ކީރިތި ގުރްއާން ހިތުދަސް ކުރާ ދަރިވަރުން އުމްރާގެ މަތިވެރި އަޅުކަމަށް ފޮނުވުމުގެ މަޝްރޫއުއެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަ ކުރެއްވީ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ، މި މަޝްރޫއު ފެއްޓެވުމުގެ ގޮތުން ފުވައްމުލަކުން ޤުރުއާން ހިތުދަސްކުރި 7 ދަރިވަރަކު ކުރިއަށް އޮތް 2 މަސްތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަހަކު 3 ފޮތަށްވުރެ ގިނައިން ހިތު ދަސް ކުރާ ކުދިންނަށް ޕޮކެޓު މަނީ ދިނުމަށް ހަމަޖެހިފައިވާކަން ވެސް މިނިސްޓަރ ވަނީ ހާމަކުރައްވާފަ އެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ރައީސް ޑރ. މުހައްމަދު މުއިޒުގެ ސަރުކާރުން ކީރިތި ގުރްއާނަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމަށާއި އެކަން އެމަނިކުފާނުގެ މެނިފެސްޓޯގައި ބަޔާން ކުރެވިފައިވާނެކަމަށާއި އެކަން ހާސިލް ކުރުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް ވުޒާރާގެ ފަރާތުން ދޭން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފެވެ.
މި އަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެއެވެ. އެއީ 52 ސިޓީ ސްކޫލުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިންނެވެ. މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ.
މި އަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށް ދާނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ.
ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕޮސް ހޯލްގައެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް، ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 10:30 އަށް މުބާރާތުގެ ކިޔެވުން ކުރިއަށްދާނެއެވެ. ހުކުރު ދުވަސްތަކުގައި ކިޔެވުން ކުރިއަށްދާނީ ހަވީރާއި ރޭގަނޑެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

