ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަވާލުކުރީ އަމާނާތެކެވެ، ވީ ޙިޔާނާތެވެ!

ރިޔާސީ އިންތިހާބުގެ ކުރިން ބޭއްވި ސަންގު ބަހުސް- ރިޔާސީ ބަހުސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމްކުރައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ބަދަލު ކުރުމަށް އިސްލާހީ ހަރަކާތެއްގެ ނަމުގައި ސިޔާސީ ކުޅިވަރެއް ކުޅެން ފެށީއްސުރެ މިއަދާއި ހަމައަށް ވެސް ބަދަލު ކުރުމެއް ނެތި ސިޔާސީ ވެރިން ކިޔަމުންދާ އެއް ލަވަޔަކީ ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖަހައި ގައުމު ތަރައްގީ ކުރާ ވާހަކައެވެ. މިލަވަ ކިޔައިދީގެން ފެހި ފޮތުގެ ހިޔާވަހިކަމުގެ ދަށުން ގައުމުގެ ތަޙުތަށް ފަސް ވަނަ ފަހަރަށް ބޭފުޅަކު ވެޑުވިއިރު ގައުމު އޮތީ އަނދަވަޅަކަށް ވެއްޓި މަރުވުމުގެ ތުންފަތްމަތީގައެވެ. މިއަނދަވަޅުން ގައުމު ސަލާމަތްކޮށް އަމާން އަށްސޭރިއަކަށް ގެނެސްދިނުމުގެ ވާހަކަ އަދު ތަޙުތުގައި އިންނެވި ވެރިމީހާ ދައްކަވަން ފެށުމުން ވަޢުދާއި ހިލާފްވީއޭ ރައްޔިތުންގެ ޖީބަށް އަތްބާނަން ތައްޔާރުވަނީއޭ ބުނެ ބަޔަކު މީހުން އަޑުހަރުކޮށް ވާހަކަ ދައްކަމުންދާއިރު ”އަސްލު“ ކަންވީ ގޮތާއި މިހާރު ކަން އޮތް ގޮތް އަދުގެ ހާލަތު އެނގެން އެބަޖެހެއެވެ.

ފެހި ފޮތުގެ ހިޔަލުގައި ގައުމުގެ އިގްތިސާދު ނގާ ކޮޅަށް ޖަހައި ގައުމުގެ ތަރައްގީ ކުރުމަށް ދިވެހި ދައުލަތުގެ ތަޙުތުގައި ފަސް ވަނަ ބޭފުޅަކު ވަޑުވައިގެން ކުރިއަށްދާއިރު ދިވެހި ދައުލަތުގެ ތާރީހުގައި ވެސް އިގްތިސާދު ނުވެއްޓޭހާ ފުން އަނދަވަޅަކަށް ވެއްޓުނީ ނިމިދިޔަ ފަސް އަހަރުގެ ވެރިކަމުގައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. މިހެން ބުނަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި މާލީ ހާލަތު ދިރާސާ ކުރާ ފަރާތްތަކުންނެވެ. އެކަން ނަންބަރުތަކުން ވަރަށް ވެސް ސާފެވެ.

ނިމިދިޔަ ފަސް އަހަރުގެ ވެރިކަމުގެ ދައުރުގައި މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ޢާލަމީ ވަބާގެ ތެރޭގައި ދައުލަތުގެ ބައިތުލްމާލުން ހޯދި ނަހަމަ މަންފާގެ ވާހަކަ ނުވަތަ ހިންގި ކޮރަޕްޝަނާއި، ކުރި ކަމަށް ބުނާ ވައްކަމުގެ ވާހަކަ އެނގޭތީ އެވާހަކަ ދޫކޮށްލާނަމެވެ. ސަބަބަކީ ކޮވިޑުގެ ތެރޭގައި ކުރި ކަމަށް ބުނާ ވައްކަމުގެ އިތުރަށް ސަރުކާރުގެ ކުންފުނިތަކުން ކުރި ވައްކަމާއި ހިންގި ޖަރީމާތަކުގެ ނަތީޖާއަކީ ދިވެހި ދައުލަތް ފުންމިން ނޭނގޭ އަނދަވަޅަކަށް ވެއްޓިގެން ދިއުމެވެ. ބައިނައްލަގުވާމީ މާލީ އިދާރާތަކުގެ ނަޒަރުގައި މިއަދު ދިވެހި ދައުލަތަކީ ބަނގުރޫޓުވުމުގެ މަރުހަލާގައި އޮތް ދައުލަތެކެވެ. ސަބަބު ވަރަށް ވެސް ސާފެވެ. ދައުލަތުގެ ފައިސާއަށް ޙިޔާނާތްތެރިވީއެވެ.

ގެއްލުމުގެ ބަދަލު ދިނުމުގެ ނަމުގައި އެކި ފަރާތްތަކަށް ފައިސާ ބެހުން

ފާއިތުވި ސަރުކާރުން ވެރިކަމާ ހަވާލުވެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ގިނަ އަދަދެއްގެ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ބެހިއެވެ. އެގޮތުން ޝަރުޢީ މަރުހަލާގެ ތެރެއިން ބަދަލެއް ދޭންޖެހޭނަމަ ދޭންވީ ބަދަލު ކަނޑައެޅުމުގެ ބަދަލުގައި، ކޮމިޓީއެއް ހަދައިގެން ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ އެސެޓުތަކާއި ފަޅުރަށްތަކާއި ފައިސާގެ އަގު ޖުމްލަ 1 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އައު ސަރުކާރުން ބުނެއެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރުމުގެ އިތުރަށް ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހިފައި ހުރި ފައިސާވެސް މައާފުކޮށްދީފައިވެއެވެ. އެގޮތުން މައާފުކޮށްދީފައިވާ ފައިސާ ހިމަނައިގެން ބަދަލުގެ ގޮތުގައި ދޫކުރި މިންވަރު ޖުމްލަ 1 ބިލިއަން ރުފިޔާއަށްވުރެ އެތައް ގުނައެއް ބަދަލުގެ ގޮތުގައި ދިން އަދަދު އިތުރުވާނެއެވެ.

ސެޓްލްމަންޓް ކޮމެޓީ އުވައިލެއްވިއިރު، އެ ކޮމިޓީއިން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމައިފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެވެއެވެ.

ކުންފުނިތައް ނުހިންގި ދައުލަތުގެ ދަރަނި މުޅިން އައު އުސްމިންތަކަކަށް

ރައީސް ޑރ މުއިއްޒު ވެރިކަމާ ހަވާލުވިއިރު ދައުލަތް އޮތީ އާންމު ރައްޔިތުންނަށް ދަރާ ވިކިފައެވެ. ދައުލަތުން އާންމު ރައްޔިތުންނަށް ނުދީ 9 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ. މިކަމުގެ ސަބަބުން އިގްތިސޯދީ ހަރަކާތް އޮތީ ހުއްޓިފައެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިއިރު 120 ބިލިއަން ރުފިޔާގެ ދަރަނި އޮތްއިރު އަމިއްލަ ކުންފުނި ތަކަށް ދޭން ހުރި ފައިސާ ނުވަ ބިލިއަން ރުފިޔާ އަށް އަރައެވެ. ނުވީތާކަށް ލޯނު ދައްކަން ހަދާފައިވާ ފަންޑުގައި ހުރި ޑޮލަރު ނަގައި މާރުކޮށް ވަނީ ހުސްކޮށްލާފައެވެ.

މިދިޔަ އަހަރުގެ ބަޖެޓު ރިވިއު ކުރުމަށްފަހު އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ދައުލަތުގެ ބަޖެޓުގެ ރިވިއުގައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެސްއޯއީ ތަކަށް ހަރަދު ކުރަން 764 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް 40 ޕަަސެންޓް އިތުރަށް ވަނީ ސަރުކާރު ކުންފުނިތަކަށް ފައިސާ އަޅާފަ އެވެ. އެހެންވެ މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ބޮޑުތަނުން މަތިވެގެން ދިޔައިރު އަހަރު ނިމުނުއިރު އެސްއޯއީތަކަށް ދިން ފައިސާގެ އަދަދު ވަނީ އެއް ބިލިއަން ރުފިޔާއަށް ވުރެ މަތިވެފަ އެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ދިން ލޯނުގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. ލޯނަށް 371 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް ފުރަތަމަ ނުވަ މަސް ދުވަހު މި އަދަދު ވަނީ 849 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ 129 ޕަސެންޓުގެ އިތުރު ވުމެކެވެ.

ބަޖެޓް ރިވިއުގައި އޮޑިޓަ ޖެނެރަލް ފާހަގަކޮށްފައިވާ ގޮތުގައި ހަރަދުތައް މަތިވެގެންދާ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ނުވުމާއި އިޝްރާފު ބޮޑުވުމުގެ މައްސަލައަށް ހައްލެއް އައިސްފައެއް ނެތެވެ. އެގޮތުން ބަޖެޓުން އެސްއޯއީތަކަށް ފައިސާ އަޅައި ސަބްސިޑީ ދިނުމާއި ލޯނު ދިނުމުގެ ސަބަބުން ދައުލަތަށް ވަނީ ބުރަ ބޮޑުވެފަ އެވެ. އެގޮތުން 2022 ވަނަ އަހަރު ސަރުކާރުން ކުންފުނިތަކަށް ލޯނު ދިން ނިސްބަތް 2.4 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް އޮގަސްޓް މަހުގެ ނިޔަލަށް ދޫކުރި އަދަދު ހުރީ 994 މިލިއަން ރުފިޔާގަ އެވެ.

ބަޖެޓުން ބޮޑު އަދަދަކުން ކުންފުނިތަކަށް ފައިސާ ޕަންޕު ކުރި ނަމަވެސް ސަރުކާރަށް ކުންފުނިތަކުން ދައްކަން ޖެހޭ ޑިވިޑެންޓް ދައްކާފައެއް ނުވެ އެވެ. ސަރުކާރުގެ ކުންފުނި ތަކުން ދައުލަތަށް ދައްކަން ޖެހޭ ކުންފުނި ޑިވިޑެންޓް ދައްކާފައި ވަނީ މަދު ކުންފުންޏެއްކަން އޮޑިޓަ ޖެނެރަލް ފާހަގަ ކުރައްވާފައިވެ އެވެ.

މިދިޔަ އަހަރުގެ ބަޖެޓް ރިވިއުގައި ވާގޮތުން ސަރުކާރުން ނެރެފައިވާ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން އާސަންދަ ރިފޯމް ކުރުމާއި ސަބްސިޑީގެ ނިޒާމު ހަރުދަނާ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައެއް ނެތެވެ. 

އެގޮތުން އާސަންދައިގެ ހަރަދުތައް ވަނީ އަތް ނުފޯރާ ފަށުގައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހު އާސަންދައިގެ ބަޖެޓަށް ކަނޑައެޅި 1.5 ބިލިއަން ރުފިޔާގެ 50 ޕަސެންޓް ހަރަދު ކޮށްފައި ވެއެވެ. އަދި އަހަރު ނިމޭއިރު ހަރަދުތައް ވަނީ 2.3 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. އަދި މި ސްކީމްގެ އިތުރުން ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ފަރުވާ ކުރަން މިދިޔަ އަހަރު 180 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް ފުރަތަމަ ނުވަ މަހު އެ އަދަދު ވަނީ 240 މިލިއަން ރުފިޔާއަށް އިތުރު ވެގެން ގޮސްފަ އެވެ.

ދިވެހި ދައުލަތް ބަނގުރޫޓުވެދާނެ ކަމުގެ ބިރު އެބައޮތް

ކޮންމެއަކަސް މިއަދު ރާއްޖޭގެ އިގްތިސާދީ ހާލަތު ފެންނަނީ ދަރަނި ނުދެއްކޭ ހާލަތު މެދުވެރިވެ ބަނގުރޫޓުވުމުގެ ފުރުސަތު އޮތް ގައުމެއްގެ ގޮތުގައެވެ. ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީ ފިޗުން ބުނެފައިވާ ގޮތުގައި އާންމު ހާލަތެއްގައި ގައުމުތަކަށް ސީސީސީ ޕްލަސްއަށްވުރެ ދަށް ރޭޓިންގް ނުދެއެވެ. އެހެނިހެން ވެބްސައިޓުތަކުން ބަލާއިރު މިއަށްވުރެ ދަށް ރޭޓިންގެ ގޮތުގައި ބަޔާންކޮށްފައިވަނީ “ސީސީ” ރޭޓިންގްކަން ފެނިގެންދާއިރު، އެ ރޭޓިންގް ދެނީ ބަނގުރޫޓުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވުމުން ކަން ފާހަގަކުރެއެވެ.

ފިޗުން ބުނެފައިވާގޮތުން ރާއްޖޭގެ ރޭޓިންގް ދަށްކޮށްފައިވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވަމުންދިއުމުގެ ސަބަބުން ރިސްކުތައް މަތިވުމުންކަމަށެވެ. އަދި ރާއްޖޭގެ ފޮރިން ރިޒާވުން ފައިސާ މަދުވަމުންދިއުމާއި ރާއްޖޭގެ ދަރަނީގެ އަދަދުތައް މަތިވަމުންދިއުމުގެ ސަބަބުން ކުރިއަށް އޮތް ތާނުގައި އައު ސަރުކާރަށް ދަރަނިތައް އަދާކުރުމުގައި ދަތިތައް އިތުރުވެގެންދާކަމަށް ފާހަގަކުރިއިރު ރާއްޖޭގެ ފައިސާ އަގު ހިފެހެއްޓުމުގައިވެސް ދަތިތައް ކުރިމަތިވާނެކަމަށް ބުނެފައިވެއެވެ.

ފިޗުން ބުނެފައިވާގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަރަނި ނަގަންޖެހޭ މިންވަރު ދަށްކުރާނެކަމަށް އުންމީދުކުރާކަމަށް ވީނަމަވެސް މީގެ ކުރިން ނަގާފައިވާ ދަރަނީގެ ސަބަބުން 2025 އަދި 2026ގައިވެސް އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެކަމަށް ބުނެފަައިވެއެވެ.

ކޮންމެއަކަސް މިއަދު އިޤުތިޞާދަށް ކުރިމަތިވެފައި މިއޮތް ހާލަތަކީ ކުރިން ތަސައްވުރުނުކުރެވި އޮތް ހާލަތެއް ނޫނެވެ. މިހާލަތު ދިމާވާން ޖެހުނީ ބަޔަކު މީހުން ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރުމަށް ކުރި މަސައްކަތުގެ ސަބަބުންނެވެ. މިއަދު މުޅި މިފެންނަނީ ބަޔަކު އަމާނާތަށް ޙިޔާނާތްތެރިވުމުގެ ނަތީޖާއެވެ. 

ވަރަށް ގަދަ
45%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 35%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: