ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުންދު، ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ރައީސަށް އަރުވައިފި

މުންދު، ޔޫއޭއީގެ ރައީސްއާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެކުވެރި ޢަރަބި އިމާރާތުގެ ރައީސް އަދި އަބޫދާބީގެ ރޫލަރ ހިޒް ހައިނަސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންއަށް އަރުވައިފިއެވެ.

ޔޫއޭއީރިޔާސީ ގަނޑުވަރު ޤަސްރު އަލް ވަޠަންގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ އައު ސަފީރު ވަނީ އެކުވެރި ޢަރަބި އިމާރާތުގެ ރައީސްއަށް ފަތްކޮޅު އެރުވުމުގެ އިތުރުން ގަނޑުވަރުގައި ދިވެހި ދިދަ ނަންގަވާފައެވެ. ފަތްކޮޅު ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު ވަނީ އެކުވެރި ޢަރަބި އިމާރާތާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ އަޙުވަންތަކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދިވެހި ރާއްޖެއިން ޔޫއޭއީ އާއެކު ގާއިމްވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރައްވަން ކުރައްވާ މަސައްކަތަށް އަލިއަޅުވާލެއްވިއެވެ.

ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި މުޙައްމަދު ޙުސައިން ޝަރީފަށް ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒުގެ ފަރާތުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ޔޫއޭއީގެ ވެރިންނަށާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގަތެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ގއުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އެކި ރޮނގުތަކުން ފުޅާކުރުމަށް އޮތީ ތައްޔާރަށްކަމަށް ޔޫއޭއީގެ ރައީސް ވިދާޅުވިއެވެ. އަދި އައު ސަފީރުގެ މުއްދަތުގައި މި މުހިންމު ލަނޑުދަނޑި ހާސިލު ކުރެއްވުމަށް ޔޫއޭއީ ސަރުކާރުން ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އެ ރަސްމިއްޔާތުގެ ފަހުން ބޭއްވުނު ބައްދަލުވުމުގައި ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ދެއްކެވި ވާހަކަފުޅުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ސަފީރުންނަށް މަރްހަބާ ވިދާޅުވެ، އެ ބޭބޭފުޅުންގެ ގައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާ ކުރުމަށް ޔޫއޭއީ އަބަދުވެސް އެއްބާރުލުން ދެއްވާކަމުގެ ޔަގީންކަން އަރުވައި، މި ކަންކުރުމުގައި ސަފީރުންގެ މަސައްކަތް ބޭނުންފުޅުވާ ކަންކަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަން ކަށަވަރު ކޮށްދެއްވިއެވެ.

ދިވެހިރާއްޖެއާ އެކުވެރި ޢަރަބި ޢިމާރާތާ ސިޔާސީ ގުޅުން ޤާއިމް ކުރެވުނީ 15 މާރޗް 1978 ވަނަ އަހަރުއެވެ. އަދި އަލްފާޟިލް މުޙައްމަދު ޙުސައިން ޝަރީފަކީ ދިވެހިރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައެޅުއްވި ހަވަނަ ސަފީރެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: