ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރުން ސަރުކާރަށް ލާޒިމުވާ ގޮތަށް އެމްޑީޕީން މަޖިލީހުގެ މިދިޔަ ދައުރަށް ހުށަހެޅި އިސްލާހަކީ އެއްވެސް ދިރާސާ ކުރުމެއް ނެތި ދައުރު ނިމުމުގެ ކުރިން ޖެއްސުން ކުރުމުގެ ނިޔަތުގައި ގެނައި ބަދަލެއްކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް، ގެޒެޓު ލިސްޓާއި އެއްގޮތަށް ދޫކުރުން ލާޒިމްވާ ގޮތަށް އޭރުގެ މެޖޯރިޓީން ފާސްކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު ތަސްދީގު ނުކުރައްވައި އަލުން އެ އަނބުރާ ފޮނުވާލައްވާފަ އެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި އެ އިސްލާހުގައި ވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު، ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން ގިނަ ވެގެން ހަ މަސް ދުވަހުގެ ތެރޭގައި ރެޖިސްޓްރީ އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރުމަށެވެ.
ގޯތިތައް ހަވާލު ކުރުން ލާޒިމުވާ ގޮތަށް ގެނައި އިސްލާހު މުސްތަފާ ސިފަ ކުރީ ކަރުތާ ފެނަށް އެޅުން ދެން ކުރިޔަށް ދާނެ ގޮތެއް ނޭނގި އެމްޑީޕީގެ ސަރުކާރުން ހިންގި އަމަލެއްގެ ގޮތުގަ އެވެ. ފަސް އަހަރު ހަމަކޮށް، ސަރުކާރު ނިމުމަކަށް އައިސް ކުރާ ޖެއްސުމެއްގެ ގޮތުން ބޯހިޔާވަހިކަމުގެ ވާހަކަތައް އެމްޑީޕީން ދެއްކީ އެއްވެސް އިހުލާސްތެރިކަމެއް ނެތިކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ބިމާ ބެހޭ ގާނޫނަށް އެމްޑީޕީން އިސްލާހު ގެނެސްފައި ވަނީ އެއްވެސް ދިރާސާއެއް ނުކޮށްކަމަށާއި، ބިލު ބޭރު ކުރުމަށް އޭނާ ވެސް ތާއީދު ކުރާކަމަށެވެ.
ދައުރެއް ނިމިގެން ގޮސް ހަމަ ކަރުތާ ފެނަށް އެޅުނީމާ، ދެން ކުރާނެ ކަމެއް ނެތިގެން ނުވަތަ ހަމަ ތިމަންނާމެންނަކީ އިހުލާސްތެރި ބައެއްކަމަށް ދެއްކުމަށްޓަކައި ކުރިކަމެއްގެ ގޮތުގައި މި ބިލު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ.. މި ހުށަހެޅުނު އިސްލާހު… ފަސް އަހަރު ހަމަކޮށް، މުއްދަތު ހަމަވެގެން ދިޔަ މަގުމަތީގައި ދެން ހަމަ އެއްޗަކަށް އެއްޗެއް ހަދާފައި، އެއްވެސް ފިކުރެއް ހިޔާލެއް ނެތި ކުރިކަމެއްގެ ގޮތުގައި…
ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ދަށުން، ރައްޔިތުންނަށް ގޯތިގެދޮރު ޔަގީންކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަށްވާއިރު، ދައުރު ނިމިގެންދާއިރު މި ދަތިތައް ހައްލު ވެގެންދާނެކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ ގާނޫނެއް ގެނައުމަށް ހުށަހަޅާ އިސްލާހުގެ މަސައްކަތް ވެސް ވަރަށް އަވަހަށް މަޖިލީހުގެ މަރުހަލާއާއި ހަމައަށް އަންނާނެކަމަށް މުސްތަފާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ރައީސް މުއިއްޒު ފޮނުއްވި ސިޓީގައި ވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ނުހިއްކާ ހުރި ސަރަހައްދުތަކުން ވެސް ގޯތި ދޫކޮށްފައިވާއިރު އެ ސަރަހައްދެއް ހިއްކުމަކީ އެއީ އަމަލީ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި އެކަން މަޖިލީހުގެ ކޮމިޓީގައި ކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރުމުން ވެސް އެ މަޝްވަރާއަށް ބިލު ފާސް ކުރުމުގައި އެއްވެސް މިންވަރަކަށް ރިއާޔަތްކޮށްފައި ނުވާކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ޒަމާނަށް ފެތޭ، ބިމާއި ބެހޭ ތަފްސީލީ ގާނޫނީ އައު އޮނިގަނޑެއް ގާއިމު ކުރުމުގެ ގޮތުން މިހާރުގެ ބިމާއި ބެހޭ ގާނޫނު އުވާލެވޭ ގޮތަށް ދިވާހިރާއްޖޭގެ ބިމުގެ ބިލުގެ ނަމުގައި އައު ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ބިލުގައި ބަންޑާރަ ގޯތިތައް ދިނުމުގެ ތަފްސީލުތައް ހިމަނާފައިވާއިރު، އައު ގާނޫނާއި އެކު ކުރީގެ ގާނޫނު އުވިގެން ދާނެކަމަށް އެމަނިކުފާނުގެ ސިޓީގައި ވެއެވެ.
އެހެންކަމުން އައު ގާނޫނަށް، އެ އިސްލާހުގައި ހިމެނޭ ވާހަކަތައް ގެނައުމުގެ ފުރުސަތު އޮތުމުން ބިމާއި ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން ނަތީޖާއެއް ނެރެވިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ރައީސް މުއިއްޒުގެ ސިޓީގައި ވެއެވެ.

