ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަށް ޚާއްޞަ މެހެމާންދާރީއެއް އަދާކުރައްވައިފިއެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުއިއްޒު، އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދިވެހިރާއްޖެއަށް އެނބުރިވަޑައިގަތުމަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވުމުން، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތްޕުޅުން ޚާއްޞަ މެހެމާންދާރީއެއް ވަނީ އަދާކޮށްފައެވެ.
ރައީސަށް، ބާބެޑޯސްގެ ގްރާންޓްލޭ އެޑަމްސް އިންޓަނޭޝަނަލް އެއާޕޯޓުން މަރްޙަބާ ދެންނެވީ، ބާބެޑޯސްގެ އެކްޓިންގ މިނިސްޓަރ އޮފް ފޮރިންއެފެއާޒް އޮފް ފޮރިން އެންޑް ފޮރިން ޓްރޭޑް އަދި އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އޮނަރަބަލް ސީ. ސަންދްރަވީ ހަޒްބަންޑްސް އާއި، ޗީފް އޮފް ޕްރޮޓޮކޯލް، މިސް ރެސާ ލޭން އެވެ.
އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފްދުގެ ބޭފުޅުންނަށް އެއާޕޯޓް ސަރަޙައްދުގައި ހުރި ބާބެޑޯސްގެ މުހިންމު ރީތި އަދި ތާރީޚީ ތަންތަން ދައްކައިލެއްވުމުގެ ޚާއްޞަ ’ސައިޓްސީން’އެއް އެ ޤައުމުގެ ސަރުކާރުން ވަނީ އިންތިޒާމުކޮށް ދެއްވައިފައެވެ. އަދި ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ފޯނުން ދެއްކެވި ވާހަކަފުޅުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިގެން މިދިޔަ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ މަހާސިންތާގެ ކާމިޔާބީތަކަށް ވަނީ އަލިއަޅުވައި ލާފަައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުން ރައްކައުތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާމެދުވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ބާބެޑޯސްގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ނިމިގެން މިދިޔަ ’ސިޑްސް‘ ގެ މަހާސިންތާ ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ކުޑަވަގުތުކޮޅަކަށް ނަމަވެސް ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވީތީ ވަރަށް އުފާކުރައްވާކަމުގައި ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވައިލެއްވީ، ބާބެޑޯސްގައި މި މަޑުކޮށްލެއްވި ކުޑަ ވަގުތުކޮޅު، އެ ޤައުމުގެ ސަރުކާރުން ކަމޭހިއްތަވައި މެހެމާންދާރީ އަދާކުރެއްވި ފުރިހަމަކަމަށްޓަކައި، އެމަނިކުފާނާއި ދިވެހި ވަފުދުގެ ހުރިހާ ބޭފުޅުންގެ ނަމުގައި ތަކުރާރުކޮށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ބާބެޑޯސްއިން ފުރާވަޑައިގަންނަވަމުން، އެ ޤައުމުގެ ބޮޑުވަޒީރަށް ފޮނުއްވެވި ޝުކުރުގެ ޚާއްޞަ މެސެޖުގައި، ބާބެޑޯސްގައި މަޑުކޮށްލެއްވި މި ކުޑަ ވަގުތުކޮޅުގައިވެސް އެ ޤައުމުން ފެނިވަޑައިގަތް ރީތިކަމަށް ތާރީފުކުރައްވާފައިވެއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފުދަށް، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތުން އަދާކުރެއްވި ޚާއްޞަ މެހެމާންދާރީ އަބަދުވެސް ހަނދުމަފުޅު ހުންނާނޭކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިދިޔަ މަހާސިންތާގެ ހަވާސާގައި، ބާބެޑޯސްގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުމަށް، މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރައްވާފައި އޮތް ނަމަވެސް، ދެބޭފުޅުންގެވެސް އަވަދިނެތިވެ އަދި ވަރަށް ބުރަކޮށް އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން، އެ ބައްދަލުވުން ބޭއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަތްކަން ހިތާމައާއެކު ފާހަގަކުރައްވައި، ވަރަށް އަވަހަށް ދެބޭފުޅުން ބައްދަލުވާނޭކަމުގެ އުންމީދު އައުކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖް ނިންމަވާލައްވާފައިވަނީ، ’ސިޑްސް‘ ގެ 4 ވަނަ މަހާސިންތާގައި، ބައިނަލްއަޤްވާމީ މާލީ އެހީތެރިކަމުގެ ނިޒާމު އިޞްލާޙުކޮށް، ކުދި ޖަޒީރާ ޤައުމުތަކަށް ވެދޭ މާލީ އެހީ އިތުރުކުރުމަށް ބާރުއަޅުއްވައި ބާބެޑޯސްގެ ބޮޑުވަޒީރު ކުރެއްވި މަސައްކަތްޕުޅު ޚާއްޞަގޮތެއްގައި ފާހަގަކުރައްވަމުންނެވެ. އަދި އެކަމަނާގެ އެ މަސައްކަތްޕުޅުގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއިންވެސް ވަކާލާތުކުރާ އެންމެ މުހިންމު އެއްކަމަކީ މިއީ ކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވުނު މަހާސިންތާގެ ނިންމުންތައް ތަންފީޒުކުރުމުގައި، ދިވެހިރާއްޖެއާއި ބާބެޑޯސް އިން އެއްބާރުލައިގެން، މި މަސައްކަތް ކުރަމުން ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް، ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

