ކޯޓުގައި މައްސަލަ ތާށިވެފައި ވާތީ، ކުށުގެ ތުހުމަތު ކުރެވޭ މީހަކު ވާނުވާ ބަންދެއްގައި ގިނަ ދުވަސް ހުންނަން ޖެހިފައި ވަނީ ގާނޫނުގައި ބުނާ ގޮތުގެ މަތީން ތާވަލެއް އެކުލަވާލައި ޝަރީއަތް ކުރިޔަށް ނުގެންދާތީކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން މިއަދު ޝަމީމްއާއި ބައްދަލު ކުރީ ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ޖިނާއީ އަދުލުގެ ނިޒާމުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ބޭނުންވާކަން ހާމަކުރެއްވުމުންނެވެ. ޕީޖީގެ ސިޓީގައި ވާގޮތުން، ބޭނުން ވަނީ އެ ނިޒާމާ ގުޅޭގޮތުން މެމްބަރުންގެ ހިޔާލުތައް ހުރި ގޮތް ދެނެގަތުމަށެވެ. އެ ސިޓީގައި ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ބައްޓަން ކުރުމަށް ބޭނުންވާ ގޮތާއި، ތަސައްވުރަށް ވާސިލުވުމަށް ޕީޖީ އޮފީހުން ކުރެވޭނެ ކަންތަކާ ގުޅޭގޮތުން މައުލޫމާތު ބަދަލު ކުރުން މުހިންމުކަމަށް ދެކޭކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ އިސްލާހަށް މަސައްކަތް ކުރުމުގައި، ޖިނާއީ އަދުލުގެ ނިޒާމު މިހާރު އޮތް ހިސާބާއި ކަންކަން ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަންނަން ޖެހޭކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ، ކޯޓުގައި ޝަރީއަތް ތާށިވެ ދިގުލައިގެން ދިއުމާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. އެގޮތުން މެމްބަރުން ވަނީ، ދާދި ފަހުން ވެސް ޝަރީއަތް ނިމެން ދެން ބަންދުގައި ހުރި މީހަކު ނިޔާވިކަން ފާހަގަކޮށްފަ އެވެ.
ޝަރީއަތްތައް ދިގުލައިގެން ގޮސް، ބަންދުގައި ގިނަ ދުވަސް ހޭދަ ކުރުމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވައި ވާހަކަ ދެއްކެވީ ޝަމީމެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޝަމީމް މިއަދު ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމުގެ ބާރު އޮތީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އަތް މަތީ ނޫންކަމަށާއި، ވާނުވާ ބަންދެއް އުފެދިގެން އަންނަނީ މައްސަލަތައް ކޯޓުތަކުގައި ތާށިވުމުގެ ސަބަބުން ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮތީ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދި ހުށަހެޅުމަށް ވާތީ އެގޮތަށް ޝަރީއަތުގެ މަޖިލީހުގައި ޕީޖީ އޮފީހުން އެދެނީކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ބައެއް ކުށްތަކުގެ އަމަލުތައް އެ ގާނޫނުގައި ބަޔާން ކުރާ ހާލަތަށް ނުފެތޭ ނަމަ، ޝަރީއަތް ނިމެންދެން ބަންދުކޮށް ދޭން އެދި ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. ޝަމީމް ވިދާޅުވީ ގާނޫނުގައި ބަޔާން ކުރާ ބައެއް ހާލަތްތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު މަޖިލީހުގެ މެމްބަރުންނަށް އެބައޮތް ކަމަށެވެ. އަދި މިސާލެއް ނަންގަވައި ވިދާޅުވީ މެމްބަރުން ބޭނުންވާ ނަމަ، އެ ހާލަތްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާކަމުގެ ކުށުގައި ހައްޔަރު ކުރާ މީހާ އެފަދަ ބަންދަކަށް ނުޖެހޭނެކަމަށް ލިޔެވިދާނެ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޝަރީއަތް ނިންމަން ޖެހޭ ތާވަލެއް އެކުލަވާލަން ޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރެވޭކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވާނުވާއަކީ ރަނގަޅު މަހުފޫމެއް ނޫންކަމަށާއި، ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ޝަރީއަތް ހިނގާނެ ގޮތާއި، ނިމެނޭ ތާރީހު އަދި ދެން ޝަރީއަތް އޮންނާނެ ދުވަހެއްގެ ތަފްސީލެއް ނުވަތަ އަންދާޒާ ތާވަލެއް އެނގެން ޖެހޭކަމަށެވެ. އެގޮތަށް އެކަން ނުކުރެވޭކަމަށް ކަންބޮޑުވުންފާޅުކޮށް ޝަމީމް ވިދާޅުވީ، ޝަރީއަތްތަކުގެ ތާވަލު ކޯޓުތަކުން ނަހަދާކަމަށެވެ. އެކަން ހައްލުކޮށް ދޭން އެދި، ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސިޓީ ހުށަހަޅާފައިވާނެކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ގާނޫނު ތަސައްވުރު ކުރާ ގޮތަކީ، ހަ މަސް ދުވަހާއި އެއް އަހަރެއްގެ މުއްދަތުގެ ތެރޭގައި ޝަރީއަތެއް ނިމިގެން ދިއުން ކަމަށެވެ. އެކަން އެގޮތަށް ނިންމުމުގެ ފުރުސަތު މިވަގުތު ވެސް އެބައޮތްކަމަށާއި، ކޯޓުތަކުން ޝަރީއަތް ހިންގާނަމަ ވާނުވާ ބަންދު އެ ލަފްޒު ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ޝަމީމް ވިދާޅުވީ ޝަރީއަތްތައް ފުނި ޖެހި، ގިނަވެފައިވާކަން ވެސް އޭނާ ގަބޫލު ކުރާކަމަށެވެ. އެކަމަކު އެކަން ހައްލު ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް އެބަހުރިކަމަށް އޭނާ ވިދާޅުވި އެވެ.

