މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ، ސަރުކާރުން ޝަކުވާތަކަށް އެއްވެސް ޖަވާބެއް ނުދޭނަމަ ހުޅުދޫ – މީދޫގެ މަސްފެކްޓްރީ ހުއްޓުވާނެކަމަށް އިންޒާރުދީފި އެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދާތީ، އިހުތިޖާޖުތަކެއް ފެށިފައިވާތީ ދުވަސްތައްކެއް ވަނީވެފަ އެވެ. އަދި އެންމެ ފަހުން ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ދޫކޮށްފައި ވަނީ މަސްވެރިން މުޒާހަރާއަށް ނިކުމެ، ފައިސާ ދިނުމަށް ގޮވާލައި އެކަމަށް އަޑުއެފުލުމުންނެވެ.
މި ސަރުކާރުގެ ރިޔާސީ ވައުދަކީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޫކުރުން ނަމަވެސް ގަވައިދުން ފައިސާ ޖަމާކޮށް ނުދޭކަމަށް މަސް ދޯނިތަކުން ބުނެ އެވެ. އަދި ކުރީ ސަރުކާރުން ވާރުތަވެގެން އައި އަދަދުތަކާއި އެކު ބެކްލޮގު ކްލިއާ ކުރި ފަހުން އަނެއްކާވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިލިއަނުން މައްޗަށް އަރަ އެވެ.
މާލޭގެ ފަޅުތެރެއަށް މަސް ދޯނިތަކުން ވަދެ، މުޒާހަރާތައް ކުރުމުން އެތަނަށް ވަޑައިގެން ފިޝަރީސް މިނިސްޓަރ ޝިޔާމް ވަނީ ސަރުކާރުން މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އިއްޔެއިން ފެށިގެން މުޒާހަރާ ކުރަމުން ދަނީ ދެކުނުގެ މަސްވެރިންނެވެ.
އައްޑޫގެ ހުޅުދޫ – މީދޫ މިފްކޯ ކައިރީ ކުރިޔަށްދާ މުޒާހަރާއާއި ގުޅޭގޮތުން ފުލުހުން ބުނީ އެ ރަށުގައި މިވަގުތު 80 ވަރަކަށް މަސްވެރިން މުޒާހަރާ ކުރަމުންދާކަމަށެވެ. އަދި މަސްވެރިންނަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދޭނަމަ، މަސްފެކްޓްރީގައި މަސައްކަތް ކުރާ އިސްވެރިން ބޭރުކުރާނެކަމަށް ބުނެފައިވާކަމުގެ ރިޕޯޓު ލިބޭކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މަސްވެރިންގެ ފަރާތުން ސޯޝަލް މީޑީއާގައި ބައެއް ވީޑިއޯތަކުގައި އާންމުކޮށްފައިވާއިރު، ބައެއް މީހުން ވަނީ އާއިލާ އުޅެން ޖެހިފައި ވަނީ ވަރަށް ދަތި ހާލުގައިކަން ފާހަގަކޮށްފަ އެވެ.

