މާލީ ބާރުވެރިކަމާއިއެކު ނޫނީ، ފުރިހަމަ ލާމަރުކަޒީ މިނިވަންކަމެއްގައި ކައުންސިލްތައް ނުހިންގޭނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފަރާތުން އާމްދަނީ އިތުރުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުން ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ސުވާލުކުރުމަށް މޭޔަރ އާތިފް ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ 5 އިންސައްތައަކީ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ އަދަދުކަމަށެވެ. މިއީ އިތުވާން ޖެހޭ އަދަދެއްކަމަށް އާތިފް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއިއެކު އިތުރު ޒިންމާތަކެއް ކައުންސިލަށް މަތިވެފައިވާކަމަށް ފާހަގަކޮށް އާތިފް ވިދާޅުވީ އެގޮތުން މިސްކިތްތަކާއި ބަނދަރުގެ އިތުރުން އެހެން މުނިސިޕަލް ހިދުމަތްތައްވެސް ކައުންސިލާއި ހަވާލުކޮށްފައިވާކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލްގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ބަލަމުންދާކަމަށް އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ މާލީ ބާރުވެރިކަމާއިއެކު ނޫނީ، ފުރިހަމަ ލާމަރުކަޒީ މިނިވަންކަމެއްގައި ކައުންސިލްތައް ނުހިންގޭނެކަމަށެވެ.
އެހެންކަމުން އަޅުގަނޑުމެން މި ކައުންސިލް ހުވާކުރި އިރުގައި، އަޅުގަނޑު ހަނދާން ވާ ގޮތުން، އޭރުގައި ރަށުގެ އާމްދަނީ އަކީ، ކައުންސިލް އާމްދަނީ އަކީ އަހަރަކު 2.5 މިލިއަން ރުފިޔާ. އެހެން ނަމަވެސް ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ހޯދުނު ކާމިޔާބީއަކީ، 2023 ވަނަ އަހަރު އަޅުގަނޑުމެންގެ އާމްދަނީގެ ގޮތުގައި ހޯދި 10 މިލިއަން ރުފިޔާ.
އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލާއި ހަވާލުވުމަށްފަހު މިވީ 3 އަހަރުގެ ތެރޭގައި ކައުންސިލްގެ އާމްދަނީ ވަނީ 8 މިލިއަނަށްވުރެ ގިނަ ރުފިޔާއިން އިތުރުވެފައެވެ. ކައުންސިލާއި ހަވާލުވީއިރު، އާމްދަނީ އަކީ 2.5 މިލިއަން ރުފިޔާ ނަމަވެސް 3 އަހަރުވީއިރު އާމްދަނީ 10 މިލިއަންއަށް އުފުލިފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.
އާމްދަނީ އިތުރުކުރުމަށްޓަކައި ވިޔަފާރިއަށް ބިން ދޫކުރުމާއި، ކުލި ނުލިބޭ ތަންތަނުން ކުލި ހޯދުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީގައި ދުއްވާ ވެހިކަލްތަކުގެ އަހަރީ ފީވެސް ލިބޭނީ ކައުންސިލަށްކަމަށް މޭޔަރ ވިދާޅުވިއެވެ.
އާމްދަނީ އިތުރުކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތްތަކެއް ކުރެވޭނީ، ސިޓީ ކައުންސިލްގެ ވިޔަފާރި މުއާމަލާތްތައް އިތުރުކޮށްގެންކަމަށް ފާހަގަކޮށް މޭޔަރު ވިދާޅުވީ، މިކަމަށްޓަކައި ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމަކީ މުހިންމުކަމެއްކަމަށެވެ. މިއަހަރުގެ ތެރޭގައި ކުންފުނި ރަޖިސްޓާކޮށް ކުންފުނި ފަންގްޝަން ކުރުމަށް ރާވާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.
ބައެއް ހިސާބުތަކުގައި މި ކުންފުނިތައް ރަޖިސްޓްރީ ކުރެވިފައި އެބަހުރިކަމަށް ފާހަގަކޮށް މޭޔަރު ވިދާޅުވީ ނަމަވެސް ރަނގަޅަށް ފަންގްޝަން ކުރާ މަންޒަރު ނުފެންނަކަމަށެވެ. އެއީ ރަނގަޅު ފައިނޭންޝަލް އަދި ބިޒްނަސް ޕްލޭންއެއް ނެތުމުންކަމަށް ފާހަގަކޮށް މޭޔަރު ވިދާޅުވީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ފަށާނީ މިކަމަށް ކޮންސަލްޓަންޓުންވެސް ހޯދައިގެންކަމަށެވެ.
މޭޔަރު ވިދާޅުވީ މީގެ ފައިދާ ރަނގަޅަށް ލިބެން ފަށާނީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައިކަމަށެވެ.

