެ. އަމިއްލައަށް ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން އިތުރު މެމްބަރަކު އެމް.ޑީ.ޕީއަށް ގެނެވޭނެ ގޮތެއްވެސް ނެތެވެ.

އެމް.ޑީ.ޕީން ކުރިއަށް ދާންވީ ކޮން މަގަކުންކަން އަދި އެނގެން ނެތުމުން މުޅި ޕާޓީ މި ވަނީ ހުއްޓުމަކަށް އައިސްފައިއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ސަރުކާރެއް ޖަވާބު ދާރީ ކުރުވޭނެ ވަރުގެ އަޑެއް ނެތުމުން ލަވާނެ ހަޅޭކެއްވެސް ނެތެވެ. އެމްޑީޕީގެ އުންމީދު ގުޅިފައިވަނީ ކުރިމަތީ އޮތް ލޯކަލް ކައުންސިލް އިންތިޙާބު ކަމުގައިވެސް ވުން ގިނަ ބަޔަކުދެއެވެ.

ކޮބންމެއަކަސް ޕާޓީ ނަގާ ކޮޅަށް ޖެހުމަށް ނެތްވަރުގެ ބޮޑު ދިރާސާއެއް ކުރާ ވާހަކަ އަޑުއިވެއެވެ. އެހެނަސް އޭގެ ކުރިން ޕާޓީގެ ލީޑަރޝިޕް އެއްގަލަކަށް އަރަން ޖެހެއެވެ. އެނޫން ގޮތަކަށް ދެން އެމްޑީޕީގެ އަޑު އަލުން ގަދަވެގެން ދިއުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ވަރަށް ގަދަ
68%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 5%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: