ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުން ”ފަލަސްތީނާ އެކު ދިވެހިން“ ފަންޑަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް، މީޑިއާތަކުން އިސްނަގައިގެން ކުރިޔަށް ގެންދާ ތެލެތޯން މިއަދު ފެށިއިރު، މި ޕްރޮގްރާމް މިރޭގެ 12:00 އާ ހަމައަށް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމަވާފަ އެވެ. ރައީސް މުއިއްޒާއި، ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ވަޒީރުން ވެސް ބައިވެރިވެ ފެއްޓެވި ތެލެތޯންގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ވެސް ދަނީ ފައިސާ ހަދިޔާ ކުރަމުންނެވެ.
ތެލެތޯން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ ވަނީ ޕީއެންސީގެ މެމްބަރުންގެ ފަރަތުން ދެ ލައްކަ ރުފިޔާ ހަދިޔާ ކުރައްވާފަ އެވެ. އަބްދުއްރަހީމާއި އެކު ޕީއެންސީގެ ޕާލިމަންޓު މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. ފައިސާ ހަދިޔާ ކުރެއްވުމަށް ފަހު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ވެސް ފަލަސްތީން ވަނީ ގުޅިފައި ކަމަށެވެ.
ރައްޔިތުންގެ ވޯޓުން ހޮވިފައި ތިބި މަންދޫބުންގެ ފަރާތުން މިގޮތަށް ފައިސާ ހަދިޔާ ކުރެވުމަކީ ލިބޭ ހިތްހަމަޖެހުމެއްކަން ވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އުންމީދަކީ ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް ފަލަސްތީނަށް ދޭ އެހީގައި ބައިވެރިވުން ލިބުން ކަމަށެވެ. ކޮންމެ ރައްޔިތަކު ވެސް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އަބްދުއްރަހީމް އެދިވަޑައިގަތެވެ.
ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، ފަލަސްޠީނަށް އެހީވުމަށް ބާއްވާ ފަލަސްޠީނާއެކު ދިވެހީން ހާއްސަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، މި ހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަގީން ކުރުމަށް މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސަވާފައެވެ. މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ.
އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.
ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް ”އަންރުވާ“ އަކީ އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ.
މި ފަންޑަށް ދިވެހި ސަރުކާރުން މީގެކުރީން ދިޔައީ ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް ވެދެމުންނެވެ. އެހެންނަމަވެސް މި އެހީ ދިހަ ގުނައަށް އިތުރުކުރުމަށް ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ނިންމަވައި، މީގެ ފަހުން ކޮންމެ އަހަރަކު 50 ހާސް ޑޮލަރު ދިވެހި ސަރުކާރުން މި ފަންޑަށް ޖަމާކުރަމުން ދާނެކަން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ އިއުލާނު ކުރައްވާފަ އެވެ.

