ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝިއަން ރިސޯސަސް އާއި މާލެ ސިޓީ ކައުންސިސް ގުޅިގެން މާލޭ ދެކުނު ފަރާތު ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއި ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހަރަކަތުގައި ވެމްކޯއިން ވެސް ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގައި ވަޒީރު އަޙްމަދު ޝިޔާމް އާއި މޭޔަރ އާދަމް އާޒިމްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ޝިޔާމް ވަނީ ރާއްޖޭގެ ކަނޑުފަޅުތައް ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ފަރުދީގޮތުން އެންމެން ގުޅިގެން މޫދަށް ކުނިއެޅުން ނިމުމަކަށް ގެންނަށް އިލްތިމާސް ކުރައްވާފަ އެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ އެ ރަށްރަށުގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ދަނީ އެކި ހަރަކާތްތައް ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލާއި ގުޅިގެން ދަނީ ބާއްވަމުންނެވެ. މާލެ ސަރަހައްދުގައި ކަނޑުތަކުގެ ދުވަހާއި ގުޅިގެން ބާއްވައިފައިވާ އިވެންޓުތަކުގެ ތެރޭގައި މޫދަށް އެރުމުގެ ހަރަކާތްތަކާއި އަދި މަސް ރޭހާއި މީގެއިތުރުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމާއި ވެމްކޯގެ އިސް ބޭފުޅުން އަދި ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ސާފުކުރުމުގެ ހަރަކާތުގައި ވަނީ އަމަލީގޮތުން ބައިވެރިވެފަ އެވެ.

