ދިވެހިރާއްޖޭގެ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީނު ފެށިތާ 50 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.
ދިވެހިރާއްޖޭގައި ކޮލޮމްބޯ ޕްލޭން ސްޓާފް ކޮލެޖް (ސީ.ޕީ.އެސް.ސީ) އާއި ގުޅިގެން ވޮކޭޝަނަލް ޓްރެއިނިންގ ގެ ތަމްރީނު ފެށުނުތާ 50 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، ކޮލަމްބޯ ޕްލޭން ސްޓާފް ކޮލެޖާއި ގުޅިގެން ކުރިޔަށްދާ ’އިންކަންޓްރީ ޕްރޮގްރާމް އޮން ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސް ނޭޝަނަލް ޓިވެޓް ޕޮލިސީ ފްރޭމްވާރކް‘ ގެ ތެރެއިން މިއަދު މިދުވަސް ފާހަގަ ކުރުމުގެ ހަފްލާގައި ކޮލޮމްބޯ ޕްލޭން ސްޓާފް ކޮލެޖްގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ޑރ. ވިކްރަމަސިންހަ އާއި އެމް.އެން.އެސް.ޑީ.އޭ ގެ ސީ.އީ.އޯ ޑރ ޒަހުރާ މުހައްމަދާއި، އެމް.އެން.އެސް.ޑީ.އޭ ގެ ސްޓާފުންގެ އިތުރުން މިނިސްޓްރީގެ އިސްބޭފުޅުންނާއި ސީ.ޕީ.އެސް.ސީގެ ތަޖްރިބާކާރުންގެ 2 ބޭފުޅުން އަދި ތަމްރީނު ޕްރޮގްރާމްގެ ހުރިހާ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
ދިވެހިރާއްޖޭގައި ވޮކޭޝަނަލް ޓްރެއިނިންގ ދިނުން ރޭވުމާބެހޭ ކޮލަމްބޯޕްލޭން ނޭޝަނަލް ސެމިނާރ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1974 ވަނަ އަހަރުގެ ޖޫން މަހުގެ 3 ން 6 އަށް މާލެގައެވެ.
ދިވެހިރާއްޖޭގައި ހުނަރުވެރި މަސައްކަތްތެރި ކަމުގެ ދާއިރާއިން މީހުން ބިނާކުރަންފެށުނީ ޔޫ.އެން.ޑީ.ޕީ އާއި އައި.އެލް.އޯގެ އެހީގައި 1975ވަނަ އަހަރު މާލޭގައި ހުޅުވުނު ވޮކޭޝަނަލް ޓްރޭނިންގް ސެންޓަރ (ވީ.ޓީ.ސީ) ގެނަމުގައެވެ. ވީޓީސީގެ ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރަން ފަށާފައިވަނީ 1980ގެ ކުރީ ކޮޅުގައެވެ.

