ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، އެ ހައްގު ދޭން ބޭނުންވާނަމަ ދައުރު ނިމެން ކައިރިވުމުން ގާނޫނުތައް ގެނެސް އިސްލާހުތައް ގެނައުމަށް މަސައްކަތް ނުކުރީސްކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ދައުރު ނިމެން ކައިރިވެ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާނު ކުރި ބިންވެރިޔާ ސްކީމްގެ ގޯތިތައް ދިނުން ލާޒިމްވާ ގޮތަށް ބިލެއް ފާސް ކުރީ މިދިޔަ އޭޕްރިލް މަހު އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ގެނައި އެ އިސްލާހު، ތަސްދީގު ނުކުރައްވައި އަލުން ބިލު ފޮނުވާލުމަށް އެމަނިކުފާނުގެ ސިޓީ މިއަދު މަޖިލީހުގައި ވަނީ އިއްވާފަ އެވެ.
މި ބިލުގެ ބަހުސް މަރުހަލާގައި ދީދީ ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ނިޔަތުގައިކަމަށް ބުނެ ފަރުމާކޮށް ހުށަހެޅި ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް އޮތްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ހާއްސަކޮށް އެމްޑީޕީގެ ސަރުކާރުގެ ދައުރު ނިމި، ޓްރާންސިޝަން މުއްދަތަށް އެޅިފައި ވަނިކޮށް ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ބިލު ފާސް ކުރުމުން އެކަން ޔަގީންވެގެންދާކަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ޖެހޭކަމަށް ބުނެ ގޮވަމުން ގެންދިއުމަށް ފަހު، އެމްޑީޕީން ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރަށް ރުހުން ނުދީ ހިފެހެއްޓިކަމަށެވެ. މިއަދު މަޖިލީހުގެ އެހެން ދައުރެއްގެ ފެށި، އެބޭފުޅުން ކުރަން ޖެހިފައިވާ މަސައްކަތުގެ ތެރޭގައި ރުހުން ދިނުން ހިމެނޭކަމަށް އައިބީ ވިދާޅުވި އެވެ.
މިއީ ހެޔޮ ނިޔަތެއްގައިކޮށްފައިވާކަމެއް ނޫން.. މިކަމުގެ ނިޔަތް ރަނގަޅެއް ނޫންކަން އެނގޭ އެންމެ ބޮޑު އެއް ހެއްކަކީ ދިވެހިރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ދުވަސްވަރެއްގައި، ބޯހިޔާވަހިކަމާއި ބެހޭ ވުޒާރާގެ ވަޒީރަށް ރުހުން ނުދީތިއްބައި މި މަޖިލީހުގެ އެމްޑީޕީގެ ދައުރު ނިމިގެން އެ ދިޔައީ… މިއަދު އަޅުގަނޑުމެން މިއުޅެނީ އެ މަސައްކަތުގައި..
ދީދީ ވިދާޅުވީ ނުހިއްކާ އޮތް، ކަނޑުގެ ސަރަހައްދުތަކުން ވަކި ސަރަހައްދުތަކެއް ގޯތީގެ ގޮތުގައި ކަނޑައަޅާފައިވަކަމަށް އިއުލާނު ކުރުމަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސަސީ ހިދުމަތްތައް ނުދެވޭކަމާށެވެ. އަދި ބައެއް ރަށްތަކުގެ ބިން ހިއްކުމަށް ފަހު ފަސް އަހަރުވެގެން ދިޔައިރު ވެސް ގޯތީގެ ގޮތުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިނުވާއިރު ފޭދޫގެ ހާލަތަކީ ވެސް އެއީކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ނަމުގައި، ހިންގި ސްކީމަކީ ސީދާ ވޯޓުގެ ބޭނުމަށް ކުރި މަސައްކަތެއްކަމަށް ދީދީ ތުހުމަތު ކުރެއްވި އެވެ. އަދި ކަނޑު ހިއްކައި ގޯތި ދޭން، ލިސްޓުތަކެއް އާންމު ކުރީ އެ ފަންޑާއި އެކަމުގެ އެއްވެސް ފައިނޭންސެއް ނުވަތަ ޕްލޭންއެއް ވެސް ނެތިކަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ބޮލުގައި ބޮޑެތި ދަރަނިތައް އެޅުވުމަށްފަހުކަމަށާއި ވެރިކަމަށް އައުމަށް ފަހު 2018 އެމްޑީޕީން ޕީޕީއެމް ސަރުކާރުން ދޫކޮށްފައި ހުރި ބައެއް ފްލެޓުތައް އަތުލިކަމަށެވެ. ހިޔާ ފްލެޓު ލިބުނުކަމުގެ ލިޔުންތަކާއި އެކު ރައްޔިތުން އިހުތިޖާޖުކޮށް، ހައްގު ހޯދައިދޭން އެދެމުންދާތާ ފަސް އަހަރުވެފައިވާކަމަށް މެމްބަރު ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ ފްލެޓާއި ގޯތި ދޭން ލާޒިމު ކުރުމަށް ގާނޫނަށް އިސްލާހު ގެނެސް ކުރި މަސައްކަތަކީ މާލޭގެ ރައްޔިތުންގެ ހިތްތަކުގައި އެހެން ރަށްތަކާއި މެދު ފިތުނައާއި ހިތްހަމަނުޖެހުން އުފެދޭ ގޮތަށް ކުރިކަމެއްކަމަށެވެ.
އެމްޑީޕީން ގެނައި އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް މާއްދާއަށް އަކުރެއް އިތުރު ކުރުމަށާއި، ހަމަ އެ ގާނޫނުގެ 13 ވަނަ މާއްދާއަށް (ނ) އަދ (ރ) ގެ ގޮތުގައި ދެ އަކުރު އިތުރު ކުރުމަށެވެ. އިތުރު ކުރާ އަކުރުގައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު، ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން ގިނަ ވެގެން ހަ މަސް ދުވަހުގެ ތެރޭގައި ރެޖިސްޓްރީ އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެކަމަށެވެ.

