ރާއްޖޭގައި ތިބި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބި ކުދިންނަށް ބޭނުންވާ ފަރުވާއާއި ރިހެބިލިޓޭޝަން ޕްރޮގްރާމަށް ވަކި މަރުކަޒެއް ގާއިމު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ކެބިނެޓު ބައްދަލުވުމަށް ހޯމް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް، ވަޒީރުންގެ ލަފާގެ މަތީން ރައީސް މުއިއްޒު ނިންމަވާފައި ވަނީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ ”ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ“ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި ގާއިމުކުރުމަށް ނިންމަވާފައިވެއެވެ.
މިފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލު ހޯމް މިނިސްޓްރީން ވަނީ ރައީސަށް ހުށަހަޅުއްވާފަ އެވެ. ކުށުގެ ވެށީގައި އުޅޭ ކުދިން ދެނަގަނެ، އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށައި ވަކި ރަށެއް އެ މަސައްކަތަށް ކަނޑައަޅައި މިނިސްޓްރީން އެކަން އިއުލާނު ކުރީ މިދިޔަ މޭއި މަހު އެވެ.
ކުށްތަކަށް އަރައިގަންނަ ކުދިންގެ އަދަދު އިތުރުވަމުން، އަންނަ އިރު ޖިނާއީ ކުށްތަކަށް އަރައިގަންނަ މީހުން ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ކުޑަކުދިން ބޭނުން ކުރެ އެވެ.
ހޯޕް އައިލެންޑުގެ ކޮންސެޕްޓުގެ މައުލޫމާތުތައް މީޑިއާތަކަށް ހިއްސާ ކުރައްވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ވިދާޅުވީ، ހޯޕް އައިލެންޑަށް ގެންދާ ކޮންމެ ކުއްޖަކު ވެސް 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި ޖިނާޢީ ކުށެއް ކޮށްގެން ކުޑަކުދިން ޒިންމާވާން ޖެހޭ އުމުރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާކަން ވެސް ހާމަކުރެއްވި އެވެ.
ޖިނާޢީ ކުށެއްގެ ޒިންމާ ކުޑަކުއްޖަކު މިހާރު ނަގަންޖެހޭ ޢުމުރަކީ 15 އަހަރެވެ. ނަމަވެސް ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
އިހުސާން ވިދާޅުވީ، 12 އަހަރުގެ ކުޑަކުދިންވެސް ތަފާތު ބާވަތްތަކުގެ ކުށްތަކަށް އަރައިގަންނަމުން އަންނަ ކަމަށާއި، ކުށުގެ މާޙައުލުން އެކުދިން ދުރުކުރެވޭނީ އެ ކުދިންނަށް ވެސް ގާނޫނީ ގޮތުން ފިޔަވަޅު އެޅިގެން ކަމަށެވެ. އެގޮތުން ޖިނާއީ ކުށެއްގެ ސަބަބުން ޒިންމާ ނަގަން ޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއިއެކު މިހާރު ފަށާފައިވާކަން ފާހަގަކުރެއްވި އެވެ.
ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަ ކުރެވުމާއެކު 12 އަހަރުގައި ކުށަށް އަރައިގަންނަ ކުދިންވެސް ރީހެބިލިޓޭޓްކުރުމަށް ހޯޕް އައިލެންޑަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

