ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ނިޔަތުގައި އެމްޑީޕީން ހުށަހަޅާ ގަރާރުތަކާއި، މައްސަލަތަކަށް ޖަގައެއް ނެތްކަމަށާއި، މަޖިލީހުގެ ވަގުތު ބޭކާރު ކުރުމަށް އެ ޕާޓީއަށް ފުރުސަތު ނުދޭނެކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ރިފާއު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯއާއި، ސިޔާސަތުތައް ތަންފީޒު ކުރުމަށް ދޭން ޖެހޭ އެއްބާރުލުން ޕީއެންސީގެ ޕާލިމަންޓު ގުރޫޕުން ދޭނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ހަލުވި ސްޕީޑުގައި މަސައްކަތްތައް ކުރިޔަށް ނުދާ ހާލަތެއްގައި، ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރާނެކަމަށް ރިފާއު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ލިބިފައިވާ ސުޕަ މެޖޯރިޓީގެ ނާޖާއިޒް ފައިދާ ނަގައި، މަސައްކަތް ކުރާނީ އިދިކޮޅުގެ އަޑު ކަނޑުވާލައި ރަބަރ ސްޓޭމްޕް ޖަހާ އުސޫލުންކަމަށް ބުނެ އަމާޒު ކުރާ ފާޑުކިއުންތަކުގެ ރައްދުގައި ރިފާއު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ދުވާލަކު ކިތަންމެ ގިނަ ކޮމިޓީއެއް ބާއްވައި އެ މަސައްކަތް ކުރަން ޖެހުނަސް އެކަން އެގޮތުގައި ކުރިޔަށް ދާނެކަމަށެވެ. އަދި ބޭނުންވާ ބަދަލު ގެނައުމަށް މަސައްކަތުގެ ސްޕީޑު އަވަސް ކުރުން އެއީ، ރަބަރ ސްޓޭމްޕް ޖެހުންކަމަށް ބަޔަކު ދެކޭނަމަ އެކަމުގައި ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށް ރިފާއު ވިދާޅުވި އެވެ.
ރިފާއު ވިދާޅުވީ ކިތަންމެ އަވަހަށް މަސައްކަތެއް ނިންމުމުގެ އަޒުމާއި އެކު، ކުރިޔަށް ދިޔަނަމަވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމެއް ނެތި ގޮތެއް ނުނިންމާނެ ކަމަށެވެ. ރައްޔިތުން ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ދިނީ ސަބަބުތަކެއް އޮވެގެންކަމަށާއި، އެ އަސާސްތަކުގައި ހިފަހައްޓައި ނަތީޖާ ނެރެދޭނެކަމަށް އެނާ ވިދާޅުވި އެވެ.
އެހެންވީމަ ފަހަރުގައި ރަބަރު ސްޓޭމްޕެއްގެ ގޮތުގައި ރައްޔިތުން.. ބަލައިގެންފާނެ.. އަޅުގަނޑުމެން ބައެއް ބިލްތައް ނިންމަފާނަން އެ ދުވަހުން އެ ދުވަހަކަށް ތިން ހަތަރު ކޮމިޓީ ބާއްވައިގެން ވިޔަސް.. އެ ބިލަކީ އަނެއް ދުވަހު އެ ބިލަކުން ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތެއް.. ލިބެން ޖެހޭ ބިލެއްކަމަށްވަންޏާ.. އެއީ އަޅުގަނޑުމެންގެ ޒިންމާއަކީ.. އެހެންވެގެން އަޅުގަނޑުމެންނަށް މިވަރުގެ މެޖޯރިޓީއެއް ދީފައި މިއޮތީ..
ރިފާއު ވިދާޅުވީ އެމްޑީޕީ ވެސް ގެންގުޅެފައި ވަނީ ބާރު ދެއްކުމުގެ އުސޫލުކަމަށްވުމުން، ދެން އަންނަ މެޖޯރިޓީއަކުން ވެސް އަމަލުތައް ބަހައްޓާނެ ގޮތަކީ އެއީކަމަށް ހީވެދާނެ ކަމަށެވެ. އެމްޑީޕީގެ މެޖޯރިޓީއެއް އޮތް މަޖިލީހެއް ސަރުކާރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އޮތް އިރު ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކަށް ހުރަސްއަޅައި، ގާނޫނީ ވެރިކަމެއް ހުއްޓުވުމަކަށް ގެނައުމަށް އެތައް މަސައްކަތެއް ކުރިކަމަށް ރިފާއު ވިދާޅުވި އެވެ.
ކެބިނެޓު ވަޒީރުންނަށް ރުހުން ނުދީ ހިފެހެއްޓުމާއި، ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ބިރު މަޖިލީހުގެ ތެރެއިން ދެއްކުމުން ރައްޔިތުން އެކަން ބަލައިނުގަންނާނެކަމަށް ރިފާއު ވިދާޅުވި އެވެ. އެ ދުވަސްވަރުގެ ތެރޭގައި ރައްޔިތުން ބޭނުންވި މަސައްކަތްތައް މަޖިލީހުގެ ތެރެއިން ނުކުރެވުނު ސަބަބަކީ އެއީކަމަށާއި، އެހެން ނަމަވެސް އައު ދައުރާއި އެކު ފެންނާނީ ނަޒާހަތްތެރި ރަނގަޅު މަޖިލީހެއްކަމަށް ރިފާއު ވިދާޅުވި އެވެ.
މީގެއިތުރުން ރިފާއު ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓު މެމްބަރުންގެ އަދަދު މަޖިލީހުގައި މަދުވުމުން ބަހުސް ކުރުމަށް ލިބޭ ވަގުތު ކުޑަވެދާނެކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުން އަމަލު ކުރިގޮތަށް، ފުރުސަތެއް ނުދީ ނ ނިޒާމީ ނުކުތާތައް ނަގައި ޖެއްސުން ކުރުމުގެ އެއްވެސް ނިޔަތެއް ޕީއެންސީގެ ނެތްކަމަށް ރިފާއު ވިދާޅުވި އެވެ.
އެމްޑީޕީގެ ހުރި ކަންބޮޑުވުންތައް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށާއި، އެހެން ނަމަވެސް ޖެއްސުން ކުރާ އުސޫލުން ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހަޅުމުގެ އެއްވެސް ފުރުސަތެއް ނުދޭނެކަމަށް ރިފާއު ތަކުރާރު ކުރެއްވި އެވެ.

