މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ދޭންޖެހޭ ރުފިޔާ ވަގުތުން ދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވައިލައިފިއެވެ.
ޝާހިދު “ އެކްސް “ ގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖްގެ އަޑު ސަރުކާރުން އެހުމަށާއި މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް ގޮވާލާ ކަމަށެވެ. އަދި މިއަދުގެ ސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވަޢުދުވެގެންކަމަށް ދިވެހި މަސްވެރިއެއް ތަކުރާރުކޮށް އެ ހަނދާންތައް އާކޮށްދޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ، މި އަހަރުގެ ކުރީ ކޮޅުގައި މަސްވެރިންނަށް ދޭންޖެހޭ އެތަށް މިލިއަން ރުފިޔާއެއް ނުދައްކާ ކަމަށާއި އެތައް މަސްތަކެއް ފާއިތުވެގެން ގޮސް މަސްވެރިން މުޒާހަރާ ކުރަން ފެށުމުގެ ސަބަބަުން، ރައްޔިތުން މަޖިލިހާއި ދިމާކޮށް ސަރުކާރުން މަސްވެރިންނަށް ފައިސާ ދެއްކިކަމަށް ހަނދާނުގައި އެބަހުރި ކަމަށް ބުނަމުންދާ ކަމަށެވެ. އަދި މިވަގުތު އިތުރު އިންތިޙާބެއް ބޯމަތީގައި ނެތްނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ޙައްޤަކަށްވުމާއިއެކު ސަރުކާރުން އެ ޚައްޤު ވަގުތުން އަދާކުރުމަށް ގޮވާލާކަމަށް ޝާދިވަނީ ވިދާޅުވިއެވެ.
ޕިޕީއެމް/ޕީއެންސީގެ ރިޔާސީ އިންތިހާބަށް ހުށަހެޅި މެނިފެސްޓޯގައި 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ޑޮލަރުން ފައިސާ ދޫކުރާނެ ކަމަށް ވަނީ ވައުދުވެފައެވެ.

