މައްކާގައި އޮންނަ ޤުރުއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް 2 ބައިވެރިން ހޮވިފައިވާ ކަމަށް ކީރިތި ގުރުއާނާބެހޭ މަރުކަޒުން ޢިއުލާން ކޮށްފިއެވެ.
ރާއްޖޭގެ ކީރިތި ގުރުއާނާބެހޭ މަރުކަޒުން “ އެކްސް “ ކުރެއްވި ޢިއުލާނެއްގައި ބުނެފައިވަނީ މައްކާގައި އޮންނަ “ 4 ވަނަ ސެޝަން އޮފް ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރިސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޯލީ ޤުރްއާން“ މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް ދެ ބައިވެރިން ހޮވިފައިވާ ކަމަށެވެ. މި މުބާރަތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 އޯގަސްޓް 9 އިން 21 ހުގައި މައްކާގައެވެ.
މުޅި ޤުރުއާން އެއްކޮށް ތަޖުވީދުމަގުން ހިތުން ކިޔެވުމުގެ ބަޔަށް ހޮވިފައިވަނީ ޅ. ނައިފަރުގެ ޝަޢަފް ޙާމިދު އިބްރާހީމް އެވެ. މި ދަރިވަރަކީ އަމީނިއްޔާ ސްކޫލް ގައި ގްރޭޑް 8 ގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. އަދި ވިދިގެން ތަރުތީބުން 15 ފޮތް ތަޖުވިދުމަގުން ހިތުން ކިޔެވުމުގެ ބަޔަށް ހޮވިފައިވަނީ އައްޑޫ ސިޓީ – ހިތަދޫއަށް ނިސްބަތްވާ އަރީކް ހާދީ މުޙައްމަދު އެވެ. މި ދަރިވަރަކީ އައްޑޫ ސިޓީ ޙިރާ ސްކޫލްގައި ގްރޭޑް 9 ގައި ތަޢުލީމު ހާސިލް ކުރައްވަމުންދާ ދަރިވަރެކެވެ.
މި ދެބައިވެރިންވެސް ހޮވާފައި ވަނީ އެކަމަށް ޝައުގުވެރިވާ ކުދިން ހޯދުމަށް ގުރުއާނާބެހޭ މަރުކަޒުން އިއުލާންކޮށް، ހުށަހެޅި ފަރާތްތައް އިމްތިހާނު ކުރުމަށް ފަހުގައެވެ.

