ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މަސްތެރޭ ގޯތިތައް ހަވާލުކުރުން ލާޒިމްވާ އިސްލާހަށް ފާޑުކިއުން؛ ބިލު މަޖިލީހުން ބޭރު!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި ގޯތިތައް ގެޒެޓު ލިސްޓާއި އެއްގޮތަށް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރުން ލާޒިމްވާ ގޮތަށް ގެނައި އިސްލާހުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅައި، އޭޕްރިލް މަހު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސް ކުރި އެ ބިލު ތަސްދީގު ނުކުރައްވައި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުވާލެއްވީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި މިދިޔަ ދައުރުގަ އެވެ. ގާނޫނުއަސާސީ ބުނާގޮތުގައި މަޖިލީހުން ފާސްކުރާ ބިލެއް ފޮނުވުމުން، ތަސްދީގު ކުރުމަށް ނުވަތަ ބިލު އަނބުރާ ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާއަށް 15 ދުވަސް ލިބިގެންވެ އެވެ.

އަލުން އަނބުރާ ބިލު މަޖިލީހަށް ފޮނުވުމަށް ފަހު ބިލަށް އެއްވެސް ބަދަލެއް ނުގެނެސް މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމަށް ފަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެކަމަށް ގާނުނުއަސާސީގައި ބުނެ އެވެ.

ބިލު އަނބުރާ ފޮނުވާލެއްވި ސަބަބު ބަޔާންކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހަށް މިއަދު ވަނީ އިއްވާފަ އެވެ. އެއަށް ފަހު ބަހުސަށް ހުޅުވާލުމުން ސަރުކާރުގެ މެމްބަރުން ވަނީ އެ އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމްޑީޕީގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދާފަ އެވެ.

ބަހުސްގެ ވަގުތު ހަމަވުމުން، ވޯޓަށް ހުޅުވާލުމުން ވޯޓުގައި ބައިވެރިވި 88 މެމްބަރުންގެ ތެރެއިން 75 މެމްބަރުން ވޯޓު ދެއްވީ ކޮމިޓީ މަރުހަލާއަށް އަލުން ފޮނުވަން ނުފެންނަ ކަމަށެވެ. އަދި ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ. އެގޮތަށް ނަތީޖާ ނިކުތުމުން ދެން ވޯޓަށް އެހީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސް ކުރުމަށެވެ. އެކަމަކު ބިލު ފާސްކުރަން ފެންނަކަމަށް ވޯޓު ދިނީ ކުރިން ވެސް ވޯޓު ދިން 12 މެމްބަރުންނެވެ. އަދި ބިލު ބޭރު ކުރުމަށް 76 މެމްބަރަކު ވޯޓު ދެއްވި އެވެ.

މަޖިލީހުގައި މިއަދު އިއްވި ސިޓީގައި ވަނީ ބަންޑާރަ ގޯއްޗެއް ދޫކުރާ ތާރީހުން ފެށިގެން އެ ގޯތި ލިބޭ ފަރާތްތަކަށް ހައްގުތަކެއް ލިބިގެންވާ ކަމަށެވެ. އަދި ގޯއްޗެއް ދޫކުރާ ތާރީހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ ގޯތީގައި މީހުން ދިރިއުޅެން ފެށުން ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ 14 ވަނަ މާއްދާއާއި އެ މައްދާގެ ދަށުން އެކުލަވާލާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވައިދުގައި 25 ވަނަ މާއްދާގައި ލާޒިމުކޮށް އެގޮތަށް އަމަލުނުކޮށްފި ނަމަ އެ ގޯއްޗެއް ލިބުނު މީހެއްގެ އަތުން އަތުލެވޭނެކަމަށް އޮތުމެވެ.

އަމަލީ ގޮތުން ދިރިއުޅެން ފެށެން ނެތްތަނަކުން ގޯތިތައް ދޫކުރުމުގެ ނަތީޖާއަކީ ގޯތި ލިބިފައިވާ ފަރާތްތަކުގެ ހައްގުތައް އެ ގޯތި ދޫކުރާ ތާރީހުން ފެށިގެން ހުރަސްއެޅުންކަމަށް ވެސް ރައީސް މުއިއްޒުގެ ސިޓީގައި ވެއެވެ.

މީގެއިތުރުން ނުހިއްކައި އޮތް ސަރަހައްދުތަކުން ގޯތިތައް ދޫކުރާއިރު، އެ އިސްލާހު ގާނޫނަކަށް ބަދަލުވާ ހާލަތެއްގައި ތިން މަސް ދުވަހުގެ ތެރޭގައި އެ ފަޅުތައް ހިއްކޭނެ ގޮތެއް ނެތްކަމަށް ވެސް ސިޓީގައި ވެއެވެ.

މި ސަރުކާރުން އަލަށް ގެނައުމުގެ މަސައްކަތް ކުރާ ބޯހިޔާވަހިކަމާއި ގުޅުން ހުރި ގާނޫނާއި އެކު، މިހާރު އަމަލު ކުރަމުން ދާ ބިމާއި ބެހޭ ގާނޫނު އުވިގެންދާނެކަމަށާއި އަދި ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލު ކުރަން ލާޒިމް ކުރާ މާއްދާ ވެސް އޭގެ ތެރޭގައި ހިމެނިގެން ދާނެކަމަށް ސިޓީގައި ވެއެވެ. އެހެންކަމުން ތަފްސީލު ކުރެވިފައިވާ ގާނޫނެއްގެ ދަށުން، ބިމުގެ ގާނޫނެއް ގެނައުމުން އަނެއްކާވެސް އަލުން އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު މެމްބަރުންނަށް ލިބިގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީގައި ވެއެވެ.

ސިޓީ ނިންމަވާލައްވަމުން ބިލު އަބުރާ ފޮނުވާލެއްވި ސަބަބެއް ރައީސް މުއިއްޒު ލިޔުއްވާފައި ވަނީ، ބިމާ ބެގޭ ގާނޫނަށް މިދިޔަ މަޖިލީހުން ގެންނަން ބޭނުންވި އިސްލާހު ގެނައުމުގެ ބިލުގައި އެ ގާނޫނަށް އަމަލު ކުރަން ފަށާފައިރު ހަވާލުކޮށްފައި ނުވާ ބަންޑާރަ ގޯތިތައް ހަވާލު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އެއީ އަމަލީ ގޮތުން އެކަން ކުރިޔަށް ގެންދިއުމުގެ އެކަށީގެންވާ މުއްދަތެއްކަމަށް ނުފެންނާތީ އެވެ. އެހެންކަމުން ބިލާއި މެދު އަލުން ވިސްނުމަށްޓަކައި އަލުން އަނބުރާ ފޮނުވާލެއްވީކަމަށް ސިޓީގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: