މަސްވެރިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ވެފައިވާ ވައުދުތައް ފުއްދޭނީ، ދައުލަތު މާލީ ހާލަތު ރަނގަޅުވެގެންކަމަށް ފިޝަރީސް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިފްކޯއަށް ބޮޑު ކަންނެލި ގަތުމަށާއި، އަދި ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލުމަށް ގޮވާލާ ވަނީ މަސްވެރިން ވަނީ އިއްޔަ މާލޭގެ ރަސްމީ ފާލަމާ ދިމާލުން ބޭރުގައި މުޒާހަރާކޮށްފައެވެ.
މުޒާހަރާ ކުރިއަށް ގެންދިޔަ ސަރަހައްދަށް ވަޒީރު ވަނީ ވަޑައިގެންފައެވެ. އެގޮތުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ގިނަ ވައުދުތަކެއްވެ އައި މި ސަރުކާރަށް ހަ މަސްވެގެން ގޮސްފައިވާކަން ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން މި ވައުދުތައް މި ވަގުތު ފުއްދެން ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގައުމުގެ ހާލަތު އޮތީ އެ އަށް ވުރެ ގޯސްކޮށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް ވައުދުތައް ފުއްދޭނީ ފުރަތަމަ ގައުމުގެ މާލީ ހާލާތު ރަނގަޅު ކޮށްގެންކަމަށެވެ. ނަމަވެސް މަސްވެރިންނަށް ވީ ވައުދުތައްވެސް ދައުރުގެ ކުރީކޮޅު ފުއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.
މިފްކޯ އިން ކެންނެލި ގަންނަން މަސްވެރިން ޑިމާންޑު ކުރި ނަމަވެސް މި އަހަރު އެކަން ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.
މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހުރިހާ ސިނާއަތްތަކުން ރާވައިގެން މަސައްކަތް ކުރަން ޖެހޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އާމްދަނީ ހޯދުމަށްޓަކައި ލޭޏުގެ މަސްވެރިކަން ކުރުމަށްވެސް ވިސްނާކަމަށާއި، ދައުލަތަށް އާމްދަނީ ހޯދަން ކުރަން ޖެހޭ ކަންކަން ސަރުކާރުން އެކްސްޕްލޯ ކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަސްވެރިންނާ ގުޅުން ހުރި މައްސަލަތަކުގައި ގޮތް ނިންމާނީ މަޝްވަރާއާއިއެކުކަމަށް ފާހަގަކުރެއްވިއެވެ.

