ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖުޑިޝަލް ސާވިސް ކޮމިޝަން ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އާއި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އައްޔަން ކުރައްވައިފިއެވެ.
ރައީސް މުއިއްޒު އަބްދުއްރަހީމް އަދި ރިޒާ އެ މަގާމަށް އަޔަނުކުރެއްވީ ރައީސް އޮފީހުގަ ބޭއްވި ރަސްމިއްޔާތެއްގައެވެ. އަބްދުއްރަހީމް ޖޭއެސްސީއަށް އައްޔަނު ކުރައްވައިފައިވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ރިޒާ އައްޔަނުކުރައްވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ. އެ މަގާމަށް ރިޒާ އައްޔަނުކޮށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 83 މެމްބަރުންގެ އިއްތިފާގުންނެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މި މަގާމު އަދާކުރައްވާފައި ވަނީ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސައިންއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެބޭފުޅުންނަށް ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާލައިދެއްވީ ސުޕްރިީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ޖުޑިޝަލް ސާވިސްގެ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން ރައީސް ވަނީ ދެބޭފުޅުންނަށް އަރުވާފައެވެ.

