ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ފުލުހުންގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަަށްޓަކައި އިދާރީ ހިންގުމުގެ އޮނިގަނޑު އަލުން އެކުލަވާލައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތައް ޖުލައި މަހުން ފެށިގެން އަމަލު ކުރަން ފަށާނެކަމަށެވެ.
ފުލުހުންގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މުޅި އޮނިގަނޑު ވަނީ ލޯކަލް ޕޮލިސިންގ ރީޖަންތައް ހިމެނޭގޮތަށް ކޮމާންޑް، ޑައިރެކްޓްރޭޓް ލެވަލްގެ 17 ބަހާއެއްގެ މައްޗަށް ބައްޓަންކޮށްފައެވެ. އަދި ކޮމާންޑް ލެވަލްގައި ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ ބަހާއެއް ގާއިމްކޮށް، ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުއައްސާސާއެއް ބިނާ ކުރުމަށްޓަކައި ޑިޖިޓަލް ކޮމާންޑެއް މުޅިން އަލަށް ގާއިމު ކުރުން ހިމެނެ އެވެ.
މީގެއިތުރުންދެ ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް ތަނާ އެކަށީގެންވާ ޕޮލިސިން ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއް ގާއިމުކޮށްފައިވާކަން ފާހަގަކުރެވެ އެވެ. އަދި ސްކޭމްގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް އެންޓި ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން މާލެއާއި ހުޅުމާލޭގައި ޓްރެފިކް ޕޮލިސް ވަނީ ގާއިމްކޮށްފައެވެ.
ފުލުހުން ބުނީ އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި ތަައުލީމާއި ތަމްރީނާ ގުޅޭގޮތުން ކޮމާންޑް/ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިން ވަނީ އައްޔަންކޮށްފައެވެ.
މި މަސައްކަތައި އެކު ފުލުހުންގެ ގަވަނަންސް ނިޒާމު ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަން ކުރުމަށްޓަކައި ހިދުމަތް ތަރުތީބުވެގެން ދާނެ އެވެ.
ރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނާއެކު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން މުހިންމު ކަންތައްތަކެއް ހާސިލު ކުރެވިގެންދާނެ އެވެ.
އެގޮތުން މަސްތުވާތަކެއްޗާއި ގޭންގު ވައިލެންސާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާ ދެކޮޅަށް މަސައްކަތް ކުރާނެ ބަހާއެއް ގާއިމުކުރެވިގެންދިއުމާއި ސްކޭމްގެ ޝިކާރައަކަށް ވުން މަދު ކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރެވިގެން ދިއުމާއި ނެއިބަހުޑް ޕޮލިސިންގ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ލޯކަލް ޕޮލިސިން ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރުމުގެ މަސައްކަތްކުރެވިގެންދާނެއެވެ.
މީގެ އިތުރުން މުސްތަގުބަލަށް ފޯކަސް ކުރާ އަދި ޑޭޓާ ޑްރައިވަން ޕޮލިސިންގ ތަންފީޒު ކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ގާއިމު ކުރެވިގެންދިއުމާއި އަބަން ސެންޓަރުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތާއި ޕޮލިސް ބޭސިކް ސްކިލްސް ތަރައްގީކުރުމާއި ލީޑަރޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއަރ ތަމްރީނު ޕްރޮގްރާމްތައް ފެށުމުގެ މަސައްކަތުގެ އިތުރުން ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒުކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަނަންސް އަދި ޑިސިޝަން މޭކިންގ ނިޒާމުގައި މި ފްރޭމްވޯކް ބޭނުންކުރުމުގެ މަސައްކަތްފެށިގެންދާނެއެވެ.

