ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ޚިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ތައުލީމާއި ތަމްރީނު މުހިންމު: އިޙްސާން

ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން.
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޚިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ތައުލީމާއި ތަމްރީނަކީ ވަރަށް މުހިންމު ކަމެއްކަމަށް، ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރުގެ ވާހަކަފުޅު ފެއްޓެވުމުގެ ގޮތުން، އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ފުލުހުންެގެ ސަފުތަކާ ގުޅިގެން ގައުމީ ޚިދުމަތަށް ނުކުތް ޓްރެއިންޑް ފުލުހުންނަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނަންފުޅުގައި މަރުހަބާ ދެންނެވިއެވެ.

އިހުސާން ވިދާޅުވީ އަސާސީ ތަމްރީނު ކޯހެއް ނިމޭ ދުވަސް ނުވަތަ ޓްރެއިންޑު ފުލުހަކަށްވާ ދުވަސް އެއީ ކޮންމެ ފުލުހެއްގެ ހަޔާތުގައި ވެސް އަންނަ އެންމެ މުހިންމު އެއްދުވަސް ކަމަށެވެ. އަދި އެއީ ޚިދުމަތުގެ ކުރީކޮޅު ކޮންމެ ފުލުހަކަށް ވެސް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީކަމަށެވެ.

ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދިނުމާއި ކުށްކުރުން މަދުކޮށް، ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބުކަމަށާއި މިކަން މިގޮތަށް ކުރުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހި ފުލުހުންކަމަށް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން މިއަދު ދިވެހި ފުލުހުންގެ ފަރާތުން އެދޭ ގިނަކަންކަން އެބަހުރި. ކުރާ ފޮނި އުންމީދުތަކެއް އެބަހުރި. އެގޮތުން، ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކޮށްފައިވާ މުޖުތަމައަކަށް ހެދުމާ ދިވެހި ރާއްޖެއަކީ ގޭންގު ހަދައިގެން ކުށްކުރަމުންދާ ވެއްޓެއްގޮތަށް އޮތްއޮތުން ބަދަލުކުރުމާއި ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބޭރު މީހުންގެ ކަންކަން ގާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ މީގެ ތެރެއިން އެންމެ މުހިންމު ކަންކަަން.

އިހުސާން ވިދާޅުވިއެވެ.

ތަމްރީނު ފުރިހަމަކޮށް ފުލުހުންގެ ސަފުތަކާ ގުޅޭ ފުލުހުންގެ ފަރާތުން އެފަދަ ކަންކަން ކާމިޔާބުކުރުމަށް، ވެރިންގެ އިރުޝާދާ އެއްގޮތަށް ގަދައަަޅައި މަސައްކަތްކުރުމަށް މިނިސްޓަރު އެދިލެއްވިއެވެ. އަދި މިކަންކަން ވިޔަނުދިނުމަށް ދައުލަތުގެ އެތެރެއާއި ބޭރުން އަދި މިކަންކަން ކުރުމުގައި ޝާމިލުވާ މީހުންގެ ފަރާތުން ރިޝްވަތު ހުށަހެޅުމާއި އިންޒާރުދީ ބިރުދެއްކުމާއި ފުރައްސާރަކޮށް ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް މަސައްކަތްކުރާނެ ކަމަށާއި ތަމްރީނުގެ ބޭނުމަކީ އަދި ފުލުހުންގެ އަޒުމުގެ މަތީގައި ނުގުޑާ ތިބުމަކީ އަދި ކުރާ ހުވަޔާ އެއްގޮތަށް އަމަލުކުރުމަކީ މިފަދަ ހުރަސްތަކުގެ ތެރެއިން ވެސް މަގުސަދު ހާސިލުކުރުން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދަރިޔަކު ވިހައި ބޮޑުކޮށް ތައުލީމާއި ތަރުބިއްޔަތުދީ ގައުމީ ޚިދުމަތަށް އެ ދަރިއަކު ނެރުމަކީ މި ގައުމަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތް ކަމަށްވެސް އިހުސާން ވިދާޅުވިއެވެ. މައިންބަފައިން ފަހުރުވެރިވާ ފަދަ އަދި ގައުމު ފަހުރުވެރިވާ ފަދަ ފުލުހުންނަށް، ތަމްރީނުވި ފުލުހުން ވެގެންދާނެކަން ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޚިދުމަތުގައި ދިމާވާ ގޮންޖެހުންތަކުގައި ސާބިތުވެތިބުމަށް އަބަދުވެސް ނަސޭހަތްދެއްވައި ފުލުހުންގެ ހިތްވަރުކަމުގައި އަބަދުވެސް ތިބުމަށް، 36 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި ފުލުހުންގެ ބެލެނިވެރިންގެ ކިބައިން އެދިލެއްވިއެވެ.

ހަމަ އެހެންމެ ގައުމެއްގެ އިގުތިސާދީ ތަރައްގީއާއި ކުރިއެރުމަށް އެންމެ މުހިންމު އެއްކަމަކީ އެ ގައުމެއްގައި އޮންނަ ހަމަޖެހުމާއި އަމަން އަމާންކަން އަދި ސުލްހަވެރިކަމާއި އަދުލު އިންސާފު ކަމަށާއި މިކަންކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި ހަރުދަނާ ފުލުހުންގެ ޚިދުމަތެއް ގާއިމުކޮށް އޮތުމަކީ ވަރަށް މުހިންމުކަމެއްކަމަށް އިހުސާން ވިދާޅުވިއެވެ. އަދ އިންވެސްޓަރުންގެ ކޮންފިޑެންސް އިތުރުކުރުމާއި ގައުމަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި، ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އޭގެ އެންމެމަތީ ފަންތީގައި ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ޚިދުމަތްދިނުމުގައި އިންސާނީ ކަރާމާތް އިސްކޮށް ދިވެހި ރައްޔިތުންނާ ވީހާވެސް ގާތުން އޯގާތެރިކަމާއެކު ޚިދުމަތްދިނުމަކީ ފުލުހުންގެ އަމާޒަކަށް ވާންވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިކަންކަން ކަށަވަރުކުރުމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް އަދި އެންމެހައި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ.

އަދި ޚިދުމަތް ދިނުމަށް ޒަމާނީ އަދި މަތީ ތައުލިމާއި ތަމްރީނަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެންމެހައި ފުލުހުން މަސައްކަތް ކުރަންވާނީ އެ ފުލުހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކެއް އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި ބޭނުންވާ ތައުލީމާއި ތަމްރީނު ލިބިގަތުމަށް ކަަމަށް ވިދާޅުވިއެވެ. އަދި ފުރުސަތުތައް ފަހިކޮށްދިނުމަކީ ޒިންމާއެއް ކަމަށާއި މިކަންކަން ފަހިކޮށްދީ މިކަމަށް ބާރުއެޅުމަކީ ފުލުހުންގެ ވަޒީރުގެ ހައިސިއްޔަތުން ވަރަށް އިސްކަންދޭނެ ކަމެއްކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ތައުލީމާއި ތަމްރީނުދިނުމަކީ ފަސޭހަކަމެއްނޫން ކަމަށާއި އެއީ އެ މަސައްކަތެއްގައި ގިނަވަގުތު ހޭދަވާ ހައްޓަށްބުރަ އަދި އުނދަގޫ މަސައްކަތެއްކަމަށާއި ހާއްސަކޮށް އަސާސީ ތަމްރީނު ކޯހެއްގެ މުދައްރިބުންނަކީ މިކަންކަން އެތައް ގުނައަކަށް ކުރަންޖެހޭ ބައެއް ކަމަށް ވިދާޅުވިއެވެ. އަދި ކޯހުގެ ބައިވެރިންނަކީ ސިފަވަންތަ އަހުލާގު ރަނގަޅު ޒަމާނަށް ލޯހުޅުވިފައިވާ ބަޔަކަށް ހެދުމަށް ކޯހުގެ މުދައްރިބުންކުރި ބުރަ މަސައްކަތާއި ހޭދަކުރި ގިނަވަގުތުތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި 36 ވަނަ އަސާސީ ތަމްރީނު ކޯސް ކާމިޔާބު ކޯހަަކަށް ހެދުމަކަށް ކޮމިޝަނަރާއި ދައުލަތުގެ  މުއައްސަސާތަކުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ

ވަޒީރުގެ ވާހަކަފުޅު ނިންމަވައި ލެއްވީ، ދިވެހި ރާއްޖޭގެ އަމަން ބެލެހެއްޓުމަށް ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގަޔާ އަދި ތަމްރީނުވި ފުލުހުންނަށް ސާބިތުކަން ދެއްވައި ގައުމަށް ޚިދުމަތްކުރުމުގައި ފުލުހުންކުރާ މަސައްކަތުގައި ﷲ ސުބުޙާނަހޫ ވަޠަޢާލާ ބަރަކާތްލެއްވުންއެދި ދުޢާކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: