އެމް.އެން.ޑީ.އެފް “ އެޑްވާންސްޑް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ( އީއޯޑީ ) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހެޑްކުއޯޓަރޒް، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ. މީގެ އިތުރުން މި ރަސްމިއްޔާތު ބާއްވައިފައިވަނީ ޖޫން 24 ވަނަ ދުވަހުގައެވެ. މި ކޯހުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެ ދާއިރާގެ ތަޖުރިބާ ލިބިފައިހުރި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓްރަކްޓަރުންނެވެ.
އެއްމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އޮނަރ ގްރެޖުއޭޓް އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް ޙުސެއިން ޒަޔާން ( ސ.ނ 8322 ) އެވެ. މި ކޯހުގެ ސެކަންޑް އިން މެރިޓް ލާންސް ކޯޕްރަލް މުޙައްމަދު ޝާވިން (ސ.ނ 8327) ހޯދާފައިވާއިރު، ކޯހުގެ ތާޑް އިން މެރިޓް ހޯދާފައިވަނީ ޕްރައިވެޓް ޝަހުދާ އަބޫބަކުރު (ސ.ނ 8714) އެވެ. ކޯހުގެ ބެސްޓް އައިއީޑީއަކަށް ހޮވިފައި ވަނީ ލާންސް ކޯޕްރަލް ޒަޔާން ޒަކަރިއްޔާ (ސ.ނ 8153) އެވެ. އެ ފަރާތްތަކަށް ހަނދާނީ ފިލާއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ. އަދި ކޯސް ފުރިހަމަ ކުރި ސިފައިންނަށް ސެޓްފިކެޓާއި، އެޑްވާންސްޑް އީއޯޑީ ކޯހުގެ ބެޖު ހަވާލުކޮށްދެއްވީ ސްރީލަންކާ އަރމީ ޗީފް އޮފް ފީލްޑް އިންޖިނިއަރ، މޭޖަރ ޖެނެރަލް ޕީޕީއޭ ޕެރޭރާއެވެ.
މި ކޯހުގައި ޖުމްލަ 27 ސިފައިން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން 4 އަންހެން ސިފައިން ވަނީ ބައިވެރި ވެފައެވެ. މި އީއޯޑީ ކޯހަކީ އެމްކިއޫ ލެވެލް3 ގެ ކޯހެކެވެ. މި ކޯހުގައި އެކި ކަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމު އުނގަންނައި ދީފައިވެއެވެ. މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ބައެއް ޖެނެރަލް އޮފިސަރުންނާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާނު ޢަލީގެ އިތުރުން ކޯހުގެ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވަޑައިގެންނެވިއެވެ.

