އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައި އޮތް އިސްލާހު ބާތިލު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ނަމަވެސް ސަރުކާރުގެ ދައުރު ހަމަވީ އެ މާއްދާއަށް އިސްލާހު ގެނައުމުގެ އެއްވެސް މަސައްކަތެއް ނުކުރެވި އެވެ. އަދި ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ނުދޭކަމުގެ ޝަކުވާތައް ކުރުމުން، ރައްދުގައި ސަރުކާރުން ބުނަމުން އައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅަށް އިހުތިޖާޖުތަކާއި މުޒާހަރާތައް ކުރުމަށް ފުރުސަތު ނުދިން ނަމަވެސް އެމްޑީޕީން އެ ހައްގު ނިގުޅައިނުގަންނާނެ ކަމަށެވެ.
މިދިޔަ ސަރުކާރުގެ އެ ރިޔާސީ ވައުދު ނުފުއްދި، ދައުރު އެއްކޮށް ނިމިގެން ދިޔައިރު މަޖިލީހަށް ހުށަހެޅި ބިލު ހަތަރު އަހަރު ވަންދެން އޮތީ ކޮމިޓީގައި ތާށިވެފަ އެވެ. އަދި ހިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުގެ ދަށުން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގަކަށް ވާތީ ވެރިކަން ލިބިއްޖެ ނަމަ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރާނެކަމަށް ޕީޕީއެމް/ޕީއެންސީ ބުނެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ 200 އަށް ވުރެ ގިނަ ބިލުގެ ތަފްސީލު ދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކި ދާއިރާތަކުން ނޫސްވެރިން ސުވާލު ކުރި އެވެ. އަދި ލެޖިސްލޭޓިވް އެޖެންޑާގައި ވާގޮތުން އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުން ވެސް ބިލުތަކުގެ ތެރޭގައި ހިމެނެ އެވެ.
ސަރުކާރުގެ ވިސްނުން ހުރި ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން އުޝާމް ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ގެއްލޭ ގޮތަށް ގެނެސްފައި އޮތް އިސްލާހު ބާތިލު ކުރުމަށް ހުށަހަޅާނެ ކަމަށެވެ.
ފުރަތަމަކަމަކަށް އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް، ގާނޫނުއަސާސީއަށް ގެނެސްފައި އޮތް އިސްލާހު ބާތިލު ކުރުމަށް އަޅުގަނޑުމެން ވެސް ހުށަހަޅާނަން.. ދެން ހަމަ އެ މަސައްކަތް ކުރިޔަށް އެބަދޭ.. އަޅުގަނޑުމެންގެ ވެސް ވިސްނުން ހުރީ އެ ބާތިލު ކުރުމަށްޓަކައި ހުށަހެޅުން.. ދެން އެކަމުގެ މަޝްވަރާތައް ކުރިޔަށް އެބަދޭ
ގާނޫނަށް އިސްލާހު ގެނައުމަށް، ނުވަތަ ބާތިލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް ބޭނުންވާ މަޝްވަރާތައް ކުރަމުން ގެންދާމަށް އުޝާމް ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ނުދޭކަމަށް ބުނެ އިދިކޮޅުން އެކި ފަހަރު މަތީން މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ތަޅުމުން ވަނީ ބޭރުކޮށްލާފަ އެވެ. އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހު ބުނާގޮތުން މާލޭގައި ހުއްދަ ނުހޯދައި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބޭނުން ވަނީ ހަމަޖެހުންކަމަށާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދަށް އެކަނިކަމަށް ބުނާ މާއްދާ ބަދަލު ގެންނަވާނެ ކަމަށެވެ. އަދި ގްރީން ޒޯނާއި މިސްކިތްތައް ހުންނަ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި އެއްވެ އުޅެވޭނެކަމަށް ވިދާޅުވި އެވެ.
އެއްވެ އުޅުން ހަނި ކުރާ މައްދާގެ މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާ އާއި ގުޅޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހުގައި އޮތުމުން ގާނޫނުގެ އެބައި ބާތިލު ކުރުމުގެ ބައި ކޯޓުގައި ކުރިޔަށް ގެންދިއުމުގެ ބޭނުމެއް ނެތްކަމަށް ދައުލަތުން ކޯޓުގައި ބުނެފައި ވެއެވެ.

