އިންވޭސިވް މެނިންގޯކޮކަލް (މެނިންޖައިޓިސް) ރާއްޖޭގައި ފެތުރެމުން ނުދާކަމަށް ސިއްހީ ވުޒާރާއިން އިން ބުނެފިއެވެ.
މި ބަލި ރާއްޖެއިން ފެނުނީ ހައްޖުގެ އަޅުކަމަށްފަހު ރާއްޖެއަށް އައި މީހެއްގެ ގައިންނެވެ. މި ބަލީގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.
މިކަމާއި ގުޅިގެން ސިއްހީ ވުޒާރާއިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ސިއްހީ ހިދުމަތްތެރީންނާއި އާންމު ރައްޔިތުންގެ ގަޔަށް މެނިންގޯކޮކަލް ވެކްސިން ޖަހަންޖެހޭ ފަދަ ހާލަތެއް ނެތްކަމަށެވެ.
ނަމަވެސް އުމްރާއާއި ހައްޖުގެ އަޅުކަމަށްދާ މީހުންނާއި މެނިންގޯކޮކަލް ބަލި އާންމުކޮށް ފެތުރޭ ގައުމުތަކަށް ދަތުރުކުރާ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން އެ ވެކްސިން ފުރިހަމަކުރަން އެދޭ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މެނިންޖައިޓިސް ބަލި ޖެހި ގާތުން އެއްތާވި މީހުންގެ ގޮތުގައި މިހާތަަނަށް 46 މީހަކު ފާހަގަވެފައިވާކަމަށްވެސް މިނިސްޓްރީއިން ބުނިއެވެ. އޭގެތެރެއިން ޕްރޮފިލެކްސިސް ދޭންޖެހޭ މީހުންނަށް ޕްރޮސިލެކްސިސް ދެވިފައިވާކަމަށްވެސް ބުނިއެވެ.
ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ މި ބަލި ޖެހިފައިވާ މީހާއާއިއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދެއްވިގޮތުގައި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުއެވެ.

