ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކޮށް، ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ 1445 ވަނަ އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ފޮނުވި ތަހުނިޔާގަ އެވެ.
ރައީސް މުއިއްޒުގެ ހިތާބުގައި އެމަނިކުފާނު ވަނީ ދިވެހިންގެ އާދަކާދަތަކާއި ބީރައްޓެހި ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ވަނީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލު ކުރުމަށާއި، މެހްމާންދާރީ އަދާކުރުމަށް ބާރު އަޅުއްވައި، ޞަދަޤާތް ކުރުމަށާއި، ހެޔޮ ދުޢާ ކޮށްދިނުމަށާއި، ނުތަނަވަސްކަން ފިލުވައިދިނުންފަދަ، ﷲގެ ހަޟްރަތުގައި ދަރުމަހުރި ޢަމަލުތައް ކުރުމަށް އެދިވަޑައިގެންފަ އެވެ.
މި ޚިޠާބު ކުރިއަށް ގެންދަވަމުން، މިފަހަރު ޢީދު ފާހަގަކުރާއިރު، ދިވެހި ރައްޔިތުން އެންމެ އިސްކުރަނީ، މުސްލިމުންގެ މުޤައްދަސް މިސްކިތާއި، ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާ ކޮށްދިނުންކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ، ފަލަޞްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަޤްޞާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވުމުގައިކަމަށް އެމަނިކުފާނުގެ ވިދާޅުވިއެވެ. ހަމަ އެއާއެކު ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަޞްޠީނުގެ މުސްލިމް ކޮންމެ ޢާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުޢާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް ދުލެއް ނުކުރާނެ ކަމުގައި ޚިތާބުގައި ބަޔާންކުރައްވާފައިވެއެވެ.
އަޟްޙާ ޢީދާއި ގުޅިގެން ރައީސް ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ، ޢީދު ފަދަ މުނާސަބާތަކުގައި ދަރީންނަށް ޢީދުގެ ދިއްލުންތަކާ، އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ޙާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާޢީ ރޫޙު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމުގައި ބުނެދިނުމަށް ބާރުއަޅުއްވައިފައެވެ. އަދި ޢީދު ފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.

